Roadha Mihaaru
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރި މީހަކު ހައްޔަރު

ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު ފައިސާތަކާ އެކު ހައްޔަރުކޮށްފި

12 ސެޕްޓެމްބަރ 2024

މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފައިސާތަކާ އެކު ބިދޭސީއަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފައިސާތަކާ އެކު ބިދޭސީއަކު މިރޭ ހައްޔަރުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ ހަބީބީ ލައުންޖު ރެސްޓޯރަންޓް ހިންގުމުގައި އިސްކޮށް އުޅޭ ބިދޭސީ މީހާ އެވެ.

ޓީވީއެމް ބިލްޑިންގްގެ ކުރިމަތީގައި ހުންނަ ހަބީބީ ރެސްޓޯރަންޓް ހިންގުމުގައި އިސްކޮށް އުޅެނީ އެ ބިދޭސީ މީހާ ކަމަށް ވިޔަސް އިކޮނޮމިކް މިނިސްޓްރީގައި އެ ތަން ރަޖިސްޓަރީ ކޮށްފައި ވަނީ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އާދަމް އަލީ (އާދަންކޮ) ގެ ނަމުގަ އެވެ. މިދިޔަ ފަސް އަހަރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް ވެރިކަން ބަދަލުވުމާ އެކު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާދަންކޮ ވަނީ މި ސަރުކާރު ހިންގާ ޕީއެންސީ އަށް ސޮއިކުރައްވައިފަ އެވެ. އެކަމަކު، އަމަލީ ގޮތުން އެ ޕާޓީގެ އެއްވެސް ކަމަކުން އޭނާ ނުފެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ ބިދޭސީއަކު ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރީ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އިމިގްރޭޝަނާ ހަވާލު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިތުރު ތަފްސީލު ފުލުހުން ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ގިނަ އަދަދެއްގެ ފައިސާއާ އެކު އެވެ. ފައިސާގެ އަދަދު އަދި ކަށަވަރެއް ނުކުރެވެ އެވެ.

މާލޭގައި ގަވާއިދާ ހިލާފަށް ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާއިރު، ފަހަކަށް އައިސް އެ މައްސަލަތަކުގައި ބިދޭސީން އަތުލައި ގަންނަ ވަރު އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ އިން ބޭރުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު ބައެއް މީހުން ވެސް މި ފަހުން އަތުލައިގަނެ ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.

ހުއްދަ ނެތި، ގާނޫނާއި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ދެ ތަނެއް ވެސް މި މަހުގެ މިހާތަނަށް މާލެ އިން ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން އަތުލައިގަތީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ "ޓްރާންސްފާ މޯލްޑިވްސް" ގެ ނަމުގައި ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރަމުންދިޔަ ތަނެކެވެ. ދެވަނަ ބަންދުކުރީ ޗާންދަނީ މަގުގައި ހުންނަ "ކާށި ބޯޓު ސްވެނިއާ" ފިހާރަ އެވެ.

ފުލުހުން ބުނި ގޮތުގައި، "ކާށި ބޯޓު ސްވެނިއާ" އިން ދިޔައީ އެމްއެމްއޭ އިން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ، އެ ފިހާރަ އަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ވަނީ އަތުލައިގެންފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. އަދި ހާއްސަކޮށް މުޑުދާރުކޮށް، ކާބޯތަކެތި ތައްޔާރުކޮށް އާންމުންނަށް ވިއްކާ ބިދޭސީން ވެސް ވަނީ އަތުލައިގެންފަ އެވެ.