Roadha Mihaaru

ދިވެހިން ބައިވެރިވެގެން ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ ފުޅާ ނެޓްވޯކެއް، އިސްކޮށް އުޅުނު މީހާގެ އެކައުންޓްގައި 8 މިލިއަން

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެއަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހުއްޓުވައި، އެކަމުގައި އިސްކޮށް ބައިވެރިވާ ބިދޭސީ މީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ޕޮލިހުން ބުނެފި އެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ ބޮޑެއް އަތުލައިގެންފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 މެއި 2025

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެއަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހުއްޓުވައި، އެކަމުގައި އިސްކޮށް ބައިވެރިވާ ބިދޭސީ މީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ޕޮލިހުން ބުނެފި އެވެ.

ދިވެހިންގެ ބަޔަކު ވެސް ބައިވެރިވާ މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގެ ތަފްސީލު ދެމުން ފުލުހުން ބުނީ 2014 ވަނަ އަހަރުން ފެށިގެން ޝަހާދަތު ހުސެއިން ރާއްޖޭގައި އުޅެމުން އަންނަނީ ހަތަރު ވޯކް ޕާމިޓުގައި ކަމަށެވެ.

އޭނާ 2019 ވަނަ އަހަރު މާލެ އައިސް ބީއެމްއެލްގައި ހަ އެކައުންޓު ހުޅުވި ކަމަށާއި އެއީ ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރު ތިން އެކައުންޓު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޮކްޓޫބަރު 2019 އިން ފެށިގެން ޑިސެމްބަރު 2024 ވަނަ އަހަރާ ހަމައަށް ޝަހާދަތުގެ އެކައުންތަކަށް އަށް މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޖަމާވެ، ދައުރު ކޮށްފައިވެ އެވެ.

"ޝަހާދަތު އެންމެ ފަހުން ވޯކް ޕާމިޓް ބަދަލުކޮށްފައިވާ ކުންފުނީގައި އޭނާގެ ވަޒީފާއަކީ އޮފީސް ބޯއީ [ސާފު ކުރާ މީހުން] ނަމަވެސް ވަޒީފާ ހަމަޖެހުނު ލިޔުމުގައި މުސާރައިގެ ގޮތުގައި ވަނީ 3000 ޑޮލަރު ކަމަށް. އެކްސްޕެޓް ސިސްޓަމްގައި ވެސް ޖަހާފައި ވަނީ އޮފީސް ކްލީނާ ކަމަށާއި މުސާރައަކީ 3000 ޑޮލަރު ކަމަށް،" ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ޖުލައި 24ގައި އޭނަގެ ވޯކް ޕާކިޓް ހަމަވެފައިވާ ކަމަށާއި ހައްޔަރު ކުރުމާ ހަމައަށް އޭނާ ދިރިއުޅެމުން ދިޔައީ މަހަކު 18،000ރ. ކުއްޔަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް ބުންޏެވެ.

ޝަހާދަތު ހުސެއިން ގެންގުޅޭ މޯބައިލް ފޯނު އަދި ލެޕްޓޮޕުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީ، ލޯގޯ އާއި ސްޓޭމްޕާއި ބިދޭސީން ހިމެނޭ ގޮތަށް އެކި މީހުން ސޮއި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ވޯކް ޕާމިޓް ނެގުމަށް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓާއި ބިދޭސީންގެ ޕާސްޕޯޓު ކޮޕީ އާއި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ އޭނަގެ ލެޕްޓޮޕާއި ފޯނުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ވޯކް ޕާމިޓް ސައިޓް ތަކަށް ވަދެފައިވާ ކަމުގެ ވެބް ހިސްޓްރީ ވެސް ފެނިފައިވެ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖައިޒު މަންފާ ނަފާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން.-- ފޮޓޯ: ޕޮލިސް

މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖައިޒު މަންފާ ނަފާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން.-- ފޮޓޯ: ޕޮލިސް

އެ ތަކެތި ފެނުމުން ތަހުގީގަށް ހާމަވާ ކަމަކީ ޝަހާދަތު ހުސެއިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ ފަރާތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އޭނާގެ ލެޕްޓޮޕާއި ފޯނުން ފެނުނު އެކްސްޕެޓް ސިސްޓަމުން އަމިއްލަ މީހުންގެ ވިޔަފާރި ތަކުގެ 153 އެކައުންޓު، އައިޑީ އާއި ޕާސްވޯޑާއެކު. ފޮރިން ކޮމްޕެނީތަކުގެ ނަމުގައި ހަތް އެކައުންޓުގެ އައިޑީ ޕާސްވޯޑާއެކު ޕްރައިވެޓް ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓު އައިޑީ ޕާސްވޯޑާއެކު، އެކިއެކި އަމިއްލަ ފަރާތްތަކުގެ ނަމުގައި 126 އެކައުންޓު އައިޑީ ޕާސްވޯޑާއެކު، ޕާޓްނާޝިޕް ތަކުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި ރިލޭޝަން ގާއިމް ކޮށްފައިވާ 5 އެކައުންޓު އައިޑީ ޕާސްވޯޑާއެކު ފެނިފައިވާ،" ފުލުހުން ބުންޏެވެ.

"އެކްސްޕަޓް ސިސްޓަމުގައި ގާއިމް ކޮށްފައިހުރި ޔޫސާނޭމްތަކާއި ޕާސްވޯޑާއެކު ބައެއް ފަރާތްތަކުގެ އީފާސް އެކައުންޓުގެ ލޮގިން ކްރެޑެންޝަލްސްތަކަކީ ޝަހާދަތު ހުސެއިން އަމިއްލައަށް ހަދާފައިވާ އައިޑީތަކެއް ކަމަށް ތަހުގީގަކަށް ނުބެލެވޭ."

ފުލުހުން ބުނީ ޝަހާދަތުގެ އެ މަސައްކަތުގައި އިމިގްރޭޝަންގެ އޮފިސަރުންތަކަކާއި ދިވެހިންގެ އާންމު އެތައް ބަޔަކު ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ބިދޭސީންނަށް އޯޕާން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝަހާދަތުގެ މޯބައިލް ފޯނުން ސައްހަ ނޫން ވޯކް ޕާމިޓާ ގުޅޭ ލިޔެކިޔުންތައް ހެދުމަށްފަހު ބިދޭސީންނަށް ފޮނުވައި ބަންގްލަދޭޝްގައި ހުޅުވާފައި ހުރި އެކައުންޓަކަށް ފައިސާ ޖަމާކުރުވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ އެ މަސައްކަތް ކުރަނީ އިމިގްރޭޝަންގެ އޮފިސަރުންތަކަކާއި ދިވެހިންގެ ގިނަ ބަޔަކާ ގުޅިގެން ކަމަށް ފާހަގަ ވެފައިވާތީ އެ މައްސަލަ އެއީ ވަކީި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު އާއި އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.