Roadha Mihaaru
ލުބްނާން "ސްޓޯން އޭޖް" އަށް ގެންދެވިދާނެ: އިޒްރޭލް

ލުބްނާން "ސްޓޯން އޭޖް" އަށް ބަދަލުކޮށްލެވިދާނެ: އިޒްރޭލް

28 ޖޫން 2024

އިޒްރޭލުން ބޭނުން ނަމަ ލުބްނާން "ސްޓޯން އޭޖް" އަށް ބަދަލުކޮށްލެވިދާނެ ކަމަށާއި އެކަމަކު އިޒްރޭލުން މި ވަގުތު އިތުރު ހަނގުރާމައެއް ބޭނުން ނުވާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ބުނެފި އެވެ.

އިޒްރޭލުން ބޭނުން ނަމަ ލުބްނާން "ސްޓޯން އޭޖް" އަށް ބަދަލުކޮށްލެވިދާނެ ކަމަށާއި އެކަމަކު އިޒްރޭލުން މި ވަގުތު އިތުރު ހަނގުރާމައެއް ބޭނުން ނުވާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ބުނެފި އެވެ.

އެމެރިކާގެ ހަތިޔާރު އިޒްރޭލަށް ލިބުން ލަސްވާ މައްސަލަގައި އެމެރިކާއަށް ކުރަމުން ގެންދާ ދަތުރުގައި ގަލަންޓް ވަނީ ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދޭ މައްސަލައިގައި ޑިޕްލޮމެސީ ބޭނުންކޮށްގެން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"އަހަރެމެން ހަނގުރާމައެއް ފަށާކަށް ބޭނުމެއް ނޫން. އެއީ އިޒްރޭލަށް ރަނގަޅު ކަމެއް ނޫން. ލުބްނާން ސްޓޯން އޭޖަށް ބަދަލުކޮށްލުމުގެ ގާބިލްކަން އިޒްރޭލަށް ލިބިގެންވޭ. އެކަމަކު އަހަރެމެން އެހެން ހަދާކަށް ބޭނުމެއް ނޫން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލަންޓް ބުންޏެވެ.

"އަހަރެމެން ހަނގުރާމައެއް ބޭނުމެއް ނޫން. އެކަމަކު ކޮންމެ ހާލަތަކަށް ވެސް މި ދަނީ ތައްޔާރުވަމުން."

އޭނާ ބުނީ އިޒްރޭލުން ހަނގުރާމަ ފަށައިފި ނަމަ ލުބްނާނަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެކަން ހިޒްބުﷲ އަށް ރަނގަޅަށް އެނގޭނެ ކަމަަށެވެ.

އިޒްރޭލާއި ލުބްނާނާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ އެކު ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތައް އިތުރުވަމުން ގޮސް މި ފަހުން ދެ ފަރާތުން ބަދަލުކުރާ ހަމަލާތައް ވަރުގަދަވެ އިތުރުވެފައި ވާތީ އެވެ.

ގަލަންޓް ބުނި ގޮތުގައި އިޒްރޭލުން މިދިޔަ މަސްތަކުގައި ވަނީ ހިޒްބުﷲގެ 400 އަށް ވުރެ ގިނަ މެންބަރުން މަރާލައިފަ އެވެ.

އޭއެފްޕީގެ ހިސާބުތަކުން ދައްކާ ގޮތުގައި ހަމާސް އިން އިޒްރޭލަށް އޮކްޓޫބަރު 7 ގައި ދިން ހަމަލާއަށް ފަހު އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ލުބްނާނުން ވަނީ މަދުވެގެން 481 މީހަކު މަރުވެފަ އެވެ. އޭގެ ތެރޭގައި އާންމުންގެ 94 މީހަކު ހިމެނެ އެވެ.

ހިޒްބުﷲގެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 15 މީހަކާއި އިޒްރޭލު އާންމުންގެ 11 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ. -- އޭއެފްޕީ