Roadha Mihaaru
މުޑުދާރުކޮށް ފޯއް ކޮށައި ވިއްކި 2ބިދޭސީއަކު ބަންދަށް

މުޑުދާރުކޮށް ފޯއް ކޮށައި ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހުއްޓުވައިފި

19 އޯގަސްޓް 2024

ވަރަށް މުޑުދާރު ތަނެއްގައި ފޯއް ކޮށައި، ބަންދުކޮށްގެން ވިއްކަމުންދިޔަ ބިދޭސީންތަކެއް އިއްޔެ އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވަރަށް މުޑުދާރު ތަނެއްގައި ފޯއް ކޮށައި، ބަންދުކޮށްގެން ވިއްކަމުންދިޔަ ބިދޭސީންތަކެއް އިއްޔެ އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި، މ. ރީތި އޯކިޑްގެ އިން އެ ދެ މީހުން ހައްޔަރުކުރީ މާލޭ ސިޓީ ކައުންސިލުން ދިން މައުލޫމާތަކާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ރެއިޑް އޮޕަރޭޝަނުގައި ބެލިއިރު އެ ގޭތެރޭގައި އެ މީހުން ދިޔައީ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުންނެވެ.

ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީން އިމިގްރޭޝަނުގެ ވެހިކަލަށް އަރުވައިގެން ގެންދަނީ. -- ފޮޓޯ | އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީން އިމިގްރޭޝަނުގެ ވެހިކަލަށް އަރުވައިގެން ގެންދަނީ. -- ފޮޓޯ | އިމިގްރޭޝަން

އެތަނުގެ ތެރޭގައި ފޯއް ކޮށައި ވިއްކަން ތައްޔާރުކުރަމުން ދިޔަ އިރު މުޅި ތަން އޮތީ، ކެއިން ބުއިމަށް ތަކެތި ތައްޔާރުކުރާ ވަރަށް ވުރެ ނުތާހިރުކޮށް ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އާއްމުކުރި ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި ކޮށާފައި ހުރި ފޯއް ފުންޏެއް ތަށިމުށި މަތީގައި ހުރި އިރު ހެދުމާއި އެހެން ސާމާނުތައް ވެސް އެތަނުގައި ބަހައްޓާފައި ހުއްޓެވެ. ފާހާނާއެއްގެ ދޮރުމަތީގައި ގޯންޏެއް އަޅައި ފޯއް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ.

އިއްޔެ ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ފޯއް ކޮށައި ތައްޔާރުކުރަމުންދިޔަތަން..-- ފޮޓޯ: އިމިގްރޭޝަން

އިއްޔެ ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ފޯއް ކޮށައި ތައްޔާރުކުރަމުންދިޔަތަން..-- ފޮޓޯ: އިމިގްރޭޝަން

ކޮށަން ފަސޭހައަކަށް، ގިނަ އަދަދެއްގެ ފޯއް ފެން ޓައްޕެއްގެ ތެރޭގައި ބަހައްޓާފައި ހުރި މަންޒަރު ވެސް އެއް ފޮޓޯ އިން ފެނެ އެވެ.

އެ ކޮޓަރި ތެރޭގައި ހެދުންތައް އަޅުވާފައި ހުރުމުން، ބެލެވޭ ގޮތުގައި އަތުލައިގަތް ދެ ބިދޭސީން ދިރިއުޅެނީ ވެސް އެތަނުގެ ތެރޭގަ އެވެ.

ބިދޭސީން ވިޔަފާރިއަށް ފޯއް ކޮށައި، ބަންދުކުރަމުން ދިޔަ ތަން.-- ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ވިޔަފާރިއަށް ފޯއް ކޮށައި، ބަންދުކުރަމުން ދިޔަ ތަން.-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ އިއްޔެގެ އޮޕަރޭޝަނުގައި، އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ވެސް ހުއްޓުވި ކަމަށެވެ. އިއްޔެ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަން ބަލައި ފާސްކޮށް ތިން މީހަކު ވަނީ އަތުލައިގެންފަ އެވެ.

ދުފުމަށް، ނުތާހިރުކޮށް ފޯއް ވިއްކަމުން ދިޔައިރު އިމިގްރޭޝަނުން ވަނީ ފިހާރަތަކުން އާއްމުކޮށް ގަންނަ އެކި ސާމާނު ވެސް ވަރަށް މުޑުދާރުކޮށް ތައްޔާރުކުރަމުން ދިޔަ ބަޔަކު މިދިޔަ ހަފުތާގައި އަތުލައިގެންފަ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެކަމަށް ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ހުއްޓުވައި އޭގެތެރެއިން ބައެއް މީހުން ވަނީ ޑިޕޯޓްކޮށްފަ އެވެ.

އެސްއެމްއީ ހަބްގައި މަސައްކަތް ކުރަމުން ދަނިކޮށް އަތުލައިގެން ބިދޭސީއެއް.-- ފޮޓޯ: އިމިގްރޭޝަން

އެސްއެމްއީ ހަބްގައި މަސައްކަތް ކުރަމުން ދަނިކޮށް އަތުލައިގެން ބިދޭސީއެއް.-- ފޮޓޯ: އިމިގްރޭޝަން

އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ފުޅާކޮށް ވިޔަފާރި ހިންގަމުން ދިޔަ ބިދޭސީން ހިމެނެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފަ އެވެ. މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.