Roadha Mihaaru
މަޑިދަށުން ވައްކަން ކުރުން: ބުނަނީ ފްރޭމް ކުރިކަމަށް!

މަޑިދަށުން 4 ލައްކަ ވަގަށް ނެގުން: ބިދޭސީ މީހާ ބުނަނީ އޭނާ ފްރޭމް ކޮށްފައިވާ ކަމަށް

28 ސެޕްޓެމްބަރ 2024

މާލޭގައި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބިދޭސީ މީހާ، އޭނާ ފްރޭމްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގައި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބިދޭސީ މީހާ، އޭނާ ފްރޭމްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މި މަހު 14 ވަނަ ދުވަހު ފުލުހުން ވަނީ ސައިކަލްގެ މަޑިދަށުން 442،750ރ. ނެގި މައްސަލާގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޖަހަންގިރް އާލަމް ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި އޭނާ އަދިވެސް ހުރީ ބަންދު ކޮށްފަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާ އެ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސީސީޓީވީ ވީޑިއޯ އިން އޭނާ ސައިކަލެއްގެ މަޑިދަށް ހިއްލައިގެން އެއްޗެއް ނަގާތަން ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ނަމަވެސް ޖަހަންގީރު ބުނާގޮތުގައި އެއީ ވިޔަފާރީގެ މައްސަލާގައި އޭނާ ފްރޭމް ކުރީ އެވެ. އަދި ވީޑިއޯ ފުޓޭޖުން ފެންނަނީ އޭނާ މަޑިދަށުން ފައިސާ ނަގާ މަންޒަރު ނޫން ކަމަށް ވެސް އޭނާ ބުނެ އެވެ.

އޭނާގެ ވަކީލުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ މައްސަލާގައި ފުލުހުން ސުވާލު ކޮށްފައި ނުވާ ކަމާއި ތަހުގީގު ލަސްވަމުންދާ ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގައި ދެ މީހުންނާ ކައިވެނި ކޮށްގެން ތިން ދަރިން ލިބިފައިވާ އަދި ގަވައިދާ އެއް ގޮތަށް އުޅެމުން އަންނަ ބިދޭސީއެއް ކަމަށް ވަކީލުން ބުންޏެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފަ އެވެ.

ޖަހަންގިރާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ.