Roadha Mihaaru
ޝަޔާމް؛ ބައްޕަގެ ފަރާތުން ވާރުތަވި ކެޕްޓަން ބޭންޑްގައި

ގުރައިދޫގެ ޝަޔާމް؛ ބައްޕަގެ ފަރާތުން ވާރުތަވި ކެޕްޓަން ބޭންޑްގައި ގޯލްޑް ކަޕަށް

23 ނޮވެމްބަރ 2024

ކ. ގުރައިދޫގެ ފުޓްބޯޅައިގެ އެންމެ ރަން ދުވަސްތައް ކުރިމަތިލީ 2004-2007 އާ ދެމެދުގަ އެވެ. ހަތަރު އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކްލަބުން ވަނީ ފުރަތަމަ ޑިވިޝަނުގެ އޭރުގެ އެންމެ ގަދަ ބާރުތައް ކަމަށްވާ ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި ވެލެންސިއާ އާއި އައިއެފްސީ ވެސް ބަލިކޮށްފަ އެވެ. އެދުވަސްވަރު ޓީމުގެ ކެޕްޓަނަކީ އެ ރަށު އަލީ ޝަމީމެ (ޝަމްބެ) އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކ. ގުރައިދޫގެ ފުޓްބޯޅައިގެ އެންމެ ރަން ދުވަސްތައް ކުރިމަތިލީ 2004-2007 އާ ދެމެދުގަ އެވެ. ހަތަރު އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކްލަބުން ވަނީ ފުރަތަމަ ޑިވިޝަނުގެ އޭރުގެ އެންމެ ގަދަ ބާރުތައް ކަމަށްވާ ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި ވެލެންސިއާ އާއި އައިއެފްސީ ވެސް ބަލިކޮށްފަ އެވެ. އެދުވަސްވަރު ޓީމުގެ ކެޕްޓަނަކީ އެ ރަށު އަލީ ޝަމީމެ (ޝަމްބެ) އެވެ.

ގުރައިދޫގެ ކެޕްޓަންކަން ކުރި ޝަމީމު ވަނީ ހަތް އަހަރު އެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. އެއީ ތިންވަނަ ޑިވިޝަނުން ފެށިގެން ފުރަތަމަ ޑިވިޝަނުގެ އެންމެ ފަހު މުބާރާތާ ހަމައަށެވެ. އެ އަހަރަށް ފަހު ޝަމީމް ރިޓަޔާ ކުރި އެވެ. އެ ޖީލުގެ ގިނަ ކުޅުންތެރިން ވެސް ރިޓަޔާ ކުރިތާ އަހަރުތަކެއް ވެއްޖެ އެވެ.

މިއަދު މިއޮތީ އާ ޖީލެކެވެ. އާ ހުނަރެކެވެ. މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި ވާދަކުރާ ގުރައިދޫ ޓީމުގައި ގިނައީ އޭރުގެ ކުޅުންތެރިންގެ ދަރިންނެވެ. ޓީމުގެ ކެޕްޓަނަކީ އޭރުގެ ކެޕްޓަން ޝަމީމްގެ ދަރިފުޅު އަބްދުﷲ ޝަޔާމް އެވެ.

ބައްޕަގެ ފަރާތުން ވާރުތަވި ކެޕްޓަން ބޭންޑްގައި ގުރައިދޫ ގޮވައިގެން ދަނޑަށް ނުކުންނަ އިރު ދަރިފުޅު ޝަޔާމް އަށް، ޝަމީމު ހަނދާންކޮށް ދިނީ ކެޕްޓަންގެ ޒިންމާ އެވެ.

"ކެޕްޓަން ބޭންޑް ލިބުމަކީ އުފަލެއް ނޫން. އެއީ ބޮޑު ޒިންމާއެއްކަން ހަނދާންކުރަން ޖެހޭނެ. ހުރިހާ ހާލަތެއްގައި ލީޑާޝިޕް ދައްޖަން ޖެހޭނެ. ކެޕްޓަނެކޭ ކިޔާފަ މަސައްކަތް ނުކުށް ހުރެގެން ނުވާނެ. އެންމެ ބުރަކޮށް މަސައްކަތްކޮށް ނަމޫނާ ދައްކަން ޖެހޭނީ ކެޕްޓަން،" ކެޕްޓަނެއްގެ ޒިންމާއާ ބެހޭގޮތުން ޝަޔާމް އަށް ދިން ނެސޭހަތުގައި ޝަމީމް ބުންޏެވެ.

ސަމްބެގެ (ކ) އަތުން އޭނާގެ ދަރިފުޅު ޝަޔާމް އަށް ކެޕްޓަން ބޭންޑް ހަވާލުކޮށް ދެނީ

ސަމްބެގެ (ކ) އަތުން އޭނާގެ ދަރިފުޅު ޝަޔާމް އަށް ކެޕްޓަން ބޭންޑް ހަވާލުކޮށް ދެނީ

ޝަޔާމް އަށް ކެޕްޓަންކަން ދޭން ގުރައިދޫން ނިންމީ، ކުރިން ޝަމީމް ކެޕްޓަންކަން ކޮށްފައި ވާތީ ދެން އޭނާގެ ދަރިޔަކަށް ކެޕްޓަން ބޭންޑް ދޭން ޖެހޭ ކަމަށް ގަބޫލުކޮށްގެނެއް ނޫން ކަމަށް ގުރައިދޫ ޓީމުގެ އޮފިޝަލަކު ބުންޏެވެ. ޝަމީމު ވެސް ބުނީ އޭނާ ވެސް އެގޮތަށް ނުދެކޭ ކަމަށެވެ.

"އެއީ ކެޕްޓަން ބޭންޑަކީ އެހެން ދޭ އެއްޗެއް ނޫން. އަޅުގަނޑު ގަބޫލު ކުރަނީ ޝަޔާމްގެ ގައިގައި ވެސް އެ ގާބިލުކަން ހުރީމައޭ، ކޯޗު އޭނާ އަށް ކެޕްޓަންކަން ދޭން ނިންމާނީ،" މިހާރު އުމުރުން 56 އަހަރުގެ ޝަމީމް ބުންޏެވެ.

ކުރިން ބޭއްވި ރާއްޖޭތެރޭ ފުޓްބޯޅަ މުބާރާތުން ފެށިގެން ގުރައިދޫ ދަނީ ފުޓްބޯޅައިގައި ވާދަކުރަމުންނެވެ. ރާއްޖެތެރޭ އެއްވަނަ ފުޓްބޯޅަ މުބާރާތް 1986 ގައި ފެށި އިރު ގުރައިދޫގެ ކެޕްޓަނަކަށް ހުރީ ޝަމީމްގެ އެއްބަނޑުއެއްބަފާ ބޭބެ ވާފިރު އަބްދުރައްޒާގެވެ.

ގުރައިދޫ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނު ކުޅުންތެރިޔަކީ ޝަމީމެވެ. އޭނާ ވަނީ 1989 ގައި ގައުމީ ޓީމަށް ކުޅެފަ އެވެ.

މިޑްފީލްޑަރަކަށް ކުޅުނު ޝަމީމްގެ ދެ ދަރިން މިހާރުގެ ގުރައިދޫ ޓީމުގައި ހިމެނެ އެވެ. އޭނާ ގޮތަށް އޭނާގެ ދެ ދަރިން ވެސް ކުޅެނީ މިޑްފީލްޑަރުގެ މަގާމަށެވެ. އެއީ ޝަޔާންގެ އިތުރުން ދޮށީދަރިފުޅު އަހްމަދު ޝުއޫން އެވެ. ބައްޕަގެ ކެޕްޓަން ބޭންޑް ޝަޔާން އަށެވެ. ޝުއޫން ކުޅޭނީ އެ ނަންބަރެއްގައި ޝަމީމް ވެސް ކުޅުނު 14 ނަންބަރު ޖޯޒީގައި އެވެ.

ޝަޔާން

ޝަޔާން

ގޯލްޑް ކަޕްގައި ގުރައިދޫގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ކ. ހުރައާ ދެކޮޅަށެވެ. ގުރައިދޫ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި މުއްދަތުގައި ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބް ވެސް ފުރަތަމަ ޑިވިޝަނުގައި ވާދަ ކުރި އެވެ. އޭރުގެ ގަދަ ހުރިހާ ބާރެއް، ގުރައިދޫން ބަލި ކުރިޔަސް ހުރާ ބަލިކުރެވިފައެއް ނުވެ އެވެ. ކ. އަތޮޅުގެ މި ދެ ޓީމުގެ މެދުގައި ފުޓްބޯޅައިން ބޮޑު ވާދަވެރި ކަމެއް އެބައޮތެވެ.

