Roadha Mihaaru
ކޮވިޑަށް ޕޮޒިޓިވް ބޭފުޅުން ހުވާކުރައްވާނީ އޮންލައިންކޮށް

ކޮވިޑަށް ޕޮޒިޓިވް، ކަރަންޓީނުގައި ތިއްބެވި އިންތިހާބީ ކައުންސިލަރުން ހުވާކުރެއްވުން އޮންލައިންކޮށް

11 މެއި 2021

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އަރައިފޭބުން މަނާކޮށްފައިވާ ރަށްރަށާއި ކައުންސިލްތަކަށް އަލަށް އިންތިހާބުވި ބޭފުޅުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އަދި ކަރަންޓީނުގައި ތިއްބެވި ބޭފުޅުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އަރައިފޭބުން މަނާކޮށްފައިވާ ރަށްރަށާއި ކައުންސިލްތަކަށް އަލަށް އިންތިހާބުވި ބޭފުޅުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އަދި ކަރަންޓީނުގައި ތިއްބެވި ބޭފުޅުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އިންތިހާބީ ކައުންސިލަރުން މި މަހުގެ 17 ގައި ހުވާކުރަން ނިންމާފައިވާއިރު، އެލްޖީއޭ އިން ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަލަށް އިންތިހާބުވި ބޭފުޅުން އިގުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރާނެ ގޮތުގެ ގައިޑްލައިން އާންމުކޮށްފަ އެވެ.

އޭގައި ބުނާ ގޮތުން، އެއް މާލަމެއްގައި ރަސްމިއްޔާތު ބާއްވަން ވާނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގަ އެވެ. އެކަމަކު، އެޗްޕީއޭގެ ހުއްދަ ލިިބިއްޖެ ނަމަ އެއް މާލަމެއްގައި ވެސް ކުރިއަށް ގެންދެވިދާނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ރަށެއްގައި ވެސް ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހޭއިރު، ހުވާކުރުމަށް ފަހު އެކަމުގެ އިގްރާރުގައި ވެސް ސޮއިކުރަން ޖެހެ އެވެ. އެއް މާލަމެއްގައި ނުބޭއްވޭ ނަމަ އިގްރާރުގައި ސޮއި ކުރުން އޮންނާނީ ރަށު ކައުންސިލަރުންނާ އެއްކޮށް ބޭއްވޭ އޮންލައިން ޕްލެޓް ފޯމެއްގައި ކަމަށް މި ގައިޑްލައިން ބުނެ އެވެ. އަތޮޅު ކައުންސިލުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން، އެ އަތޮޅެއްގެ ރަށު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ނިމި ރަށު ކައުންސިލުތަކުގެ ރައީސުން މަގާމާ ހަވާލުވެފައިވާކަން އަތޮޅު ކައުންސިލުގެ އިދާރާއިން ވެސް ކަށަވަރުކުރަން ޖެހެ އެވެ.

ގައިޑްލައިންގައި ބުނީ ކަރަންޓީނުގައި ނުވަތަ ކޮވިޑަށް ޕޮޒިޓިވްފައި އެއްވެސް އިންތިހާބީ ކައުންސިލަރަކު ހުރެއްޖެ ނަމަ، ކައުންސިލުން އިންތިޒާމުކުރާ ހުވާކުރުމުގެ ރަސްމިއްޔާތެއްގައި އޮންލައިންކޮށް ބައިވެރިވެ، ހުވާކުރައްވައި މަގާމާ ހަވާލުވެވޭނެ އިންތިޒާމުތައް އެ ކައުންސިލުގެ އިދާރާއަކުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އެއީ އަންހެނުންގެ ތަރައްގީ އަށް މަަސައްކަތްކުރާ ކޮމިޓީ އަށް އިންތިހާބުވި ބޭފުޅެއް ވިޔަސް އޭނާ ކަރަންޓީނުގައި ހުންނަވާ ހާލަތެއްގައި އިންތިޒާމުތައް ހަމަޖައްސަން ޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

"އޮންލައިންކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާ ނަމަ އިގްރާރުގައި ސޮއިކުރުމަށް ފަހު އިގްރާރު ސްކްރީނަށް ދައްކަންވާނެ އެވެ،" ގައިޑްލައިންގައިވެ އެވެ.

އޭގައި ބުނީ ހުވާކޮށް، އިގްރާރުގައި ސޮއިކުރުމަށް ފަހު އޭގެ އަސްލު ކައުންސިލްތަކަށް ފޮނުވަން ޖެހޭނެ ކަމަށެވެ. ސޮއިކޮށްފައިވާ އިގުރާރުގައިވާ ލިޔުން ސާފުކޮށް އެނގޭނެ ސްކޭން ކޮޕީއެއް/ފޮޓޯއެއް ހުވާކުރުމުގެ ރަސްމިއްޔާތުގެ ނިމުމަށް ފަހު ކައުންސިލްތަކުން އެލްޖީއޭ އަށް ފޮނުވަން ޖެހެ އެވެ. ގައިޑްލައިން ބުނާ ގޮތުން ހުވާކުރުމުގެ ރަސްމިއްޔާތު ނިމޭތާ ގަޑިއިރެއްގެ ތެރޭގައި އޭގެ ކޮޕީ ފޮނުވަން ޖެހެ އެވެ.

ހުވާކުރުމުގެ އޮންލައިން ރަސްމިއްޔާތަށް ދައުވަތު ދިނުމަށްޓަކައި ލިންކް ނުވަތަ ދައުވަތު ފޮނުވުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހެނީ ވެސް ކައުންސިލުތަކުންނެވެ.

އިންތިހާބީ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހަފުތާގައި ބާއްވާއިރު، މާލެ ސަަރަހައްދުގެ އިތުރުން އެހެން ވަރަށް ގިނަ ރަށްރަށަށް ވެސް ކޮވިޑް ފެތުރި އެ ރަށްތަކަށް އަރައިފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.