14 ފެބުރުއަރީ 2021
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، 80 ޕަސެންޓަށް ވުރެ މަތިން ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، 80 ޕަސެންޓަށް ވުރެ މަތިން ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ވެސް ބައިވެރިވެވަޑައިގެން އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިޚާބަށް ތައްޔާރަށް ކަން ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިޚާބު، ރައްޔިތުންގެ މަޖިލިސް އަދި ލޯކަލް ކައުންސިލާއި ޕާޓީގެ އެތެރޭގެ އިންތިޚާބަށް ވިއަސް އެމްޑީޕީއަކީ ކެމްޕެއިންތަކަށް ފަރިތަ ޕާޓީއެއް ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު ކާމިޔާބު ކުރުމަށް މި ލިބުނު ކުޑަ ވަގުތު ތެރޭގައި އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވާލަން ކެރޭ އެ އިންތިޚާބު ބޮޑުތަނުން އެމްޑީޕީ ކާމިޔާބު ކުރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކޮށްފި ނަމަ އަންނަ މަހުގެ މެދުތެރެއިން ފެށިގެން ފުރިހަމަ ކެމްޕެއިނެއް ކުރުމުގެ ޖާގަ ލިބުމަކީ ބޮޑު އުއްމީދެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެއް މަސް ދުވަހުގެ ފުރިހަމަ ކެމްޕެއިނެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރުމުގެ ފުރުސަތު ލިބުމަކީ އެ މަނިކުފާނުގެ އުންމީދެކެވެ.
"މި އިންތިޚާބު، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެއީ ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިޚާބުތައް، ހާއްސަކޮށް ކުރިއަށް މި އޮތް އިންތިޚާބު ކާމިޔާބުކުރަން ޖެހޭ،" ލޯކަލް ކައުންސިލްތަކަށް ގާނޫނީ ނިޒާމުގެ ތެރެއިން ބޮޑެތި ބާރުތަކެއް ދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ލާމަރުކަޒީ ގާނޫނަށް މި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އެ ބަދަލުތަކާ އެކުގައި މިކަން ދަންނަ ބައެއްގެ އަތްމައްޗަށް މިކަން ހިނގައިގަތުމަށް އެބަޖެހޭ ފުރުސަތު ދޭން."
ރައީސް ވިދާޅުވިގޮތުގައި އެމްޑީޕީއަކީ އެ ކަމަށް ތައްޔާރުވެފައި އޮތް ޕާޓީއެކެވެ. އެހެންވެ، ލާމަރުކަޒީ ނިޒާމު ފުރިހަމަ އަށް ފަށައިގަނެވޭނީ އެ ޕާޓީ އަށް ކަމަށާއި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު ލިބުނު އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަމުގެ ފުރިހަމަ، ފޮނި މޭވާ ރައްޔިތުންނާ ހިސާބަށް ގެންގޮސްދެވޭނީ މި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް މި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އެ ބަދަލުތަކާ އެކުގައި މިކަން ދަންނަ ބައެއްގެ އަތްމައްޗަށް މިކަން ހިނގައިގަތުމަށް އެބަޖެހޭ ފުރުސަތު ދޭން: ރައީސް
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު 58 ޕަސެންޓާއެކު އެމްޑީޕީން ކާމިޔާބުކުރިއިރު، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް އެ ޕާޓީން 75 ޕަސެންޓު ހޯދިކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ކައުންސިލް އިންތިޚާބު ވެސް އެ އަށް ވުރެ އިތުރަށް، 80 ޕަސެންޓާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް މިހާރު ފެންނަ މަންޒަރުން، އިދާރަކުރެއްވިއްޔާ 75 ޕަސެންޓަށް ވުރެ ފަސް ޕަސެންޓް އިތުރަށް، މި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު [އެމްޑީޕީ އަށް] ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. އަޅުގަނޑަށް ފެންނަ މަންޒަރުގައި 80 ޕަސެންޓަށް ވުރެ މައްޗަށް ގޮނޑި އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކާމިޔާބު ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގައި އޮވެ އިންތިޚާބަށް ކުރިމަތިލުމާއި އިދިކޮޅުގައި ތިބެ އިންތިޚާބަށް ކެމްޕެއިން ކުރުމުގައި ތަފާތުތަކެއް ހުންނަ ކަމަށެވެ. ވެރިކަމުގައި ތިބޭއިރު، ކުރިމަތިވާނެ ސުވާލަކީ ރައީސް ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ކޮށްދީފައިވާ ކަންތައްތަކާ ގުޅޭގޮތުންނެވެ.
ދާއިރާ، އަތޮޅު އަދި ސިޓީ އަށް ކޮށްދިން ކަންތައްތަކާ ގުޅޭގޮތުން ސުވާލު ކުރިމަތިވާނެ ކަމަށާއި އެއާ ހިލާފަށް އިދިކޮޅުގައި އޮންނައިރު ސުވާލުތައް އަންނަ ގޮތް ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ.
"މި ސުވާލުތަކަށް އަޅުގަނޑުމެންގެ އަތުގައި ޖަވާބު އެބަހުރި. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކޮވިޑް-19ގެ ދަތި އުނދަގުލުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ދާއިރާގައި ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އިންތިޚާބުގެ މި ކެމްޕެއިން ތެރޭގައި އަޅުގަނޑުމެންގެ އެއް އަމާޒަކަށް ވާންވީ ދާއިރާތަކަށް ކޮށްދެވިފައި މި ހުރި ކަންތައްތައް ހާމަކުރުން،" ރައީސް ވިދާޅުވި އެވެ،
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެސް ހުންނެވީ މި ލޯކަލް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނަށް ވަގުތު ހުސްކުރެއްވުމަށް ތައްޔާރަށް ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލާއިރު އެކި ދާއިރާތަކަށް ކުރިމަތިވާ ކަންތައްތައް ތަފާތުވާނެ ކަމަށާއި މާލެ އަށް ދިމާވެފައިވާ މައްސަލަތައް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ރަނގަޅަށް އޮޅުންފިލުވައި ދެވިއްޖެ ނަމަ އެކަމަށް ހައްލެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، މާލެ އަށް މި ވަގުތު ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށީ 7،000 ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން ހުރިކަން އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފްލެޓު ހައްގުވާ އެތައް ބަޔަކަށް ފްލެޓު ނުލިބި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އިއުލާނުކުރި ފްލެޓު ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށްވާ ނަމަ އަދި ސާފުކޮށް އިތުރަށް ބަލައި އޭގެ ހައްގުވެރި ފަރާތަށް ދޫކުރާނެ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަންކަން ކުރާނެ ކަމަށާއި އެ މަޝްރޫއުތައް ނިމޭއިރު ރާއްޖެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މާލެއިން ނާކާމިޔާބުވީ ކަންބޮޑުވުންތަކާ ގުޅިގެން: ރައީސް
އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު
ކަރަންޓު އުފެއްދުމުގައި މި ސަރުކާރަށް ރެކޯޑެއް!
"ތަރައްގީގެ ވާހަކަ ދައްކަން ފަށާނީ ގައިންތާހިރުވެގެން"
އެމްޑީޕީއާ އެކު ސިޓީ ކައުންސިލް ތަފާތުވާނެ: އަނަސް
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
ލ. އަތޮޅަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް
ގޮއިފުޅަފެހެންދޫ ގުޅުވައިލެވޭހާ ފައިސާ ބަނދަރުތަކަށް