Roadha Mihaaru
ތިލަމާލެ ބްރިޖު މޮނިޓަރިން ކޮމިޓީއަށް ވަޒީރު އިންޑިއާގަ

ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓު މޮނިޓަރިން ކޮމިޓީ ބައްދަލުވުމަށް މިނިސްޓަރު އިންޑިއާގައި

10 ސެޕްޓެމްބަރ 2024

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ބްރިޖު މަޝްރޫއުގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ބްރިޖު މަޝްރޫއުގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންފި އެވެ.

މުމްބާއީގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމަކީ އިންޑިއާގައި ބޭއްވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ސްޓެރެޓެޖިކް އަދި ޓެކްނިކަލް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރު ކޯ ޗެއާ ކުރެއްވި މި ބައްދަލުވުމުގެ މަގްސަދަކީ މަޝްރޫއުގެ ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމަށް ވަޒީރު މުއްތަލިބް އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގައި މިއަދު ވަނީ މުމްބާއިގެ "އަދީތު ޓަނަލް" އަށް ޒިޔާރަތް ކުރައްވައިފަ އެވެ. ކަނޑުއަޑީގައި ގާއިމުކުރަމުންދާ 7.1 ކިލޯމީޓަރު ދިގު ޓަނަލަށް މިނިސްޓަރުގެ އަރިހުގައި އިންޑިއާ ސަފީރު ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރު މުއްތަލިބް ކަނޑުއަޑީގެ ރެއިލްވޭ ޓަނަލް އަށް ކުރި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ

މިނިސްޓަރު މުއްތަލިބް ކަނޑުއަޑީގެ ރެއިލްވޭ ޓަނަލް އަށް ކުރި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ

މިނިސްޓްރީން ބުނީ މި ޒިޔާރަތުގައި ރާއްޖެއަށް ތައާރަފްކުރެވިދާނެ އާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކާ ގުޅޭ އެކި މަޝްވަރާތައް ކުރެވުނު ކަމަށެވެ.

ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ ނިމިފައި އޮތީ 29 ޕަސެންޓެވެ. އެކަމަކު މިހާރު ބްރިޖުގެ 43.6 ޕަސެންޓް ނިމިފައިވާ ކަމަށް މިއަދު އެ މިނިސްޓްރީން ބުންޏެވެ.

މި ބްރިޖުގެ މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

މިހާރު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ދާ ނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މާލެ އާއި ވިލިމާލެ ގުޅައިލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.