19 ސެޕްޓެމްބަރ 2024
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ގެންގުޅޭ ޕޭޖަރުތައް ގޮވައި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އިއްޔެ އެ ޖަމާއަތުގެ ވޯކީޓޯކީތައް ގޮވުމުގެ ހާދިސާގައި މަރުވި އަދަދު 20 އަށް އަރައިފި އެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ގެންގުޅޭ ޕޭޖަރުތައް ގޮވައި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އިއްޔެ އެ ޖަމާއަތުގެ ވޯކީޓޯކީތައް ގޮވުމުގެ ހާދިސާގައި މަރުވި އަދަދު 20 އަށް އަރައިފި އެވެ.
ލުބްންނާގެ ހެލްތު މިނިސްޓްރީން ބުނީ ޒަހަމްވި މީހުންގެ އަދަދު 450 އަށް އަރާ ކަމަށެވެ.
އިޒްރޭލާ ދެކޮޅަށް ހަމަލާދޭ ހިޒްބުﷲ ގެ ވޯކީޓޯކީތައް ގޮވުމުގެ ހާދިސާތައް ހިނގީ ވެރިރަށް ބައިރޫތުގެ ބެކާ ވެލީ އާއި ދެކުނުގައި ހިޒްބުﷲގެ ބާރު ގަދަ ސަރަހައްދުތަކުގަ އެވެ.
އިއްޔެގެ ގޮވުންތަކުގެ ތެރެއިން ބައެއް ގޮވުންތައް ގޮވީ ޕޭޖަރުތައް ގޮވުމުގެ ހާދިސާގައި މަރުވި 12 މީހެއްގެ ޖަނާޒާ ކުރިއަށްދިޔަ ތަނުގަ އެވެ.
ހިޒްބުﷲ އިން ވަނީ މިއީ އިޒްރޭލުގެ އަމަލެއް ކަމަށް ބުނެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެކަމަކު މިއީ ކިހިނެއް ދޭ "ހަމަލާތަކެއް" ކަމެއް ވެސް އަދި ޔަގީން ވެފައި ނުވާއިރު ތުހުމަތުތަކަށް އިޒްރޭލުން ޖަވާބެއް ވެސް ނުދެ އެވެ.
މި ގޮވުންތައް ފެށިފައި މި ވަނީ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ އާ ފިޔަވައްސެއް އިޒްރޭލުގެ އުތުރުގައި ފެށިއްޖެ ކަމަށް އިޒްރޭލުން އިއުލާނުކުރުމާ އެކުގަ އެވެ. އެއީ ހިޒްބުﷲ އިން ދޭ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އާންމުން އެ ސަރަހައްދު ދޫކޮށް ދާންޖެހުން ނިމުމަކަށް ގެނައުމަށް ކަމަށް ވަނީ ބުނެފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓީނިއޯ ގުޓަރެސް ވަނީ މިއީ ހަމަނުޖެހުންތަކަށް އައި ވަރަށް ސީރިއަސް އަދި ބޮޑު ބަދަލެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ޔަގީންކަމާ އެކު އެނގޭ މި ޑިވައިސްތައް ގޮވާ ގޮތް ހެދުމަކީ އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފެށުމުގެ ކުރިން ދޭ ހަމަލާތަކެއްކަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރެސް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ޕޭޖަރުތައް ގޮވި ހާދިސާގައި ހިމެނެނީ ޓައިވާންގެ "ގޯލްޑް އެޕޯލޯ" ކިޔާ ކުންފުންޏެއްގެ އުފެއްދުމެކެވެ. އެކަމަކު އެ ކުންފުނީގެ ވެރިޔާ ސޫ ޗިންގް-ކުއާންގް ވަނީ މި ގޮވުންތަކާ އޭނާގެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ސޫ ވިދާޅުވީ އޭނާގެ ކުންފުނީގެ ނަން ބޭނުންކޮށްގެން ޕޭޖަރު އުފެއްދުމުގެ ލައިސަންސް ހަންގޭރީގެ ބީއޭސީ ކޮންސަލްޓިން އަށް ދީފައިވާ ކަމަށެވެ. އެކަމަކު އެ ކުންފުނިން އަދި މިހާތަނަށް މާބޮޑު ވާހަކައެއް ނުދައްކަ އެވެ.
