Roadha Mihaaru
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް

މޭޔަރުން ކަމަށާއި ސިޓީ ކައުންސިލަރުންނަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް

09 ފެބުރުއަރީ 2020

މާލެ އާއި އައްޑޫ އަދި ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށާއި ބައެއް ދާއިރާތަކުގެ ޓިކެޓް ދޭނެ މީހުން ކަނޑައަޅަން އެ ތަންތަނުގައި ޕްރައިމަރީ ނުބޭއްވީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލުމުން ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އާއި އައްޑޫ އަދި ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށާއި ބައެއް ދާއިރާތަކުގެ ޓިކެޓް ދޭނެ މީހުން ކަނޑައަޅަން އެ ތަންތަނުގައި ޕްރައިމަރީ ނުބޭއްވީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލުމުން ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

އަންނަ އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރަން ހުށަހެޅި 1،100 އަށް ވުރެން ގިނަ މީހުންގެ ތެރެއިން ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލުން މިދިޔަ ހުކުރުދުވަހު ވަނީ ބާއްވައިފަ އެވެ. އަދި ވަގުތީ ނަތީޖާއާ އެކު ޓިކެޓް ކަށަވަރުވި މީހުންގެ އަދަދު ރޭ ވަނީ އިއުލާންކޮށްފަ އެވެ.

މި ޕްރައިމަރީގައި، ފުވައްމުލަކާއި ހދ. ކުޅުދުއްފުށި ފިޔަވައި އެހެން ސިޓީތަކުގެ ވޯޓުލުން ކުރިއަކަށް ނުގެންދެ އެވެ. ފުވައްމުލަކުގައި ކުރިއަށް ގެންދިޔައީ މޭޔަރާއި ބައެއް ދާއިރާތަކުގެ ވޯޓެވެ. ކުޅުދުއްފުށީގައި ހޮވީ ދާއިރާތަކުން ޓިކެޓް ދޭނެ ކެންޑިޑޭޓުންނެވެ. މޭޔަރުގެ ޓިކެޓެއް އަދި ނުދެ އެވެ.

ސިޓީތަކުން އިންތިޚާބުކުރާ ކެންޑިޑޭޓުންގެ އަދަދު:

- މާލޭ ސިޓީ ކައުންސިލަށް މޭޔަރާ އެކު 19 ކައުންސިލަރުން

- އައްޑު އަށް މޭޔަރާ އެކު 13 ކައުންސިލަރުން.

- ފުވައްމުލަކަށް މޭޔަރާ އެކު 7 ކައުންސިލަރުން.

- ކުޅުދުއްފުއްޓަށް މޭޔަރާ އެކު 7 ކައުންސިލަރުން.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މާލެ އާއި އައްޑޫ އަދި ކުޅުދުއްފުށީގެ މޭޔަރުންނާއި ކައުންސިލަރުންގެ ޓިކެޓަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އެ ދާއިރާތަކުގެ ޕްރައިމަރީ ނުބޭއްވީ އިންތިޚާބު ކުރަން ޖެހޭ އަދަދަށް ކުރިމަތިލާފައިވާތީ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސިޓީތަކުގެ މޭޔަރާއި އެހެން ދާއިރާތަކަށް އަޅުގަނޑުމެންނަށް ފޯމު ލިބިފައި އެބަހުރި. އެ ކެންޑިޑޭޓުންގެ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ޓިކެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ ކޮމިޓީން،" ހީނާ ވިދާޅުވި އެވެ.

އެންމެ އާބާދީ ބޮޑު، މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ޕީޕީއެމުން ނެރެން ބޭނުންވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މި އިންތިޚާބުގައި އެމްޑީޕީގެ މައްޗަށް ކުރި ހޯދަން، އެ މަގާމަށް އޭނާ ވާދަކުރައްވާނެ ކަން ޕާޓީން އޮތީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

ޕީޕިއެމުން ބުނިގޮތުގައި ކައުންސިލް އިންތިޚާބަށް އެ ޕާޓީން ބޭއްވި ޕްރައިމަރީ އަކީ 2013ގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ އަށް ފަހު މިހާތަނަށް ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި، ވެރިކަން ކުރާ ކޯލިޝަން ބަލިކޮށް، ކައުންސިލްތަކުގެ މެޖޯރިޓީ ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ.