Roadha Mihaaru
ހައްދުންމަތި ވިޔަފާރީގެ ހަބަކަށް ހަދާނަން: ރައީސް

ހައްދުންމަތި ވިޔަފާރީގެ ހަބަކަށް ހަދާނަން: ރައީސް

25 ޖެނުއަރީ 2020

ލ. އަތޮޅަކީ ވަސީލަތްތައް ގިނަ ބޮޑު ސަރަހައްދެއް ކަމަށާއި އެ އަތޮޅު ވިޔަފާރީގެ މައި ހަބަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލ. އަތޮޅަކީ ވަސީލަތްތައް ގިނަ ބޮޑު ސަރަހައްދެއް ކަމަށާއި އެ އަތޮޅު ވިޔަފާރީގެ މައި ހަބަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް "އެޖެންޑާ 19 ހައްދުންމަތީ ކޮންފަރެންސް"ގެ ނަމުގައި ލ. ގަމު އިހައްދޫ ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ލ. އަތޮޅަކީ އެންމެ ބޮޑަށް ތަރައްގީކުރަން ޖެހޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން އެއީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ، ބޭނުންތެރި މަސައްކަތްތަކެއް ކުުރެވޭނެ ސަރަހައްދެއް ކަމަށާއި އެހެންވެ، ތަރައްގީ މަޝްރޫއުތައް ހިންގުމުގައި އެ އަތޮޅަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ އަތޮޅުގައި ހިންގާނެ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި އެތަން ތަރައްގީ ކުރުމެވެ. އެކަމަކު އެ މަޝްރޫއުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ލ. އަތޮޅުގައި ކުރިއަށް ގެންދާނެ އިތުރު މަޝްރޫއުތަކުގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ އެ އަތޮޅު ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމާއި ގަމު ހޮސްޕިޓަލް ޓާޝަރީ ތަނަަކަށް ބަދަލު ކުރުމެވެ.

"މިއީ ތަރައްގީ ކުރަން ބޭނުންވާ އެއް ދާއިރާއަށް ވާއިރު، އެއާޕޯޓަކީ އަޅުގަނޑުމެން ވަރަށް އިސްކަން ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި މަޝްރޫއު ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގަމު ހޮސްޕިޓަލް، ޓާޝަރީ ތަނަކަށް ހެދުމަށް ބޭނުންވާ ގިނަ ވަސީލަތްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ނިމުމާ އެކު، ހިދުމަތް ރަނގަޅު ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ހަދާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުތަކާ އެކު ހައްދުންމަތި ވާނީ، ވަޒީފާތައް އުފެދިފައިވާ ވިޔަފާރިތައް ކުރިއަރާފައިވާ އަތޮޅަކަށެވެ. އަދި ލިބޭ ފައިސާ ގިނަވުމަކީ އެ ސަރަހައްދަށް ލިބޭނެ ތަނަވަސްކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، ޓޫރިޒަމް ކުރިއެރުވުމަށް، އެމްޑީޕީގެ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ، "އައްސޭރި ޓޫރިޒަމް ޒޯން" އަލުން ފަށާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެކަން ފެށުމުގެ އަމަލީ މަސައްކަތަށް ސަރުކާރުން ވާން ޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. އަތޮޅުން މެޖޯރިޓީ ހޯދީ އެމްޑީޕީންނެވެ. އެކަމަށް ޝުކުރު އަދާކުރައްވައި ރައީސް ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.