Roadha Mihaaru
އެމެރިކާގެ ހޮސްޕިޓަލަކަށް ހަމަލާދީ 4 މީހުން މަރާލައިފި

އެމެރިކާގެ ހޮސްޕިޓަލަކަށް ހަމަލާދީ ހަތަރު މީހުން މަރާލައިފި

02 ޖޫން 2022

އެމެރިކާގެ އޮކްލަހޯމާގެ ޓުލްސާ އަވަށުގައި ހުރި ހޮސްޕިޓަލެއްގެ އިމާރާތަކަށް، ހަތިޔާރު ހިފައިގެން ހުރި މީހަކު އިއްޔެ ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

އެމެރިކާގެ އޮކްލަހޯމާގެ ޓުލްސާ އަވަށުގައި ހުރި ހޮސްޕިޓަލެއްގެ އިމާރާތަކަށް، ހަތިޔާރު ހިފައިގެން ހުރި މީހަކު އިއްޔެ ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ޓުލްސާގައި ހުންނަ ސެން ފްރެންސިސް ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހުންނަ ނަޓާލީ މެޑިކަލް ބިލްޑިންގްގެ ތެރެއަށް، ބަޑި ހިފައިގެން ހުރި މީހަކު ވަދެ، އެ އިމާރާތުގެ ދެ ވަނަ ބުރި އަށް އަރައި ބަޑި ޖަހަން ފެށީ އެވެ. އެ އަވަށުގެ ފުލުހުން ބުނި ގޮތުގައި ހޮސްޕިޓަލުގެ ތެރެއަށް މީހަކު ހަތިޔާރު ހިފައިގެން ވަދެ ހަމަލާ ދޭ ކަމުގެ ރިޕޯޓެއް ލިބުނީ އިއްޔެ ހަވީރު 5 ޖަހާކަންހާއިރެވެ. ދެތިން މިނެޓް ތެރޭގައި ފުލުހުން އެ ސަރަހައްދަށް ދިޔައިރު ވެސް ބަޑިޖަހާ އަޑު އިވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެ އިމާރާތުގެ ތެރެއަށް ވަދެ، ދެ ވަނަ ބުރި އަށް އެރި އިރު، ހަތިޔާރު ހިފައިގެން އުޅުނު މީހާ އޮތީ ގަޔަށް ވަޒަން އަރައިގެން ވެއްޓިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އޭނާގެ ކައިރިއަށް ދިޔައިރު އޮތީ މަރުވެފައި ކަމަށްވެ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ހަތިޔާރު ހިފައިގެން އުޅުނު މީހާ މަރުވީ އޭނާ އަމިއްލަ ހަށިގަނޑަށް ބަޑި ޖެހުމުންނެވެ. އޭނާގެ ކައިރީގައި އޭނާ ގެންގުޅުނު ސެމީއޮޓަމެޓިކް ރައިފަލާއި ސެމީއޮޓަމެޓިކް ފިސްތޯލަ އޮތެވެ. އަދި އޭނާ މަރުވެފައި އޮތް ކޮޓަރިތެރޭގައި، އޭނާ ދިން ހަމަލާތަކުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ވެސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހަތިޔާރު ހިފައިގެން ހޮސްޕިޓަލަށް ވަދެ ހަމަލާ ދިން މީހަކީ ކާކު ކަމެއް އަދި ޔަގީނެއް ނުކުރެވެ އެވެ. މި ހާދިސާގައި އިތުރު އެތައް ބަޔަކު ޒަޚްމްވެފައިވާ އިރު، މި ހަމަލާ ދިނީ ކޮން މަގްސަދެއްގައި ކަމެއް އަދި ހާސިލުކުރަން ބޭނުންވީ ކޮން ކަމެއްކަން އަދި ނޭނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޮކްލަހޯމާގައި ހޮސްޕިޓަލެއްގެ ތެރެއަށް ބަޑި ޖަހައި ހަތަރު މީހަކު މި މަރައިލީ، ހަތިޔާރު އަޅައިގެން ހުރި ޒުވާނަކު ޓެކްސަސްގެ ސްކޫލެއްގެ ތެރެއަށް ވަދެ ބަޑި ޖަހައި 19 ދަރިވަރަކާއި ދެ ޓީޗަރަކު މަރާލިތާ ހަފުތާއެއް ވީތަނާ އެވެ.