Roadha Mihaaru
ޒަކިއްޔާގެ މަރު: ފުލުހުން ދޭނެ މައުލޫމާތެއް އަދި ނެތް

ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް، ފުލުހުން ދޭނެ މައުލޫމާތެއް އަދި ނެތް

14 ސެޕްޓެމްބަރ 2024

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި އަދި މިވަގުތު ތަފްސީލެއް ދެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި އަދި މިވަގުތު ތަފްސީލެއް ދެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުރި ގުދަނެއްގެ ކައިރިން މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އެވެ. ހަމަ އެ ދުވަހު، މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެ ރަށަށް ދިޔަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޮޅުދޫގައި ތަހުގީގު ޓީމުތައް އަދި ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ހުރިހާ އޭންގަލް އަކުން ވެސް ތަހުގީގަށް މައުލޫމާތު ހޯދާނެ ކަމަށެވެ.

މިއީ ތަހުގީގުގެ ވަރަށް ކުރީކޮޅު ކަމަށާއި އެހެންވެ ތަހުގީގަށް ލިބޭ ކުރިއެރުންތައް ފަހުން މީޑިއާއާ ހިއްސާކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިއީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށް ބައެއް މީހުން ގަބޫލުކޮށް އެގޮތަށް ވާހަކަ ދެއްކި ނަމަވެސް މަރާ މެދު ފުލުހުން އަދި ވަކި ގޮތަކަށް ނުނިންމަ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ތަހުގީގަށް ރަށުގެ މީހުންނާ ދަނީ ސުވާލުކުރަމުންނެވެ.

ތަހުގީގަށް ބޭނުންވާ ބައެއް ސާމްޕަލްތައް ހޮޅުދޫގައި ނެގުމަށް ފަހު، ޒަކިއްޔާގެ ހަށިގަނޑުގެ ތަހުލީލުތަކަށް އަންގާރަ ދުވަހުގެ ރޭ ދަންވަރު މާލެ ގެނަ އެވެ. އެ ތަހުލީލުތައް ނިންމުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހަށިގަނޑު އެ ރަށަށް ގެންދިއުމަށް ފަހު، އެ ދުވަހުގެ މެންދުރު ފަހު ވަނީ ވަޅުލައިފަ އެވެ.

ހޮޅުދޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ގޭތެރެ އަށް ވަން ބިދޭސީންތަކަކަށެވެ. އޭނާ މަރުވެފައި އޮތްއިރު ކަރުގައި ވަޅި އަޅާފައިވާ ކަމަށާއި ކައިރީގައި ވެސް ވަޅިއެއް އޮތްއިރު އެ ވަޅީގައި ވެސް ކޮންމެވެސް ވަރަކަށް ލޭ ހުރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް ތިބެ އެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުއިރު ގޭގައި އުޅެނީ ފިރިމީހާ އާއި ފިރިހެން ދަރިފުޅާއި އޭނާގެ އަނބިމީހާ އަދި މާމަ ދަރިފުޅެވެ. ޒަކިއްޔާގެ އަނެއް ދަރިފުޅު ދިރިއުޅެނީ މާލޭގަ އެވެ.