Roadha Mihaaru
އިޒްރޭލުން ލުބްނާނަށް ހަމަލާދޭން ފަށައިފި

އިޒްރޭލުން ލުބްނާނަށް ހަމަލާދޭން ފަށައިފި، ހިޒްބުﷲ ވެސް ރައްދު ދެނީ

25 އޯގަސްޓް 2024

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމަށް ބުނެ އިޒްރޭލުން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ. އެއާ އެކު ހިޒްބުﷲ އިން ވެސް ރައްދުގައި މިހާރު ވަނީ ހަމަލާ ދޭން ފަށައިފަ އެވެ.

އިޒްރޭލުން އިސްވެ ހަމަލާ ދޭން ފެށުމަށް ފަހު މިހާރު ވަނީ މުޅި އިޒްރޭލުގައި 48 ގަޑިއިރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

އިޒްރޭލުން ހަމަލާދޭން ފެށި ފަހުން ހިޒްބުﷲ އިން ވަނީ އިޒްރޭލަށް އަމާޒުކޮށް 320 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ.

"މިހާތަނަށް ލޯންޗްކުރި ކަޓްޔުޝާ ރޮކެޓްގެ އަދަދު 320 އަށް ވުރެ ގިނަ... ހަމަލާ ދީފައިވަނީ ދުޝްމަނުންގެ މަރުކަޒުތަކާ ދިމާލަށް،" ހިޒްބުﷲ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އިޒްރޭލުގެ 11 މަގާމަކަށް ހަމަލާ ދިން ކަމަށާއި ފުރަތަމަ ފޮނުވާލި ހަމަލާތައް ކާމިޔާބު ކަމަށް ހިޒްބުﷲ އިން ބުންޏެވެ.

ލުބްނާނަށް އިޒްރޭލުން ހަމަލާދޭން ފެށުމާ އެކު ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތައް އިންޓަސެޕްޓްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލުބްނާނަށް އިޒްރޭލުން ހަމަލާދޭން ފެށުމާ އެކު ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތައް އިންޓަސެޕްޓްކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން އިސްވެ ހަމަލާ ދިނުމަށް ފަހު ބުނީ އެގޮތަށް ކަންތައް ކުރަން ޖެހުނީ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދިނުމަށް، އީރާނުން ގެނެސްފައިވާ މިސައިލްތައް ތައްޔާރުކުރަން ފެށުމުން ކަމަށެވެ. އަދި މިއީ ބޮޑު ހަމަލާއެއްގެ ބިރު ކުޑަކުރުމަށް ދޭންޖެހުނު ހަމަލާތަކެއްގެ ގޮތުގައި ސިފަކުރި އެވެ.

މި ހަމަލާތަކާ އެކު، މިއަދު ހެނދުނު 6:00 އިން 48 ގަޑިއިރަށް އިޒްރޭލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ހިޒްބުﷲ އިން އިޒްރޭލުގެ އާންމުން އުޅޭ ސަރަހައްދުތަކަށް ހަމަލާ ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ ކަމަށް ވެސް ބުންޏެވެ.

އެމެރިކާއިން ވަނީ އިޒްރޭލު ދިފާއުކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެ މި ހަމަލާތަކާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ.