Roadha Mihaaru
އޮޅުވާލައިގެން ގެންގޮސް ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

އޮޅުވާލައިގެން ގެއަކަށް ގެންގޮސް ބިރު ދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި

31 އޮކްޓޯބަރ 2024

އޮޅުވާލައިގެން މާލޭގެ ގެއަކަށް ގެންގޮސް ބިރު ދައްކައި ފޭރުނު މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އޮޅުވާލައިގެން މާލޭގެ ގެއަކަށް ގެންގޮސް ބިރު ދައްކައި ފޭރުނު މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ މއ. ފޯޗިއުން، ފާތިމަތު އަލީ އެވެ.

އުމުރުން 37 އަހަރުގެ އެ މީހާ ހައްޔަރުކުރީ އިއްޔެ ރޭގެ 10:00 ހާއިރު ބަންގްލަދޭޝް މީހަކު، މާލޭގެ ގަލޮޅުގައި ހުންނަ ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރު ދައްކައި ފޭރުނު މައްސަލައާ ގުޅިގެންނެވެ.

އެކަމަކު އެ މީހާ ފޭރުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނޫނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ބުނިގޮތުގައި އެ އަންހެން މީހާއަށް އެކަމުގައި އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ. އެކަމަކު އޭނާގެ ވަނަވަރު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ފަހުން ވަނީ މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރު ދެއްކުމުގެ ކުށްތައް މާލޭ ސަރަހައްދުގައި އިތުރުވެފަ އެވެެ. އެފަދަ މައްސަލަތަކާ ގުޅިގެން ފުލުހުން ބުނެފައިވާ މިއީ ގްރޫޕް ހަދައިގެން ކުރަމުން އަންނަ ކަމެކެވެ.

މާލޭގެ ގެއަކަށް މީހަކު ވައްދައި އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރުނު މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.

އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ މއ. މަސްފަން، އާއިޝަތު އާއި މއ. މަސްފަން، މުހައްމަދު ރީހާން އަދި ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމްގެ މައްޗަށެވެ. ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.