Roadha Mihaaru
ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ވެސް ހަނިކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ވެސް ރައީސް ޔާމީން ހަނިކުރައްވައިފި

25 މެއި 2017

ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

މާލެ އާއި އައްޑޫ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބާރުތައް ހަނިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށެވެ. ކައުންސިލްތަކުގެ ބާރުތައް ކަނޑައެޅުމުގެ އިހްތިޔާރު ގާނޫނުން މިހާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އަލަށް އުފެދުނު ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގަ އެވެ.

ކެބިނެޓު ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓް.

މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތިން ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިކުރެއްވިއިރު، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ޕީޕީއެމަށް ލިބިއްޖެ ނަމަ ބާރުތަކާއި މުސާރަތައް ވެސް އަލުން އިޔާދަކޮށްދެއްވާނެ ކަމަށް ކެމްޕޭން ތެރޭގައި ސަރުކާރުގެ އިސްވެރިން ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލްތަކަށް ލިބޭ ބާރުތަކާއި ދޭ ހިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސް ކުރީ 2015 ގަ އެވެ. އޭރު ގާނޫނަށް އިސްލާހު ގެނައީ ގާނޫނު އޮތް ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ އެވެ.

އެ އިސްލާހާ އެކު މާލޭ ސިޓީ ކައުންސިލްގެ ގިނަ ޒިންމާތަކެއް ސަރުކާރުގެ މިނިސްޓްރީތަކާ ވަނީ ހަވާލުކޮށްފަ އެވެ. މާލޭގެ މަގުތައް ބެލެހެއްޓުމާއި ކައުންސިލްގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓާއި އެންވަޔަރުމެންޓް ޑިޕާޓްމަންޓާއި ހާބާ މެނޭޖްމަންޓް ގުޅިގެން ހިންގަމުން ދިޔަ މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. މީގެ އިތުރުން ޕާކްތަކާއި މައިދާންތަކާއި ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމާއި ޕާކްތަކާއި މައިދާންތައް ދިއްލައި އަލިކުރުމާއި މާރުކޭޓުތައް ބެލެހެއްޓުމާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ގަބުރުސްތާނު ފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ މިނިސްޓްރީންނެވެ. ހަމައެއާކު، މަޖިލީހުން ވަނީ ސިޓީ ކައުންސިލްގެ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ދަށްކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ. މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން ސިޓީ ކައުންސިލްގެ މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބޭއިރު، ޑެޕިއުޓީ މޭޔަރުންނަށް 35،000ރ. ލިބެ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބެ އެވެ.