Roadha Mihaaru
ހިޒްބުﷲގެ ވޯކީޓޯކީތަކެއް ވެސް ގޮވައި ބަޔަކު މަރުވެއްޖެ

ހިޒްބުﷲގެ ވޯކީޓޯކީތަކެއް ވެސް ގޮވައިފި؛ ބަޔަކު މަރުވެ ބޮޑު ހާސްކަމެއް

18 ސެޕްޓެމްބަރ 2024

އިޒްރޭލާ ދެކޮޅަށް ހަމަލާދެމުން އަންނަ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ގެންގުޅުުނު ޕޭޖަރުތަކެއް އިއްޔެ ގޮވައި ނުވަ މީހަކު މަރުވެފައި ވަނިކޮށް މިއަދުވެސް އެ ޖަމާއަތުގެ ވޯކީޓޯކީތަކެއް ވެސް ގޮވައި އަނެއްކާވެސް ބަޔަކު މަރުވެއްޖެ އެވެ.

އިޒްރޭލާ ދެކޮޅަށް ހަމަލާދެމުން އަންނަ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ގެންގުޅުުނު ޕޭޖަރުތަކެއް އިއްޔެ ގޮވައި ނުވަ މީހަކު މަރުވެފައި ވަނިކޮށް މިއަދުވެސް އެ ޖަމާއަތުގެ ވޯކީޓޯކީތަކެއް ވެސް ގޮވައި އަނެއްކާވެސް ބަޔަކު މަރުވެއްޖެ އެވެ.

މުއާސަލާތުކުރުމަށް ބޭނުންކުރާ ޑިވައިސްއެއް ކަމަށްވާ ޕޭޖަރުތައް ގޮވައި ނުވަ މީހަކު މަރުވި އިރު ތިން ހާހާ ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވެ އެވެ. މިއީ އިޒްރޭލުގެ އަމަލެއް ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފަ އެވެ.

ޕޭޖަރުތައް ގޮއްވާލީ އިޒްރޭލުން ކަމަށް ބުނާއިރު އެކަން އެހެން ކުރާނީ ކިހިނެއްތޯ އުފެދޭ ސުވާލަށް ޔަގީން ޖަވާބެއް އަދި ނެތެވެ. އެ ވާހަކަ ދެކެވެމުން ދަނިކޮށް މިއަދުވެސް ލުބްނާންގައި ހިޒްބުﷲގެ ބާރު ގަދަ ސަރަހައްދުތަކުގައި މުއާސަލާތީ ޑިވައިސްތަކެއް ގޮވައި މިހާތަނަށް މަދުވެގެން ތިން މީހަކު މަރުވެފައިވާ ކަމަށް ލުބްނާންގެ ގައުމީ ޓީވީން ވަނީ ބުނެފަ އެވެ.

"ސޮހްމޫރް އަވަށުގައި މުއާސަލާތީ ޑިވައިސްތަކެއް ގޮވުމުގެ ސަބަބުން ވަނީ ތިން މީހަކު ޝަހީދުވެފައި،" ނެޝަނަލް ނިއުސް އެޖެންސީން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއަދުގެ ގޮވުންތަކުގައި ވެސް ނުވަ މީހަކު މަރުވި އެވެ. އަދި 300 މީހަކު ވަނީ ޒަހަމްވެފަ އެވެ.

ހޮސްޕިޓަލަކުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި އެހެން އަވަށެއްގައި ވެސް މުއާސަލާތީ ޑިވައިސްތަކެއް ގޮވުމުގެ ސަބަބުން 15 މީހަކު ވަނީ ޒަހަމްވެފަ އެވެ. އެ އަވަށުގައި ގޮވީ ވޯކީޓޯކީތަކެއް ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޕޭޖަރުތައް ގޮވުމަކީ އިޒްރޭލުގެ އަމަލެއް ނަމަ އެއީ ވަރަށް ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެކެވެ. މިކަން ދިމާވާނެ އެއް ގޮތަކީ އޭގެ ބެޓެރި އޭގެ ޒާތުގައި ގޮވުން ކަމަށާއި އެކަމަކު ފެންނަ ފެނުމަށް އެއީ ހަމައެކަނި ބެޓެރި ގޮވުން ނޫން ކަމަށާއި ގޮވާތަކެތި ޑިވައިސްތަކުގެ އެތެރޭގައި ހުރި ކަމަށް ބެލެވޭ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

އަނެއް ގޮތަކީ ހިޒްބުﷲ އަށް ފޮނުވި ޕޭޖަރު ޝިޕްމަންޓެއް އިޒްރޭލަށް އެނގި، ލުބްނާނާ ހިސާބަށް ދިއުމުގެ ކުރިން އެ މޮޑިފައިކޮށް، ގޮވާތަކެތި ހަރުކޮށްފައި ހުރުން ކަމަށާއި އިލެކްޓްރޯނިކް ޕަލްސް ފޮނުވައިގެން ޑިވައިސް ހޫނުކޮށް އަންދާލައިގެން ވެސް މިހެން ހެދިދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.