Roadha Mihaaru
އިޒްރޭލުން ގާޒާއަށް ހަމަލާދީ 13 މީހުން ޝަހީދުކޮށްފި

އިޒްރޭލުން ގާޒާ އަށް ހަމަލާދީ 13 މީހުން ޝަހީދުކޮށްލައިފި

09 މެއި 2023

އިޒްރޭލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ރޭ ދަންވަރު ގާޒާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގައި، ފަލަސްތީނު ރައްޔިތުންގެ ތެރެއިން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ރޭ ދަންވަރު ގާޒާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގައި، ފަލަސްތީނު ރައްޔިތުންގެ ތެރެއިން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން ބުނި ގޮތުގައި ގާޒާ އަށް ދިން ހަމަލާތައް އަމާޒުކުރީ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިން ފިލައި ތިބި ތަންތަނަށެވެ. ނަމަވެސް ގާޒާގައި ތިބި ބޭރުގެ ނޫސްވެރިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ދިން މިސައިލް ހަމަލާތައް އަމާޒުކުރީ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށެވެ.

ރޭ ދަންވަރު ދިން ހަމަލާތަކުގައި އާންމުން ދިރިއުޅޭ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މަރުވެފައިވާ އިތުރު މީހުން އެ އިމާރާތްތަކުގެ ދަށުގައި ވެދާނެ ކަމަށް، އާންމުން ބުނެ އެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި ޒަޚަމްވި 20 މީހަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަލް ޖަޒީރާ އިން ބުނި ގޮތުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 13 މީހުންގެ ތެރޭގައި، އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިންގެ ތިން ކޮމާންޑަރަކު ވެސް ހިމެނެ އެވެ. އަދި މި ހަމަލާތަކުގައި ޝަހީދުވި އަނެއް 10 މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެ ތިން ކޮމާންޑަރުންގެ އާއިލީ މެމްބަރުން ކަމަށް ވެސް އަލް ޖަޒީރާ އިން ބުނެ އެވެ.

މި އެންމެން ވެސް ޝަހީދުވީ، އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ދިން ހަމަލާތަކުގަ އެވެ. އަދި ރޭގެ ހަމަލާތަކުގައި ޒަޚަމްވި އެންމެންނަކީ ވެސް އާންމުން ކަމަށާއި އޭގެ ތެރޭގައި ހަނގުރާމަވެރިން އެއްވެސް ޖަމާއަތެއްގެ މީހަކު ނުހިމެނޭ ކަމަށް ވެސް އަލް ޖަޒީރާ އިން ބުންޏެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އިސްލާމިކް ޖިހާދުން ބުނި ގޮތުގައި އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އެ ޖަމާއަތުގެ ތިން ކޮމާންޑަރަކާއި އެ ތިން ކޮމާންޑަރުންގެ ތިން އަނބިންނާއި ބައެއް ދަރިންވެސް ހިމެނެ އެވެ. ނަމަވެސް ޝަހީދުވި ކުޑަކުދިންގެ އަދަދާއި އެ ކުދިންގެ އުމުރު، އެ ޖަމާއަތުން ހާމައެއް ނުކުރެ އެވެ.

ރޭގެ ހަމަލާތަކާ ބެހޭ ގޮތުން އިސްލާމިކް ޖިހާދުން ބުނީ އިޒްރޭލުގެ އުދުވާނަށް ބަދަލު ނުހިފައި ދޫކޮށްލާނެ ކަމަށް އެކަކު ވެސް ހީކޮށްގެން ނުވާނެ އެވެ. އެ ޖަމާއަތުގެ ތަރުޖަމާނު ތާރިގު ސަލްމީ ވިދާޅުވީ ކޮންމެ ބޮން އެޅުމަކަށް ހަމަ އެފަދަ ބޮންއެޅުމަކުން، އަދި ކޮންމެ ހަމަލާއަކަށް އެފަދަ ހަމަލާއަކުން ބަދަލު ހިފާނެ ކަމަށެވެ.

އިސްލާމިކް ޖިހާދުގެ އެ އިންޒާރާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ގައުމުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އަންގައިފަ އެވެ. އެ ގޮތުން ގާޒާ އިން ފެށިގެން 40 ކިލޯމީޓަރުގެ ސަރަހައްދުގައި ދިރިއުޅޭ އާންމުން، ބޮމުގެ ހަމަލާތަކުން ސަލާމަތްވުމަށް ހަދާފައިވާ ބިންގަރާސްތަކަށް ފަސޭހައިން ވަދެވޭ ފަދަ ގޮތަކަށް ތިބުމަށް ވެސް ވަނީ އަންގައިފަ އެވެ.

ރޭގެ ހަމަލާއާ ގުޅިގެން ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވިދާޅުވީ ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އާންމުން މަރައިގެން އިޒްރޭލަށް ރައްކާތެރިކަން ލިބޭނެކަމަށް ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ އަމަލުތަކުގެ ސަބަބުން، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅު ހަރަކާތްތައް އިތުރުވާނެ ކަމަށާއި، ރޭގައި އަވަހާރަކޮށްލި ތިން ކޮމާންޑަރުންގެ މަރުގެ އަގު އިޒްރޭލުން އަދާކުރަންޖެހޭނެ ކަމަށް ވެސް ހަނިއްޔާ ވިދާޅުވި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ރޭ ގާޒާ އަށް ދިން ހަމަލާތަކުގައި އިޒްރޭލުގެ ވައިގެ ލަޝްކަރުގެ 40 މަތިންދާބޯޓާއި ޑްރޯން ބޭނުންކުރި އެވެ. އަދި ރޭގައި ހަމަލާ ދިނީ އިސްލާމިކް ޖިހާދުގެ އަސްކަރީ އިމާރާތްތަކަށާއި ހަތިޔާރު އުފައްދާ ތަންތަނަށް ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

އިޒްރޭލުން ބުނި ގޮތުގައި ރޭގެ ހަމަލާ އަމާޒުކުރި، އިސްލާމިކް ޖިހާދުގެ ތިން ކޮމާންޑަރުންނަކީ، އެންމެ ފަހުން ގާޒާގެ ތެރެއިން އިޒްރޭލުގެ ތެރެއަށް ދިން ރޮކެޓް ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ތިން މީހުންނެވެ. މި މަހުގެ 2 ވަނަ ދުވަހު، ގާޒާގެ ތެރެއިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނީ، ދައުވާއަކާ ނުލައި އިޒްރޭލުގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ މެމްބަރު ޚުޟަރު އަދުނާން، ޖަލުގައި ކުރަމުން ދިޔަ ހައިހޫނުކަމުގެ ހަޅުތާލުގައި، އެ ދުވަހު މަރުވުމާ ގުޅިގެންނެވެ. އުމުރުން 45 އަހަރުގެ ޚުޟަރު މަރުވީ، އޭނާ ފެށި ހައިހޫނުކަމުގެ ހަޅުތާލުގެ 87 ވަނަ ދުވަހު އެވެ.

އިސްލާމިކް ޖިހާދުގެ ރޮކެޓް ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި، ގާޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.