އޭނާ ވިދާޅުވީ ލުބްނާންގައި ގޮވާފައިވާ ޕޭޖަރުތަކުގައި "މޭޑް އިން ޓައިވާން" ޖަހާފައި ނެތްކަން އެ ބެލުމުން އެނގޭނެ ކަމަށެވެ.
ސޫ ވިދާޅުވި ގޮތުގައި ހަންގޭރީގެ ބީއޭސީން ފައިސާ ދިނުމުގައި "ތަފާތު" ކަމެއް ފާހަގަވާ ކަމަށެވެ. އެ ކުންފުނިން ފައިސާ ލިބުމުގައި މައްސަލަތަކާ ދިމާވާ ކަމަށާއި ފައިސާ އަންނަނީ މެދުއިރުމަތިން ކަމަށް ވެސް ބުންޏެވެ. އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ ބީއޭސީން ބޭނުންވީ ޔޫރަޕްގައި ވިއްކުމަށް ގޯލްޑް އެޕޯލޯ އިން ޕޭޖަރު ގަންނަން ކަމަށެވެ. އެކަމަކު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އެ މީހުން އަމިއްލަ އަށް ޕޭޖަރު ހެދުމުގެ އާ ޕްލޭނެއް ހުށަހަޅައި ގޯލްޑް އެޕޯލޯގެ ނަން ބޭނުންކުރުމުގެ ލައިސަންސް ހޯދި އެވެ.
"އަޅުގަނޑުމެން ދެނީ ހަމައެކަނި ބްރޭންޑް ޓްރޭޑްމާކް އޮތޮރައިޒޭޝަން، މި ޕްރޮޑަކްޓް ޑިޒައިން ކުރުމުގައި ނުވަތަ އުފެއްދުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ،" ގޯލްޑް އެޕޯލޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގޯލްޑް އެޕޯލޯ އަކީ މާ ގިނަ ބަޔަކަށް އެނގޭ ކުންފުންޏަކަށް ނުވިޔަސް މިހާރު އެތަނުގެ އޮފީހަށް ވެސް މީޑިއާގެ މީހުން ޖަމާވާތީ ވަނީ ފުލުހުން ގޮސް ސަލާމަތީ ކަންކަން ވެސް ވަރުގަދަކޮށްފަ އެވެ. އަދި ގޮވުންތަކާ ގުޅިގެން ފަށާފައިވާ ތަހުގީގަށް ވެސް މި ކުންފުނިން ޖަވާބުދޭން ޖެހެ އެވެ.
އިޒްރޭލާއި ހިޒްބުﷲގެ ހަމަލާތައް މެދުކަނޑާލަނީ
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް
އިޒްރޭލުގެ ހަމަލާތައް އީރާންގެ މިސައިލް ސައިޓްތަކަށް
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ލުބްނާންގައި ދޭ ހަމަލާތަކެއް ނުހުއްޓާނަން: ނަތަންޔާހޫ
ހިޒްބުﷲގެ ވެރިޔާއަށް ވެދާނެ ސަފިއްޔުއްދީން ގެއްލިއްޖެ
އީރާނުން އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލައިފި
އިޒްރޭލުގެ ހަމަލާތަކުގައި ލުބްނާނުން 500 މަރު
ހިޒްބުﷲގެ ދެ ކޮމާންޑަރެއްގެ މަރާ އެކު ނުތަނަވަސްކަން
ހިޒްބުﷲގެ ވޯކީޓޯކީތަކެއް ވެސް ގޮވައި ބަޔަކު މަރުވެއްޖެ