Roadha Mihaaru
މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔައިފި

މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔައިފި

13 އެޕްރީލް 2021

މާލޭގެ މޭޔަރުކަން ކާމިިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ އިން މަރުހަބާ ކިޔައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މޭޔަރުކަން ކާމިިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ އިން މަރުހަބާ ކިޔައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި މުއިއްޒު ވަނީ ބޮޑު ތަފާތަކުން މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ހޯދައިފަ އެވެ. މިއީ އެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ މުއިއްޒަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ކުރެއްވި ފޯން ކޯލަކުން ކަމަށެވެ. ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން އެ ފޯން ކޯލްގައި މަޝްވަރާ ކުރެއްވި ކަމަށް ޗައިނާ އެމްބަސީން ބުންޏެވެ.

ޗައިނާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޒަންގް ލިއޮންގްގެ ދައުރު ހަމަވުމާ ގުޅިގެން ދާދި ފަހުން އޭނާ ވަނީ ގައުމަށް އެނބުރި ވަޑައިގެންފަ އެވެ. ސަފީރަކު ނެތް ހާލަތެއްގައި އެމްބަސީތައް ހިންގާނީ އެ އެމްބަސީގެ ޝާޖެޑެ އެފެއާޒެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީގައި ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގިއިރު، ހައުސިން މިނިސްޓަރަކީ މުއިއްޒެވެ. އެގޮތުން ހިޔާ މަޝްރޫއު އާއި ހުޅުލެ އާއި މާލެ ބްރިޖްގެ މަޝްރޫއުއަކީ ޗައިނާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެވެ. މީގެ އިތުރުން ވެސް ބައެއް ރަށްރަށުގައި މަގު ހެދުމާއި ފްލެޓް ހެދުން ފަދަ ކަންކަން އެ ގައުމުގެ އެހީގައި ވަނީ ޔާމީންގެ ސަރުކާރުގައި ހިންގައިފަ އެވެ.

އޭގެ ނަތީޖާއަކީ ޔާމީންގެ ސަރުކާރުގައި ކުރިއަށް ވުރެ ބޮޑަށް ރާއްޖެ-ޗައިނާގެ ގުޅުން ބަދަހިވެ، ބޮޑެތި އެހީތަކާއި ލޯނުތައް ލިބެން ފެށުމެވެ.