Roadha Mihaaru
މާލޭގެ މޭޔަރަކަށް މުއިއްޒު، އައްޑުއަށް ލަތީފް

މާލެ އަށް ޕީޕީއެމްގެ ޓިކެޓު ޑރ. މުއިއްޒަށް، އައްޑު އަށް ވޮލީ ލަތީފް

19 ފެބުރުއަރީ 2020

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އައްޑު އަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އައްޑު އަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އެ ދެ ބޭފުޅުންގެ ތެރެއިން މުއިއްޒުގެ ފޯމު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައި ކަމަށް އެނގިފައި ވެ އެވެ. ލަތީފްގެ ފޯމު ޕީޕީއެމްގެ ފަރާތުން މާދަމާ އެ ކޮމިޝަނަށް ހުށަހަޅާނެ އެވެ.

ހިތަދު އަށް އުފަން ލަތީފް "މިހާރު" އަށް މިރޭ ވިދާޅުވީ، މި ފަހަރު ބަދަލަކަށް އޭނާ އަށް ވޯޓު ދިނުމަށް އެ ސިޓީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"އައްޑޫ ސިޓީ ކައުންސިލް ތިން ފަހަރަށް އެމްޑީޕީ އަށް ދީފި. އެމްޑީޕީގެ ފުލް މެޖޯރިޓީ އެ ތިން ބުރުގައި ވެސް އޮތް. އެކަމަކު، ނަތީޖާއެއް ނުފެނުނު. ތިން ފަހަރު ވެސް ނަތީޖާ ނުފެނުނީމާ މި ފަހަރު ބަދަލު ކުރަން ހިނގާށޭ އަޅުގަނޑު މި ދަންނަވަނީ،" ވޮލީ އެސޯސިއޭޝަންގެ ރައީސްގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަމާއި އައްޑޫ މީހުން އިސްވެ އުފެއްދި ފުޓުބޯޅަ ކްލަބް އައިއެފްސީގައި ވެސް އުޅުއްވި ލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑު ހޮވިއްޖިއްޔާ އިޚުލާސްތެރިކަމާ އެކު އައްޑޫގެ ރައްޔިތުންނަށް މަސައްކަތް ކޮށްދޭނަން. އެކަމުގައި ޝައްކު ކުރާނެ ޖާގައެއް ވެސް ނޯންނާނެ."

ލަތީފް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް މި ސަރުކާރަށް އޮއްވައި އަނެއްކާ ކައުންސިލްތަކަށް ވެސް ސަރުކާރު ހިންގާ ޕާޓީތަކުގެ މީހުން އިންތިޚާބު ކޮށްފި ނަމަ، ޑިމޮކްރެސީގެ ޗެކް އެންޑް ބެލެންސް އުސޫލު ގެއްލޭނެ އެވެ. މިހާރު ވެސް އޭގެ އަސަރު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ސިޓީ ކައުންސިލް ތިން ފަހަރަށް އެމްޑީޕީ އަށް ދީފި. އެމްޑީޕީގެ ފުލް މެޖޯރިޓީ އެ ތިން ބުރުގައި ވެސް އޮތް. އެކަމަކު، ނަތީޖާއެއް ނުފެނުނު. ތިން ފަހަރު ވެސް ނަތީޖާ ނުފެނުނީމާ މި ފަހަރު ބަދަލު ކުރަން ހިނގާށޭ އަޅުގަނޑު މި ދަންނަވަނީ،" ލަތީފް

"އިބޫ ސޯލިހު ވެރިކަމަށް ވަޑައިގަތީ އައްޑޫގެ ތަރައްގީ އަށް ބޮޑު ސިންގާ މެނިފެސްޓޯއެއް ހިފައިގެން. އައްޑޫން ވޯޓު ހޯއްދެވީ އެ މެނިފެސްޓޯ ދައްކައިގެން. އަޅުގަނޑަށް އައްޑޫގެ މޭޔަރުކަން ދީފި ނަމަ ޔަގީނުން ވެސް އެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކޮށްދެވުނު ހުރިހާ ކަމެއް ކޮށްދޭނަން. އަޅުގަނޑަށް ވަރަށް މުހިންމު އައްޑޫގެ ތަރައްގީ. އެއާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެންމެ އިސްވެ ހުންނާނަން،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ އައްޑުއާ ގުޅޭ ގޮތުން ލަތީފް ވިދާޅުވި އެވެ.

އައްޑޫގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވަނީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރެވެ. މީގެ އިތުރުން އަމިއްލަ ގޮތުން، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް މާލޭގެ މޭޔަރުކަމަށް ނުކުންނަވަ އެވެ.

މާލޭގެ މޭޔަރުކަމަށް މުއިއްޒު ކުރިމަތިލައްވަން ނިންމެވިއިރު، ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން އޭނާގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ފަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.

"ކިތަންމެ ބޮޑު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި އެޅުވިޔަސް ކިތަންމެ ބޮޑު ނުރައްކަލެއް އަޅުގަނޑަށް ކުރިމަތިކުރި ނަމަވެސް އަދި ކިތަންމެ ބޮޑު އަދަބެއް ބޭއިންސާފުން ދިން ނަމަވެސް ދީނާއި ގައުމުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއްގައި ފަހަތަކަށް އަޅުގަނޑު ނުޖެހި ސާބިތުކަމާ އެކު ހުންނާނަން،" މުއިއްޒު

މި ސަރުކާރުން ބުނަމުންދަނީ ނޫމަޑި މައްސަލައިގައި އާބިޓްރޭޝަންގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް މި ސަރުކާރުން ތުހުމަތުތަކެއް ފެންމަތިކޮށްގެން އުޅެނީ ނުހައްގުން ކަމަށާއި އެކަން ކުރަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަފާނެތީ ކަމަށެވެ.

"ކިތަންމެ ބޮޑު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި އެޅުވިޔަސް ކިތަންމެ ބޮޑު ނުރައްކަލެއް އަޅުގަނޑަށް ކުރިމަތިކުރި ނަމަވެސް އަދި ކިތަންމެ ބޮޑު އަދަބެއް ބޭއިންސާފުން ދިން ނަމަވެސް ދީނާއި ގައުމުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއްގައި ފަހަތަކަށް އަޅުގަނޑު ނުޖެހި ސާބިތުކަމާ އެކު ހުންނާނަން،" މި މަހުގެ ކުރީކޮޅު އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވެފައި ވެ އެވެ.