Roadha Mihaaru
ހަމާސްގެ ލީޑަރުގެ ތިން ދަރިން އަވަހާރަކޮށްލައިފި

އިޒްރޭލުން ހަމާސްގެ ލީޑަރުގެ ތިން ދަރިން އަވަހާރަކޮށްލައިފި

10 އެޕްރީލް 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ފިރިހެން ދަރިން އަވަހާރަކޮށްލާފައިވާ ކަމަށް ހަނިއްޔާ އައި އިޒްރޭލުގެ އަސްކަރިއްޔާ އިން ވެސް މިއަދު ބުނެފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ފިރިހެން ދަރިން އަވަހާރަކޮށްލާފައިވާ ކަމަށް ހަނިއްޔާ އައި އިޒްރޭލުގެ އަސްކަރިއްޔާ އިން ވެސް މިއަދު ބުނެފި އެވެ.

ގަތަރުގައި އުޅުއްވާ ހަނިއްޔާ އަލް ޖަޒީރާއަށް ވިދާޅުވީ އޭނާގެ ތިން ފިރިހެން ދަރިންނާއި ބައެއް ކާފަ ދަރިން އަވަހާރަވީ އެ މީހުން ދަތުރުކުރި ކާރަކަށް އިޒްރޭލުން ދިން ހަަމަލާއެއްގައި ކަމަށެވެ.

މި ހަމަލާ ދީފައި މި ވަނީ މީގެ ހަ މަސް ކުރިން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ އާއި މިސްރު އަދި ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ބާއްވަމުން އަންނަ މަޝްވަރާތައް އަލުން ފަށައި އެކަމުގައި އަދިވެސް ކުރިއެރުމެއް ލިބޭ ކަމުގެ ނިޝާނެއް ނުފެނި އުޅެނިކޮށެވެ.

"މިއަދު އަޅުގަނޑު ފިރިހެން ތިން ދަރިން ކަމަށްވާ ހާޒިމް، އާމިރް، މުހައްމަދު އަދި ބައެއް ކާފަ ދަރިން ވަނީ ޝަހީދުވެފައި،" ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރު ހަނިއްޔާ ވިދާޅުވި އެވެ.

އިޒްރޭލުން މި ހަމަލާއާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ ހަމާސްގެ ތިން މެންބަރަކު "ޣައްޒާގެ މެދުތެރޭގައި ޓެރަރިސްޓް ހަރަކާތްތަކެއް ހިންގަން ދަނިކޮށް މަރާލާފައިވާ" ކަމަށެވެ. އެ ތިން މީހުންނަކީ ހާޒިމް، އާމިރް އަދި މުހައްމަދު ކަމަށް އިޒްރޭލުން ވެސް ބުންޏެވެ. އިޒްރޭލުން ވެސް ބުނީ މިއީ ހަނިއްޔާގެ ދަރިން ކަމަށާއި މިއީ ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ މެންބަރުން ކަމަށެވެ.

އަލް ޖަޒީރާއިން ބުނީ ހަނިއްޔާގެ އާއިލާގެ މެންބަރުން ދަތުރުކުރި ކާރަށް ޑްރޯނުން ހަމަލާދީފައިވަނީ ޣައްޒާގެ އުތުރުގައި ހުންނަ އަލް ޝާތީ ރެފިއުޖީ ކޭމްޕް ސަރަހައްދުން ކަމަށެވެ. ހަނިއްޔާގެ ތިން ދަރިން އަވަހާރަކޮށްލި ކަމުގެ ހަބަރު އޭނާއަށް ލިބުނީ ޣައްޒާއިން ގަތަރަށް ފަރުވާއަށް ގެންދިޔަ މީހުންނަށް ހަނިއްޔާ ޒިޔާރަތްކުރައްވަމުން ގެންދަވަނިކޮށް ކަމަށް ވެސް އަލް ޖަޒީރާއިން ބުންޏެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ދަރިން ދަތުރުކުރެއްވި ކާރަށް ހަމަލާ ދިނުމުން އެތަނުގައި ބަޔަކު ހަރަކާތްތެރިވަނީ. މި ހަމަލާގައި ހަނިއްޔާގެ ތިން ދަރިންގެ އިތުރުން ކާފަ ދަރިންތަކެއް ވެސް އަވަހާރަވި. -- ފޮޓޯ: އޭއެފްޕީ

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ދަރިން ދަތުރުކުރެއްވި ކާރަށް ހަމަލާ ދިނުމުން އެތަނުގައި ބަޔަކު ހަރަކާތްތެރިވަނީ. މި ހަމަލާގައި ހަނިއްޔާގެ ތިން ދަރިންގެ އިތުރުން ކާފަ ދަރިންތަކެއް ވެސް އަވަހާރަވި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ މި އަނިޔާވެރި ހަމަލާއަށް ރައްދު ދެއްވައި ހަނިއްޔާ ވިދާޅުވީ ޖަމާއަތުގެ ވެރިންނާއި އެ މީހުންގެ އާއިލާތަކަށް ހަމަލާދީގެން ފަލަސްތީނު ރައްޔިތުންގެ ހިތްވަރު އެލޭނެ ކަމަށް އިސްތިއުމާރީންނަށް ހީވާ ނަމަ އެއީ ކުށް ހީއެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ހަމަލާ އަކީ މިހާރު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ މެދު ހަމާސްގެ ވިސްނުން ބަދަލުކުރުމަށް މަޖުބޫރު ކުރުވުމުގެ ބޭނުމުގައި ދިން ހަމަލާއެއް ނަމަ އިޒްރޭލު އެކަމުގައި ފެއިލްވެއްޖެ ކަމަށެވެ.

"މަޝްވަރާގެ އެންމެ މުހިންމު ހިސާބަށް އާދެވިފައި ވަނިކޮށް އަދި ހަމާސް އިން ހުށަހެޅުމަށް ޖަވާބު ނުދީ އުޅެނިކޮށް އަޅުގަނޑުގެ ދަރިންނަށް ހަމަލާ ދިނުމަކީ ހަމާސްގެ ވިސްނުން ބަދަލުވާނެ ކަމެއްގެ ގޮތުގައި ހީވާ ނަމަ އެއީ ބިލާހެއް،" ހަނިއްޔާ ވިދާޅުވި އެވެ.

"ފަލަސްތީނު ރައްޔިތުންގެ ލެޔަށްވުރެ އަޅުގަނޑުގެ ދަރިންގެ ލޭގެ އަގު ބޮޑެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

"ހަމާސްގެ ޑިމާންޑްތައް ބަދަލެއްނުވާނެ،" ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

ހަނިއްޔާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި އޭނާގެ އާއިލާގެ 60 މީހެއްގެ ފުރާނަ މިހާތަނަށް ވަނީ ގެއްލިފަ އެވެ. އޭގެތެރޭގައި ކާފަ ދަރިންނާއި ބޭބެއިންނާއި ކޮއްކޮއިންނާއި އެ މީހުންގެ ދަރިންނާއި ދެބެއިންގެ ދެ ދަރި މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދީ 1.160 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 33،482 މީހަކު ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