Roadha Mihaaru
ހިޒްބުﷲ މެންބަރުންގެ ޕޭޖަރުތައް ގޮވައި ނުވަ މަރު

ހިޒްބުﷲ މެންބަރުންގެ ޕޭޖަރުތައް ގޮވައި ނުވަ މަރު؛ ޒަހަމްވި އަދަދު 2،800 އަށް

18 ސެޕްޓެމްބަރ 2024

އިޒްރޭލާ ދެކޮޅަށް ހަމަލާ ދެމުން ގެންދާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން މުއާސަލާތުކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮވުމުގެ ސަބަބުން ނުވަ މީހަކު މަރުވެ 2،800 މީހަކު ޒަހަމްވެއްޖެ އެވެ.

އިޒްރޭލާ ދެކޮޅަށް ހަމަލާ ދެމުން ގެންދާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން މުއާސަލާތުކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮވުމުގެ ސަބަބުން ނުވަ މީހަކު މަރުވެ 2،800 މީހަކު ޒަހަމްވެއްޖެ އެވެ.

ވަޔަލެސް ކޮމިއުނިކޭޝަން ޑިވައިސްއެއް ކަމަށްވާ ޕޭޖަރުތައް ގޮވި ހާދިސާއަށް ފަހު ހިޒްބުﷲ އިން ބުނީ މިއީ އިޒްރޭލުގެ އަމަލަކަށް ނޫނީ ނުވާނެ ކަމަށެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ދޭން ފެށި ހަމަލާތައް ފުޅާކުރަން ނިންމައި އެކަން އިއުލާނުކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. އެކަމަކު މި އާދަޔާ ހިލާފް ގޮވުންތަކާ ގުޅޭ ގޮތުން އިޒްރޭލުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޕޭޖަރަކީ މޯބައިލް ފޯނު އުފެއްދުމުގެ ކުރިން މުއާސަލާތުގައި ވަރަށް އާންމު އެއްޗެކެވެ. މީހަކު ގުޅަން އުޅޭ ނަމަ މި ޑިވައިސްތަކަށް ޓެލެފޯން އޮޕަރޭޓަރު މެދުވެރިކޮށް ލިބޭ ޓެކްސް މެސެޖެއް އޭގެ ޑިސްޕްލޭއިން ފެންނާނެ އެވެ. މޯބައިލްފޯނު އިންޓަނެޓްގައި މަސައްކަތްކުރިޔަސް މި ޕޭޖަރަކީ ރޭޑިއޯ ފްރިކުއެންސީއަށް ހިނގާ އެއްޗެކެވެ. އަދި މި ފްރިކުއެންސީ ކޮންމެ ޑިވައިސްއަކަށް ތަފާތުވާނެ އެވެ.

ހިޒްބުﷲ އާއި މިފަދަ އެހެން ޖަމާއަތްތަކުގެ މެދުގައި ޕޭޖަރު މަގުބޫލީ މި މޮނިޓަކުރަން އުނދަގޫކަމުންނެވެ.

ލުބްނާންގެ އެކި ހިސާބުތަކުގައި ހިނގި ގޮވުމުގެ މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިޒްބުﷲގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރެއްގެ ދެ ދަރިން ވެސް ހިމެނޭ ކަމަށް އެ ޖަމާއަތާ ގާތް ބޭފުޅަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

މި ގޮވުންތަކުގެ ސަބަބުން "އަންހެން ކުއްޖަކާ އެކު ނުވަ މީހުން މަރުވި" ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ފިރާސް އަބިއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ހާދިސާގައި 2،800 މީހަކު ޒަހަމްވެފައި ވާއިރު އޭގެތެރެއިން 200 މީހެއްގެ ހާލު ސީރިއަސް އެވެ. ގޮވުންތަކުގެ ސަބަބުން، ގިނަ މީހުންގެ ފިހިފައިވަނީ މޫނާއި އަތާއި ބަނޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުތަކުގެ ތެރޭގައި، ހިޒްބުﷲގެ މެންބަރެއްގެ އުމުރުން 10 އަހަރުގެ އަންހެން ދަރިއަކު ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ލުބްނާންގައި ހުންނަވާ އީރާންގެ ސަފީރު ވެސް ޕޭޖަރު ގޮވުމުގެ ސަބަބުން ޒަހަމްވި ކަމަށާއި އެކަމަކު ބޮޑު ގެއްލުމެއް ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

އަލްޖަޒީރާއިން، ތަޖުރިބާކާރުންނާ ހަވާލާދީ ބުނެފައިވަނީ ޕޭޖަރުތައް ގޮވުމަކީ އިޒްރޭލުގެ އަމަލެއް ނަމަ އެއީ ވަރަށް ދުރާލައި ރާވައިގެން ކޮށްފައިވާ ކަމަކަށް ނޫނީ ނުވާނެ އެވެ. އެހެން ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ އެއް ގޮތަކީ އޭގެ ބެޓެރި އޭގެ ޒާތުގައި ގޮވުން ކަމަށާއި އެކަމަކު ފެންނަ ފެނުމަށް އެއީ ހަމައެކަނި ބެޓެރި ގޮވުން ނޫން ކަމަށެވެ.

އަނެއް ގޮތަކީ ހިޒްބުﷲ އަށް ފޮނުވި ޕޭޖަރު ޝިޕްމަންޓެއް އިޒްރޭލަށް އެނގި، ލުބްނާނާ ހިސާބަށް ދިއުމުގެ ކުރިން އެ މޮޑިފައިކޮށް، ގޮވާތަކެތި ހަރުކޮށްފައި ހުރުމެވެ. ނުވަތަ އިލެކްޓްރޯނިކް ޕަލްސް ފޮނުވައިގެން ޑިވައިސް ހޫނުކޮށް އަންދާލައިގެން ވެސް މިހެން ހެދިދާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ކޮންމެ ގޮތެއް ވިޔަސް މިއީ ހަމަ ހުރެފައި ދިމާވި ކަމެއް ނޫން ކަމަށާއި މިއީ އެނގުމުގެ ތެރެއިން ދުރާލައި ރާވައިގެން ހިންގި އަމަލެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ޕޭޖަރުތައް ގޮވުމަކީ އެމެރިކާއިން އެނގިގެން ހިނގި ކަމެއް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.