Roadha Mihaaru
ލ. އަތޮޅަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް

ލ. އަތޮޅަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރައީސް އިއުލާން ކުރައްވައިފި

07 މާޗް 2021

ލ. އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ރާވާފައިވާ ކަމަށް ވިދާޅުވެ، ގިނަ މަޝްރޫއުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިއުލާން ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލ. އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ރާވާފައިވާ ކަމަށް ވިދާޅުވެ، ގިނަ މަޝްރޫއުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިއުލާން ކުރައްވައިފި އެވެ.

އަންނަ މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ތެރެއިން ލ. އަތޮޅުގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ އޮންލައިންކޮށް ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ މި ސަރުކާރުގެ "ތަރައްގީގެ މަޝްރޫއުގެ ބޮޑު ސެންޓަރެއް" ގޮތުގައި އެ އަތޮޅު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ވައިގެ ބަނދަރާއި ކަނޑުމަގުގައި ކޮމާޝަލް ޕޯޓަކާއި ސިއްހީ، ތައުލީމީ ދާއިރާގެ އިތުރުން ޓޫރިޒަމް ދާއިރާ އަށް ވެސް އިސްކަމެއް ދީގެން މަޝްރޫއުތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އާބާދީ އާއި ތަރައްގީއާއެކު އެއްފަސްވެގެން ދާނެ އެއް ސަރަހައްދު ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ލ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިތުރު ތިން ރަށެއް މި އަހަރު ދޫކުރާނެ އެވެ.

ދަނޑުވެރިކަމަށް "އެގްރޯ ނޭޝަނަލް ކޯޕަރޭޝަން" ގެ ދަށުން ހަތް ރަށެއް ބައިވެރިވެފައިވާ ކަމަށާއި ޖުމުލަ 131 ދަނޑުވެރިއަކާއެކު އެއްބަސްވުން ހަދައި، 59 ފަރާތެއް މިދިޔަ ފެބްރުއަރީ މަހު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މާމެންދު އާއި މާބައިދޫގައި އައިސްޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެ އެވެ. އަދި ކަޅައިދޫގައި "ޔޫތު ޑިވެލޮޕްމަންޓް އެންޑް ޓްރެއިނިން ސެންޓަރެއް" ހެދުން ވެސް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ލ. އަތޮޅުގެ ދެ ސަރަހައްދެއް ކޯޒްވޭއަކުން ގުޅުވައިލުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ލ. އަތޮޅުގެ ވަކިވަކި ރަށްރަށުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި، އެ ރަށްރަށުގައި ކުރަން ނިންމާފައިވާ މަޝްރޫއުތަކަށް ވެސް އަލިއަޅުވާލަައްވައިފަ އެވެ. އެގޮތުން އިސްދޫގެ މަގު ހެދުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށާއި ހިތަދު އާއި ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތް މި އަހަރުގެ ތެރޭގައި ޑިޒައިންކޮށް، އެ އަށް ފަހު ކުރިއަށް ދާނެ ގޮތެއް ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ގަން ހޮސްޕިޓަލް ބޮޑުކުރުމާއެކު، ފުރިހަމަ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުވާނެ އެވެ. އޭގެ ނަތީޖާއަކީ ގަން ހޮސްޕިޓަލަކީ ކެންސަރު ބަލީގެ މީހުންނަށް ފަރުވާދޭ ޚާއްސަ ތަނަކަށް ވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.