Roadha Mihaaru
ނުހައްގުން ޖަލަށްލުމުން ބަދަލުގައި 50 މިލިއަން ޑޮލަރު

ނުހައްގުން 10 އަހަރު ޖަލުގައި ބޭއްވި މީހަކަށް 50 މިލިއަން ޑޮލަރުގެ ބަދަލެއް

12 ސެޕްޓެމްބަރ 2024

މީހަކު މެރިކަން ސާބިތުވާ ކަމަށް ނިންމައި ޖަލު ހުކުމުން ދިހަ ވަރަކަށް އަހަރު ޖަލު ތަންފީޒުކުރި ފަހުން ކުށެއް ނެތްކަން ސާބިތުވެފައިވާ މީހަކަށް ބަދަލުގައި 50 މިލިއަން ޑޮލަރު ދޭން އެމެރިކާގެ ކޯޓެއްގައި ޖޫރީން ނިންމައިފި އެވެ.

މީހަކު މެރިކަން ސާބިތުވާ ކަމަށް ނިންމައި ޖަލު ހުކުމުން ދިހަ ވަރަކަށް އަހަރު ޖަލު ތަންފީޒުކުރި ފަހުން ކުށެއް ނެތްކަން ސާބިތުވެފައިވާ މީހަކަށް ބަދަލުގައި 50 މިލިއަން ޑޮލަރު ދޭން އެމެރިކާގެ ކޯޓެއްގައި ޖޫރީން ނިންމައިފި އެވެ.

ޗިކާގޯގެ ފެޑެރަލް ޖޫރީއަކުން މިދިޔަ ހޯމަ ދުވަހު، އުމުރުން 34 އަހަރުގެ މާސެލް ބްރައުން އަށް ބަދަލު ދޭން ނިންމާފައި ވާއިރު މިއީ އެމެރިކާގެ ތާރީހުގައި ވެސް މިފަދަ މައްސަލައެއްގައި މީހަކަށް މިހާތަނަށް ނަގައިދިން އެންމެ ބޮޑު ބަދަލު ކަމަށް ބްރައުންގެ ފަރާތުން ވަކާލާތުކުރި ލޯވީ އެންޑް ލޮވީ ލޯ ފާމުން ބުންޏެވެ.

ބްރައުން ހައްޔަރުކޮށް 35 އަހަރަށް ޖަލަށް ލާން ހުކުމްކުރީ 2008 ވަނަ އަހަރު، އުމުރުން 19 އަހަރުގެ ފިރިހެނަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވުމުންނެވެ. ނަމަވެސް އޭނާއަށް ކުރި ދައުވާ ބާތިލްކޮށް 2018 ވަނަ އަހަރު ދޫކޮށްލީ އޭނާގެ އަތުން އިއުތިރާފު ހޯދީ ގާނޫނާ ހިލާފަށް ކަމަށް އޭނާގެ ވަކީލުން ކޯޓުގައި ސާބިތުކޮށްދިނުމުންނެވެ.

ލޯފާމުން ބުނީ ޗިކާގޯގެ ފުލުހުން، ތަހުގީގުކުރާ ކޮޓަރިތެރޭ 30 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ބްރައުން ބެއިންދި ކަމަށާއި ކެނޑިނޭޅި ސުވާލުކުރަމުން ދިޔައިރު ކާއެއްޗެހި ވެސް ނުދޭ ކަމަށެވެ. އަދި ފޯނު ކޯލަކަށް އެތައް ފަހަރަކު އެދުނު ކަމަށާއި އެކަން ވެސް ކޮށް ނުދިން ކަމަށް ބުންޏެވެ.

ޗިކާގޯގައި ދެ ހަފުތާވަންދެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށް ފަހު، ބްރައުންގެ ދިފާއީ ޓީމުގެ ވާހަކައަށް ހުރިހާ ޖޫރީން އިއްތިފާގުވި އެވެ. އެއީ ފުލުހުން ބްރައުންގެ ބަޔާން ނެގީ މަޖުބޫރުކޮށްގެން ކަމަށާއި ހެއްކާއި ގަރީނާ ވެސް އުފައްދާފައި ހުރި ކަމަށެވެ.

ޖޫރީން ނިންމީ ބްރައުން ހައްޔަރުކޮށް ހުކުމް ކުރުމާ ދެމެދުގެ މުއްދަތަށް ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރާއި ޖަލުގައި ހޭދަކުރި މުއްދަތާއި އޭގެ ފަހުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ދިނުމަށެވެ. -- އޭއެފްޕީ