ގުރައިދުއަށް ހުރާ، އެންމެ ފަހުން ބަލިކުރެވުނީ މީގެ 36 އަހަރު ކުރިންނެވެ. ރާއްޖެތެރޭ ފުޓްބޯޅަ މުބާރާތުގައި 1988 ހުރާ ބަލިކޮށް ގުރައިދޫ، ޒޯން ބުރަށް ކޮލިފައިވި އެވެ.

"ފުރަތަމަ ޑިވިޝަނުގައި އަޅުގަނޑުމެންނަށް ހުރާ ބަލި ކުރެވިފައެއް ނެތް،" ޝަމީމް ބުންޏެވެ.

ގޯލްޑް ކަޕަށް ތައްޔާރުވާން ގުރައިދޫން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން

ގޯލްޑް ކަޕަށް ތައްޔާރުވާން ގުރައިދޫން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން

އަހަރުތަކެއް ފަހުން، ހުރާ ބަލި ކުރުމުގެ ޓާގެޓް މިއޮތީ މިހާރުގެ ތަރިންނަށެވެ. ކެޕްޓަން ޝަޔާމް ބުނީ ފުރަތަމަ މެޗުގައި އެ ޓާގެޓް ހާސިލު ކުރުމަށް މުޅި ޓީމު އޮތީ ބޮޑު ރޫހެއްގައި ކަމަށެވެ.

ކުރީގެ ޖީލަށް ގަލޮޅު ދަނޑުގައި ހާސިލުނުކުރެވުނު އެ ޓާގެޓް ހާސިލުކޮށްދޭން މިހާރުގެ ޓީމުގައި ބޮޑު ރޫހެއް އެބައޮތް ކަމަށް އުމުރުން 22 އަހަރުގެ ޝަޔާމް ބުންޏެވެ.

އޭނާއާ މަތިކޮށްފައިވާ ކެޕްޓަން ބޭންޑާ އެކު އެ ޒިންމާ އެންމެ ބޮޑަށް އޮތީ ވެސް އޭނާގެ ކޮނޑުގައި ކަމަށް ޝަޔާމް ގަބޫލު ކުރެ އެވެ.

"އެއީ ބައްޕަގެ ފަރާތުން އަޅުގަނޑަށް ދަސްވި ކެޕްޓަނުގެ ޒިންމާއަކީ،" ޝަޔާމް ބުންޏެވެ.

ގޯލްޑް ކަޕަށް ތައްޔާރުވާން ގުރައިދޫން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން

ގޯލްޑް ކަޕަށް ތައްޔާރުވާން ގުރައިދޫން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން

އޭނާ ބުނީ ކެޕްޓަންކަން އޭނާ އަށް ދޭން، ޓީމުން ނިންމުމުން ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އެހާ ޒުވާން އުމުރުގައި ކެޕްޓަން ބޭންޑްގެ ޒިންމާ ނަގަން ޖެހުނަސް އެކަމާ ޖެހިލުންވުމެއް ޝަޔާމްގެ ނެތެވެ. އޭނާ ހުރީ އެއަށް ވުރެ ގަދަކޮށެވެ.

ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގުރައިދޫން ވަނީ މިސްރުގެ ސްޓައިކަރަކާއި މިޑްފީލްޑަރެއް ގެނެސްފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާކާރު ޑިފެންޑަރު، ގުރައިދުއަށް ނިސްބަތްވާ އަހްމަދު ނޫމާން (ހެލްމެޓް) އާއި 19 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އިޝްއާފް ފިރާގް ވެސް އަމިއްލަ ރަށު ޓީމަށް ކުޅޭނެ އެވެ.

ގުރޫޕް ސީ ގައި ގުރައިދު އާއި ހުރައާ އެކު ދެން ހިމެނެނީ އައްޑޫ އާއި ޅ. ކުރެންދޫ އެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި އެ ދެ ޓީމު ކުޅުނު މެޗު ރޭ ނިމުނީ އެއްވަރުވެގެންނެވެ.