27 ސެޕްޓެމްބަރ 2024
ރާއްޖޭގައި މިވަގުތު ހުންނެވި ކިޑްނީ ބަލިތަކުގެ ހަމައެކަނި ސްޕެޝަލިސްޓް، ޑރ. ޝިހާމް ކިޔަވާ ވިދާޅުވުމާ އެކު މި ދާއިރާގައި މިހާތަނަށް ހޭދަކުރެއްވި 29 އަހަރުގެ ފަހަތުގައި އޮތީ ސިއްހީ ދާއިރާއަށް ވަރަށް ވަރުގަދަ އިހްތިރާމަކާއި ގަދަރެކެވެ. އޭނާގެ ހަޔާތް ސިއްހީ ހިދުމަތަށް ހުސްކުރެއްވީ މުހިއްމު ސަބަބުތަކަކާ ހެދި އެވެ.
ރާއްޖޭގައި މިވަގުތު ހުންނެވި ކިޑްނީ ބަލިތަކުގެ ހަމައެކަނި ސްޕެޝަލިސްޓް، ޑރ. ޝިހާމް ކިޔަވާ ވިދާޅުވުމާ އެކު މި ދާއިރާގައި މިހާތަނަށް ހޭދަކުރެއްވި 29 އަހަރުގެ ފަހަތުގައި އޮތީ ސިއްހީ ދާއިރާއަށް ވަރަށް ވަރުގަދަ އިހްތިރާމަކާއި ގަދަރެކެވެ. އޭނާގެ ހަޔާތް ސިއްހީ ހިދުމަތަށް ހުސްކުރެއްވީ މުހިއްމު ސަބަބުތަކަކާ ހެދި އެވެ.
"މިވާހަކަ" ޕޮޑްކާސްޓުގެ ތިން ވަނަ ސީޒަންގެ ފުރަތަމަ މެހްމާނެއްގެ ގޮތުގައި ވަޑައިގެން ޑރ. ޝިހާމް "މިހާރު"އަށް ހިއްސާ ކޮށްދެއްވީ ސިއްހީ ދާއިރާގައި އޭނާގެ ހިތް އޮތް ސަބަބާއި ތަޖުރިބާ އެވެ.
އޭނާ މި ދާއިރާއަށް ވެންނެވުމުގެ އަސްލަކީ ބައްޕަ، މުހައްމަދު ސަލީމް ސިއްހީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތެވެ. ޑެންޓަލް ހައިޖީންގެ ދާއިރާއިން ކިޔަވާ ވިދާޅުވެ ސަލީމް އޭރުގެ ސެންޓްރަލް ހޮސްޕިޓަލާ ގުޅިވަޑައިގެން އެތައް އަހަރެއް ވަންދެން ހިދުމަތުގައި އުޅުއްވި އެވެ. ސްކޫލް ދައުރުން ފެށިގެން ވެސް އެ މަންޒަރު އެންމެ ގާތުން ފެނުނު އެކަކީ ދަރިފުޅު، ޝިހާމެވެ.
އެކަމަކު، ސިއްހީ ދާއިރާއަށް ވެންނެވުމަށް ބައްޕަ ސީދާ އިރުޝާދެއް ނުދެއްވަ އެވެ. މި ދާއިރާ އިން ދަރިއަކު ކުރިއަށް ދާން ބައްޕަ ބޭނުންވެފައި ހުރި ކަން ޝިހާމަށް ނަގައިގަނެވުނީ އެވެ. ރާއްޖޭގެ ފުރަތަމަ ނެފްރޮލޮޖިސްޓަށްވެ އޭނާ ވަނީ ބައްޕައަށް އެ ހިތްހަމަޖެހުން ވެސް ގެނެސްދެއްވައިފަ އެވެ.
ޝިހާމް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެއާޕޯޓުގައި އިލެކްޓްރޯނިކްސް ޑިޕާޓްމަންޓުގަ އެވެ. އެތަނުގައި މަސައްކަތް ކުރައްވަނިކޮށް ސްކޮލާޝިޕް ހަމަޖެހުމާ އެކު، އެ ވަޒީފާ ދޫކުރައްވައި ޑޮކްޓަރުކަން ކިޔަވަން އިންޑިއާއަށް ފުރާވަޑައިގަތީ 1995 ވަނަ އަހަރެވެ.
ޝިހާމް ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރަށް އެކަނި ކުރި ފުރަތަމަ ދަތުރުގައި، ބޯޓު ގޮސް ދިއްލީ އެއާޕޯޓަށް ރޭގަނޑު ޖެއްސުމާއެކު މީހުން ކޯޓު ލާން ފެށުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ފިނި މޫސުމަށް ވިއަސް، އޭރު ވާނުވާ ހޯދޭނެ މާ ގިނަ ގޮތްތަކެއް ނެތުމުން ޝިހާމަށް ވެސް އެ ފަހަރު ދިމާވީ އެފަދަ ކަމެކެވެ.
ޓެކްސީއެއްގައި އެއިމްސް ޓީޗިން ހޮސްޕިޓަލަށް ދެވުނަސް އޭނާ ހުރީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. އެ ތަން ބޮޑުވުމާއި ރޭގަނޑުގެ ވަގުތަށް ވެފައި އޮފީސް ބަންދުވުމުން އޭނާ މަޑުކޮށްގެން ހުއްޓައި ޑޮކްޓަރަކު އައިސް ޝިހާމަށް ދެއްކީ ސައި ކޮޓަރި އެވެ. އެ ރޭ އެ ތަނުގައި މަޑުކުރުމަށް ފަހު އެއިމްސް ހޮސްޕިޓަލްގެ ހޮސްޓެލްއަށް ފަހުން ބަދަލުވި އެވެ.
އިންޑިއާގެ އެއްވަނަ ޓީޗިން ހޮސްޕިޓަލް، އެއިމްސްގެ ބެޗެއްގައި 50 ދަރިވަރުން ހިމެނެ އެވެ. އިންޑިއާއަށް ކަނޑައަޅާފައިވާ ސްލޮޓުން ޖާގަ ހޯދަން 20،000 އެއްހާ ކުދިން އޭރު އޯލް އިންޑިއާ އެންޓްރެންސް އިމްތިހާނު ހެދި އެވެ.
ޑރ. ޝިހާމް، އެމްބީބީއެސް ނިންމުމަށްފަހު ބެޗުގައި ތިބި ކުދިންނާއެކު ގްރެޖުއޭޝަން ފޮޓޯގައި މަޑުކޮށްލައިގެން.
އިންޓާންޝިޕްގެ އެއް އަހަރާ އެކު، ހަ އަހަރުގެ ކިޔެވުމަށް ފަހު ޝިހާމް އަނބުރާ ރާއްޖެ ވަޑައިގެން ފުރަތަމަ ގުޅިވަޑައިގަތީ އައިޖީއެމްއެޗާ އެވެ. އޭރުގެ މެޑިކަލް ހެޑް، ޑރ. ފާތުމައިދީގެ އެދިވަޑައިގަތުމަށް އިންޓާނަލް މެޑިސިންގެ ޑިޕާޓްމަންޓާ ގުޅިވަޑައިގަތް އިރު، އެ ތަނުގައި ތިބީ އިންޑިއާ ދެ ޑޮކްޓަރަކާއި ޕާކިސްތާނު ޑޮކްޓަރެކެވެ. އޭގެ 20 އަހަރު ފަހުން، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑިޕާޓްމަންޓުގައި ތިން ބިދޭސީން ފިޔަވައި ދެން ތިބީ މުޅިން ވެސް ދިވެހިންނެވެ.
ޝިހާމް ވިދާޅުވީ މެޑިކަލް އޮފިސަރަަކަށް އުޅުއްވި ދެ އަހަރުގެ ތެރޭގައި ޑައިލިސިސް ޔުނިޓާއި އީއާރު އަދި އެހެނިހެން ޑިޕާޓްމަންޓުތަކުގައި ވެސް ބަލި މީހުން ބެއްލެވި އެވެ. ސްޕެޝަލައިޒޭޝަނަށް ލިބުނު ފުރުސަތެއްގައި އިންޓާނަލް މެޑިސިންގެ ތިން އަހަރުގެ ކިޔެވުމަށް ނޭޕާލަށް ވަޑައިގެންނެވި އެވެ. ސަބް-ސްޕެޝަލިޓީއަކީ މީހުން އާއްމުކޮށް އޭރު ކިޔަވާ އެއްޗަކަށް ނުވާތީ ޝިހާމް ވެސް ހުންނެވީ ކިޔެވުން ނިމުނީ ކަމަށް ބަލައިގެންނެވެ.
ކިޑްނީގެ ބަލިތަކަށް ހާއްސަވާނެ ޑޮކްޓަރަކު ހޯދަން އިއުލާންކުރުމުން އެއްވެސް މީހަކު ކުރިމައްޗެއް ނުލަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފަން އެދި ހަޔާ އެޑިއުކޭޝަނުން ގުޅީ ޝިހާމަށެވެ. އެއީ، މީހުން ބިނާކުރުމާ ގުޅޭ ކޮމިޓީގައި މެމްބަރެއްގެ ހައިސިއްޔަތުން ޝިހާމް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
"ހަޔަ އެޑިއުކޭޝަނާ ބެހޭ ކޮމިޓީގައި ވާހަކަދެއްކިއިރު އެކި އެކި ސްޕެޝަލިޓީތަކާއި ސަބް-ސްޕެޝަލިޓީ ޑިވެލޮޕްކުރުމުގައޭ ވޭ ފޯވާޑަކީ ކިޔައިގެން ވަރަށް ބޮޑަށް ވަކާލާތުކުރިން އެ ފަހަރު. މި ވަކާލާތުކުރުމަށް ފަހު ގާތްގަނޑަކަށް އަހަރެއް ފަހުން އައި ފުރުސަތެއް މިއީ ނެފްރޮލޮޖީ ހަދަން. އެ އިއުލާންކުރީމަ އެއްވެސް މީހަކު ނުލާ. އެންމެން ވެސް މި ތިބީ ފުރިހަމަވެފައި. ނެފްރޮލޮޖީއަކީ ބުރަ ކިޔެވުމެއް އިތުރަށް އަނެއްކާ ތިން އަހަރުވަންދެން. ކޮންމެ މީހެއްގެ އާއިލާއެއް ވެސް އޮންނާނެ ރާއްޖޭގައި،" ޝިހާމް ވިދާޅުވި އެވެ.
"އެންމެން ރާއްޖޭގައި ސެޓްލްވެފައި ތިބީ. ހަދަން ދާންވީ އެއްވެސް އިންސެވްޓިވްއެއް ނެތް. އެކަމަކު އޭރު މިނިސްޓްރީގެ ބޭފުޅަކު ގުޅާފައި ބުނީ ޝިހާމް ވަރަށް އެޑްވޮކޭޓްކުރީމެއް ނޫންހޭ އިތުރު ކިޔެވުންތަކާ ފުރުސަތު ހޯދަން. މިހާރު މި އޮތީ ފުރުސަތު ލިބިފައޭ އެއްވެސް މީހަކު އިންޓްރެސްޓެއް ނުނަގައޭ. މީހުންނަށް އެންކަރޭޖްކުރުމާއެކު އަޅުގަނޑު ވެސް ދިޔައީ އޭގައި. ލީމަ ލިބުނީ. ފެމެލީ ވެސް ކުއްޖަކު ބަލިވެގެން ބޭރުގައި ހުރުމާއެކު ހިތަށް އެރީ ދާނީއޭ ދެން. ދެން ނެފްރޮލޮޖީއަކީ ރަނގަޅު ދާއިރާއަކަށް ވިއަސް އެކަމަކު ކޮންމެހެން ނެފްރޮލޮޖީ ހަދަން ޖެހޭނެއޭ، އެ ވިސްނުމުގައި ދިޔަ ދިއުމެއް ވެސް ނޫން އެއީ."
ޑރ. ޝިހާމް، އޭނާގެ މަންމަ އާއި ބައްޕަ އަދި ބޭބެއާއެކު.
ޝިހާމް ވިދާޅުވީ ކިޑްނީގެ ބަލިތަކަކީ ކިހާ ފުޅާ ދާއިރާއެއްކަން އެނގުނީ ކިޔަވަން ވިދާޅުވާން ފެށި ކަމަށެވެ. އެހެންވެ، މިހާރު ސްޕެޝަލިޓީތައް ހަދާ ޑޮކްޓަރުން، ސަބް-ސްޕެޝަލިޓީއަށް ލޯ ހުޅުވުމަށް އޭނާ އެދިވަޑައިގަތެވެ.
"އެތެރެހަށީގެ ބައިގައި އުޅޭއިރު ހުރިހާ އެއްޗަކަށް ބޭސް ކުރަމުންދާއިރު ސްޕެޝަލިސްޓަކަށް ހުރި ހަތަރު އަހަރުގައި ވެސް މި އެއްޗިއްސަކީ ކިހާ ޑެޕްޓު އެއްޗެއްކަމެއް ނޭނގޭ. ބޮޑަށް ބާރުއަޅަން ބޭނުންވީ ސިއްހީ ސްޕެޝަލިޓީ ހަދާ މީހުންނަށް، ސަބް-ސްޕެޝަލިޓީތަކަށް ލޯ ހުޅުވަން،" އޭނާ ވިދާޅުވި އެވެ.
ޝިހާމް ވިދާޅުވީ ރާއްޖޭގައި ޖުމްލަކޮށް ހުރިހާ ބައްޔެއް ވެސް ގިނަ ކަމަށެވެ. އެކަމަކު، ތަފާސްހިސާބު ނުހުންނާތީ ވަކި ބައްޔެއް ގިނައޭ ބުނަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.
މަތިމަތިން ހުންނަ ސާވޭތަކުގައި ތަފްސީލެއް ނުހުންނަ ކަމަށާއި ރާއްޖޭގައި ބައްޔެއް ގިނަވަމުންދާ ކަމަށް ބުނަން ޖެހޭނީ އާބާދީއަށް ބަލައި ދިރާސާތައް ކޮށްގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ރާއްޖޭގައި ވަރަށް ގިނަ ކިޑްނީ ބަލިތައް، ކިޑްނީ ބަލިތަކަށް ވާރުތަކުރާ ހަކުރު ބަލި، ފަލަ ބަލި، ހައިޕަ ޓެންޝަނަކީ ވެސް މި ހުރިހާ އެއްޗަކީ ވެސް ގިނަ އެއްޗެހި. އަޅުގަނޑަށް ބުނަން ނޭނގޭ އެއްޗަކީ ދުނިޔޭގެ ނިސްބަތާ ބަލާފައި ރާއްޖޭގައި ގިނަކަން. ވަރަށް ގިނަ މީހުން ބުނާ އެއްޗެއް ރާއްޖޭގައި ވަރަށް ގިނައޭ. އެހެން ބުނަން ވާނީ ދުނިޔެއާ ކޮމްޕެއާ ކޮށްފައި. އެހެން ބުނާކަށް އެވިޑެންސެއް އަދި ނުފެނޭ،" ޝިހާމް ވިދާޅުވި އެވެ.
ކިޑްނީގެ ބައްޔަށް ދާ އެއް ބަޔަކީ، ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނަ ބަލި، ހަކުރު ބައްޔެވެ. ކިޑްނީއަށް ދެ ވައްތަރަކުން އަސަރު ކުރެ އެވެ. އެއީ ދިގު މުއްދަތުގެ އެކި ބައްޔާއި ކުއްލިއަކަށް ދިމާވާ ކަންކަމުން ކިޑްނީއަށް ޖެހޭ ބައްޔެވެ. އޭގެ ތެރެއިން، ސީދާ ކިޑްނީއަށް ދިމާވާ ކަންކަން ނުވަތަ މުޅި ހަށިގަނޑަށް ދިމާވާ ކަމަކުން ކިޑްނީއަށް ކުރާ އަސަރަކީ އެއީ ދިގު މުއްދަތުގެ ކިޑްނީ ބަލި ގިނައިން މި ފެންނަ އެއްޗަކެވެ.
