Roadha Mihaaru
ހަނިއްޔާގެ މަރާ ގުޅިގެން އިޒްރޭލުގެ ނުސީދާ ޖަވާބެއް

ހަނިއްޔާ އަވަހާރަކޮށްލި ރޭ ލުބްނާނުގައި ނޫނީ ވައިގެމަގުން ހަމަލާއެއް ނުދެން: އިޒްރޭލް

02 އޯގަސްޓް 2024

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި އަވަހާރަކޮށްލި ރޭ އިޒްރޭލުން މެދުއިރުމަތީގެ ގައުމެއްގައި ވައިގެ މަގުން ހަމަލާ ދިނީ ލުބްނާނުގައި އެކަނި ކަމަށާއި އެއީ ވެސް އެންމެ ހަމަލާއެއް ކަމަށް އިޒްރޭލުން ބުނެފި އެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި އަވަހާރަކޮށްލި ރޭ އިޒްރޭލުން މެދުއިރުމަތީގެ ގައުމެއްގައި ވައިގެ މަގުން ހަމަލާ ދިނީ ލުބްނާނުގައި އެކަނި ކަމަށާއި އެއީ ވެސް އެންމެ ހަމަލާއެއް ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލު ސިފައިންގެ ތަރުޖަމާނު ޑެނިއެލް ހަގާރީ މިހެން ބުނީ ބުދަ ދުވަހުގެ ރޭ މެންދަމުން އަލިވަނިކޮށް އީރާންގެ ވެރިރަށް ތެހެރާންގައި ދިން ހަމަލާއެއްގައި ހަނިއްޔާ އަވަހާރަކޮށްލުމާ އިޒްރޭލާ ގުޅުމެއް ވޭތޯ ސުވާލުކުރުމުންނެވެ.

މިހާތަނަށް އެއްވެސް ބަޔަކު ޒިންމާ އުފުލާފައިނުވާ އެ ހަމަލާއާ ބެހޭ ގޮތުން ހަގާރީ ބުނީ އެ ރޭ އިޒްރޭލުން މެދުއިރުމަތީގެ ގައުމެއްގައި ވައިގެމަގުން ހަމަލާއެއް ދިނީ ހިޒްބުﷲގެ ކޮމާންޑަރު ފުއާދު ޝުކުރަށް އަމާޒުކޮށް ލުބްނާންގެ ބައިރޫތުގައި ކަމަށެވެ. އެ ހަމަލާގައި އޭނާ އަވަހާރަވެފައިވާކަން ހިޒްބުﷲ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހަނިއްޔާ އަވަަހާކޮށްލީ ވައިގެ މަގުން ދިން ހަމަލާއެއްގައި ނޫން ކަމަށާއި އެއީ ހަނިއްޔާ ހުންނަވާ ކޮޓަރީގައި މާ ކުރިން ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ ކަމަށް ބުނުމުން ވެސް ހަގާރީގެ ޖަވާބަކަށްވީ "އެ ރޭ މެދުއިރުމަތީގައި އިޒްރޭލުން ވައިގެ މަގުން ހަމަލާދިނީ ލުބްނާންގައި އެކަނި" ކަމަށެވެ.

"މިކަން ސާފުކޮށްދޭން ބޭނުން. ވައިގެ މަގުން، މިސައިލުން ނުވަަތަ ޑްރޯނުން ވެސް އިޒްރޭލުން މެދުއިރުމަތީގައި އެ ނޫނީ [ލުބްނާންގައި ނޫނީ] ހަމަލާއެއް ނުދެން. މިއަށްވުރެ އިތުރަކަށް ނުބުނާނަން،" އޮންލައިންކޮށް ބޭއްވި ޕްރެސް ބްރީފިންގައި ހަގާރީ ބުންޏެވެ.

ނިއު ޔޯކް ޓައިމްސް އިން އީރާން ވެސް ހިމެނޭ ގޮތުން މެދުއިރުމަތީގެ ބައެއް އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނީ ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނަވާ ގެސްޓް ހައުސްގައި މާ ކުރިން ބޮމެއް ހަރުކޮށްފައި ބެހެއްޓުމަށް ފަހު ރިމޯޓުން ގޮއްވާލައިގެން ކަމަށެވެ. އެކަމަކު އީރާންގެ މީޑިއާގައި ރިޕޯޓްކޮށްފައިވަނީ ހަނިއްޔާ ހުންނެވި އިމާރާތަށް މެންދަމުން އަލިވެ 2 ޖެހިއިރު ވައިގެ މަގުން ހަމަލާއެއް ދިން ކަމަށާއި އޭނާ އަވަހާރަވީ އެ ހަމަލާގެ ސަބަބުން ކަމަށެވެ.

ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް ހަމާސް އާއި އިޒްރޭލުން ބުނެ އެވެ. އަދި އެކަމުގެ ބަދަލު ހިފާނެ ކަމަށް އިންޒާރު ދެމުން ދާތީ ހަގާރީ ވަނީ އިޒްރޭލާއި އިޒްރޭލުގެ ބައިވެރިން ތިބީ އެކުގައި ކަމަށާއި ކޮންމެ ހާލަތަކަށް ވެސް ތައްޔާރު ކަމަށެވެ. -- އޭއެފްޕީ