Roadha Mihaaru
ސްކޫލެއްގައި ބަޑިޖެހި ކުއްޖާގެ ބައްޕަ ވެސް ހައްޔަރަށް

އެމެރިކާގެ ސްކޫލެއްގައި ބަޑިޖެހި ހާދިސާ: ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި

06 ސެޕްޓެމްބަރ 2024

އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ސްކޫލެއްގެ ތެރޭގައި ބަޑިޖަހައި ހަތަރު މީހަކު މަރާލި ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ސްކޫލެއްގެ ތެރޭގައި ބަޑިޖަހައި ހަތަރު މީހަކު މަރާލި ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި އެވެ.

ޖޯޖިއާގެ އަޕަލަޗީ ހައި ސްކޫލްގައި 14 އަހަރުގެ ކުއްޖާ، ސްކޫލް ތެރެއަށް ވަދެ ބަޑިޖަހައި ހަތަރު މީހަކު މަރާލީ މިދިޔަ ބުދަ ދުވަހު އެވެ. އެ ހާދިސާގައި މަރުވީ 14 އަހަރުގެ ދެ ދަރިވަރުންނާއި ދެ ޓީޗަރެކެވެ. އޭގެ އިތުރުން، އެ ހާދިސާގައި ނުވަ މީހަކު ޒަހަމްވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ބަޑިޖެހި 14 އަހަރުގެ ކުއްޖާ ހައްޔަރުކޮށް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާކޮށްފައިވާ އިރު، އެ ކުއްޖާގެ ބައްޕަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ކުއްޖާގެ މައްޗަށް ވެސް ދައުވާކުރުމުގައި އަމަލުކުރާނީ ބޮޑު މީހަކާ މެދު އަމަލުކުރާ ގޮތަށެވެ.

އުމުރުން 54 އަހަރުގެ ކޮލިން ގްރޭއަށް މީހަކު މަރާލުމުގައި ބައިވެރިވުން ފަދަ ގިނަ ދައުވާތަކެއް ކުރުމުގެ ފުރުސަތު ބޮޑެވެ. ކަމާބެހޭ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، ގްރޭ ވަނީ އެނގި ހުރެ، އޭނާގެ ދަރިފުޅަށް "ހަދިޔާ" އަކަށް ބަޑިއެއް ދީފަ އެވެ.

އެމެރިކާގައި އާންމުން ބަޑި ގެންގުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާ އިރު، ސްކޫލްތަކުގައި ބަޑިޖެހުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. މިފަދަ ހާދިސާތަކުގައި ބެލެނިވެރިންގެ އިހުމާލު ބޮޑުކަމަށް ބުނެ، ދައުވާ ކުރަން މިހާރު ވަނީ ފަށައިފަ އެވެ.