ޝިހާމް ވިދާޅުވީ ގިނަ ވާނީ މުޅި ހަށިގަނޑަށް އަސަރުކުރާ ބަލިތަކުން ކިޑްނީއަށް ކުރާ އަސަރެވެ. އޭގެ ތެރޭގައި ހަކުރު ބައްޔާއި ލޭގެ ޕްރެޝާ މައްޗަށް ދިއުމާއި ހިތުގެ ބަލި ކޮންޓްރޯލް ނުވުމުގެ ސަބަބުން ކިޑްނީއަށް ކުރާ އަސަރު ހިމެނެ އެވެ. ކިޑްނީގެ ބަލިތަކުގެ ތެރޭގައި ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީގައި ޕްރޮޓީނާއި ލޭ ލީކްވާ ބަލި ހިމެނެ އެވެ. އެކަމަކު، ގިނަވާނީ މުޅި ހަށިގަނޑަށް އަސަރުކުރާ ބަލިތަކުން ކިޑްނީ އަކީ މައިގަނޑު ބައްޔަކަށް ވެގެންދާ މީހުން ކަމަށެވެ.
ރާއްޖޭގައި މި ވަގުތު ހުންނެވި ހަމައެކަނި ކިޑްނީ ބަލިތަކުގެ ޑޮކްޓަރަކަށް ވުމާ ހަމައަށް ޝިހާމަށް ވަޑައިގެންނެވުނީ 12 އަހަރު ކިޔަވާ ވިދާޅުވުމަށް ފަހު އެވެ. މިހާރު އުމުރުން 40ގެ ފަހުގެ އަހަރުތައް ގުނަމުންދާ ޝިހާމް ވިދާޅުވީ ދާއިރާއިން ރިޓަޔާކުރައްވަން އަދި ނުވިސްނަވާ ކަމަށާއި އެކަމަކު ކޮންމެ ވެސް ހިސާބަކުން މަސައްކަތް މަޑުޖައްސާލަން ހިތަށްއަރާ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ބޮޑަށް ވިސްނުން މި ހުންނަނީ އަދި ޕްރޮޑަކްޓިވް ވިއަސް ވަރަށް އެބަހުއްޓޭ އަދި. އެމްޑީ ހެދުމަށް ފަހު ވެސް ބަލަނީ ފުރަތަމަ 2-3 އަހަރަކީ ލާނިން ފޭސްއެކޭ އަދި...އެއަށް ފަހު ސިސްޓަމެއްގެ ދަށުން ކަން ކުރަން އެނގެނީ. މި ހިސާބުގައި ހީވަނީ ވަރަށް ޕްރޮޑަކްޓިވް އަހަރުތައް ގެންގުޅެންވާނެއޭ. އެހެން ނޫނީ ވޭސްޓެއް ކަންނޭނގެ ވަރަށް ބޮޑު." ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކިޑްނީގެ ބަލިތަކަށް ހާއްސަވެފައި އިތުރު އެހެން ޑޮކްޓަރެއް ނެތް ކަމަށެވެ. ދެ ވަނަ ނެފްރޮލޮޖިސްޓް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ޝިހާމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ގިނަ ދުވަސްވަންދެން ޑޮކްޓަރުން ޕްރެކްޓިސްކުރާ ކަމަށެވެ.
ޑރ. ޝިހާމް، ޑޮކްޓަރުންތަކަކާއެކު ފޮޓޯއެއް ނަންގަވަނީ.
ސްކޫލުގެ މަރުހަލާ ނިންމުމަށްފަހު މެޑިސިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިން މަދެއް ނޫނެވެ. ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައި ނުވަތަ މިލިއަނުން ލޯނު ނަގައިގެން ވެސް ޑޮކްޓަރުކަން ކިޔަވަން ދަނީ އެ މަސައްކަތުގެ ބުރަބޮޑުކަން އަމިއްލައަށް އެނގިގެންނެވެ. ނަމަވެސް، ވަކި ހިސާބަކުން ކިޔެވުން ހުއްޓާލާ ކުދިން މަދެއް ނޫނެވެ.
އެ ކުދިންނަށް ޝިހާމްގެ ތަޖުރިބާގައި ވަނީ ނަސޭހަތް ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރުކަން ކިޔެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަމަކު، ކިޔަވަން ޖެހޭނީ މިއީ ކޮން ކަހަލަ ދާއިރާއެއްކަން އެނގިގެން ކަމަށާއި މިހާރު އެ ފުރުސަތުތައް ވަރަށް ބޮޑަށް ފަހިވެފައިވާ ކަމަށެވެ.
"ކުރިން މީހުން ފްރޭންކްލީ ޑޮކްޓަރު ކަމަކީ ސެކްރިފައިސްއޭ ކިޔައި ވާހަކަދައްކާއިރު ވެސް ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް ސެކްރިފައިޒެއް ކަމަކަށް މިއީ. އެއީ ދެން ގޮސް ހަމަ ކިޔަވަނީތާ. ހަ އަހަރުވަންދެން ވެސް ކިޔެވީތާ. ދެން އެހެން މީހުން ވެސް ކިޔަވާނީތާއޭ. އެކަމަކު، ވެންޔޫ ލުކް ބެކް، ލުކްސް ލައިކް އަ ލޮޓް އޮފް ސެކްރިފައިޒް އަސްލު. ބިކޯޒް، އަނެއްހެން ޑޮކްޓަރަކަށް ވެގެން އައިއިރު 25 އަހަރު ވެއްޖެ. ސްޕެޝަލިޓީ ނިންމާފައި އައިއިރު 30 ކްރޮސްކޮށްފި."
"އެސްޓަބްލިޝްވެގެން ދިރިއުޅުމުގެ ކަންތަކާ ބަލާއިރު ހުރިހާ ރައްޓެހިން ކޮޅު އެހެން ކަންކޮޅުތަކަށް ގޮސް އެ މީހުން ބިޒީވެ، އެހެންވެ ސޯޝަލް ލައިފް ވަރަށް ބޮޑަށް ނެރޯވެގެން ދިޔައީ. މީހާއަށް ހުސްވަގުތު ލިބުން ދަތިވުމަށް ވުރެ ބޮޑަށް އަދި ހުސްވަގުތު ލިބުނަސް އެއްކޮށް ކުރާނެ ކަމެއް ނޯވޭ. ލުކިން ބެކް، އިޓްސް އަ ސެކްރިފައިޒް. އެ ކަހަލަ ކަންތައްތައް ވާނެކަން ކުރީ ބައިގައި އެނގިގެން، އެކަން ގަބޫލުކޮށްގެން ދެން ހަދަން ހަމަ ރަނގަޅު އެއްޗެއް. ނޭނގި ހަމަ އެއްގޮތަކަށް ވެސް ވަންނަން ރަނގަޅު ފީލްޑަކަށް ނުވާނެ."
ޝިހާމް ވިދާޅުވީ މިހާރު މެޑިސިން ކިޔަވަން ފަށާފައި ގޮންޖެހުން ތަހައްމަލުކުރާނެ ކަމަށެވެ. އޭގެ އެއް ސަބަބަކީ އެސްޓަބްލިޝްޑް މީހުން ގިނަ ދާއިރާއަކަށް ވުމެވެ. މިއީ، ކަންކަން ވާނެ ކަމަށް ބަލައިގެން ކުރިއަށް ދެވޭނެ ފީލްޑެއް ނޫން ކަމަށާއި އެހެން ނޫނީ ވަރަށް މާޔޫސްވާނެ ކަމަށް ވިދާޅުވި އެވެ.
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
10އަހަރު ފަހުން ކިޑްނީގެ ދެ ވަނަ ޑޮކްޓަރު ހިދުމަތަށް
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
ޑޮކްޓަރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަފަތުރާތީ ކަންބޮޑުވޭ
މެޑިސިިން ދަރިވަރުންގެ ކިޔެވުން ބަދަލުކުރާތީ ކަންބޮޑުވުން