Roadha Mihaaru
އިޒްރޭލުން ހަމަލާދީފާނެތީ ލުބްނާން ކުއްލި ހާލަތުގައި

އިޒްރޭލުން ހަމަލާދީފާނެތީ ލުބްނާން ކުއްލި ހާލަތުގައި

29 ޖުލައި 2024

އިޒްރޭލުން އަތްގަދަކޮށްފައި އޮންނަ ގޯލާން އަށް ދިން ރޮކެޓް ހަމަލާތަކެއްގައި ކުޑަކުދިންތަކެއް މަރުވުމާ ގުޅިގެން ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށް އިޒްރޭލުން ދިން އިންޒާރާ އެކު އުފެދުނު ނުތަނަސްކަމުގައި ލުބްނާން ކުއްލި ހާލަތަކަށް ހިނގައްޖެ އެވެ.

ގޯލާނަށް ދިން ރޮކެޓް ހަމަލާތަކެއް، ކުޑަކުދިން ފުޓްބޯޅަ ކުޅެން ތިބި ތަނަކަށް އަމާޒުވެ 10-16 އަހަރާ ދެމެދުގެ 12 ކުއްޖަކު ވަނީ މަރުވެފަ އެވެ. މިއީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން އިޒްރޭލަށް ހަމަލާ ދެމުން ގެންދާ ހިޒްބުﷲ ގެ އަމަލެއް ކަމަށް އިޒްރޭލާއި އެމެރިކާ އިން ބުންޏަސް އެ ޖަމާއަތުން ވަނީ އެ ހަމަލާ ދިން ކަމަށް އިންކާރު ކޮށްފަ އެވެ.

ބަދަލުހިފާނެ ކަމުގެ އިންޒާރު އިޒްރޭލުން ދެމުން ދާއިރު އެތައް އެއާލައިނަކުން މިހާރު ވަނީ ލުބްނާނަށް ދަތުރުތައް މެދުކަނޑާލައިފަ އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓަރު އަބްދުﷲ ރަޝީދު ބޫ ހަބީބް ވިދާޅުވި ގޮތުގައި އިޒްރޭލުން ދީފާނެ ހަމަލާއެއް ހުއްޓުވުމުގެ ގޮތުން ޑިޕްލޮމެޓިކް ގޮތުން މިހާރުވެސް ގެންދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

"އިޒްރޭލުން ހަމަލާދޭނީ ވަކި އިމެއްގެ ތެރޭގައި ކަމަށާއި ހިޒްބުﷲ އިން ރައްދު ދޭނީ ވެސް ވަކި އިމެއްގެ ތެޜޭގައި ... މިއީ މިހާތަނަށް ލިބިފައިވާ ޔަގީންކަމަކީ،" ލުބްނާންގެ އަލް ޖަދީދް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހަބީބް ވިދާޅުވި އެވެ.

ލުބްނާންގެ ރަފީގް ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓްގައި ބަޔަކު މަޑުކޮށްލައިގެން: އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ ބިރަށް ބައެއް އެއާލައިންތަކުން ލުބްނާނަށް ދަތުރުތައް ވަނީ މެދުކަނޑާލާފައި. -- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އާއި ފްރާންސުން ވެސް ދަނީ ހާލަތު އިތުރަށް ނުރައްކާވިޔަ ނުދިނުމަށް މަސައްކަތްކުރަމުންނެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަޖީބް މީޤާތީ ވެސް ވަނީ ބައިނަލްއާގުވާމީ އެކި ފަރާތްތަކާއި ޔޫރަޕް އަދި އަރަބި ގައުމުތަކުގެ ބައިވެރިވުމާ އެކު، ނުރައްކާ ކުޑަކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ ގޯލާންގެ މަޖްދަލް ޝަމްސްގައި ކުޑަކުދިންތަކެއް މަރުވި ރޮކެޓް ހަމަލާ އަކީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށާއި އެކަމަކު އެ ހަމަލާގެ ދުވަހު ވެސް ހިޒްބުﷲ އިން އިޒްރޭލުގެ އަސްކަރީ އެކި މަގާމުތަކަށް ހަމަލާތައް ދީފައިވާނެ ކަމަށެވެ.

އެކަމަކު އިޒްރޭލުން ބުނަމުންދަނީ ހަމަލާގެ ބަދަލު ހިޒްބުﷲގެ ކިބައިން ވަރުގަދަ އަށް ހިފާނެ ކަމަށެވެ. އެއާ އެކު ހިޒްބުﷲ އިން ވަނީ އިރުމަތީ ލުބްނާންގެ ބޯޑަރު ސަރަހައްދުގައި އެ ޖަމާއަތުން ގާއިމުވެ ތިބޭ ތަންތަން ދޫކޮށް ފަހަތަށް ޖެހިފައި ކަމަށް އެ ޖަމާއަތުގެ ކަންކަން އެނގޭ ފަރާތަކުން އޭއެފްޕީ އަށް ބުންޏެވެ.

ހިޒްބުﷲ އިން ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން މިހާރުވެސް ލުބްނާންގެ އެކި ހިސާބުތަކަށް ހަމަލާ ދެމުން ގެންދާއިރު މިހާތަނަށް 529 މީހަކު އެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް އޭއެފްޕީއަށް ލިބިފައިވާ ހިސާބުތަކުން ދައްކަ އެވެ. ހިޒްބުﷲގެ ހަމަލާތަކުގައި އިޒްރޭލުގެ 24 މީހަކު މަރުވެފައި ވާއިރު އޭގެ ތެރެއިން 22 މީހުންނަކީ ސިފައިންނެވެ. -- އޭއެފްޕީ