Roadha Mihaaru
މި ދެމަފިރިންގެ ހުރިހާ ދަރިން ހާފިޒުންނަށް

މި ދެމަފިރިންގެ ހުރިހާ ދަރިން ހާފިޒުންނަށް

11 ސެޕްޓެމްބަރ 2024

މުހައްމަދު ރިކްޒާން އާއި އައިމިނަތު އަބްދުﷲ އެ މީހުންގެ ދޮށީ އަންހެން ދަރިފުޅަށް ގުރުއާން ހިތުދަސްކޮށްދޭން ނިޔަތްގަތީ އެކަމުގެ ދަރުމައިގެ ބޮޑުކަމުންނެވެ. އެކަމަކު އެ ދަރިފުޅުގެ ފަހަތުން އެހެން ދަރިން ވެސް މިކަމަށް ޝައުގުވެރިކަން އުފެދި ދެމަފިރިންނަށް މިހާރު ލިބިފައިވަނީ ދުނިޔެމަތީގައި ބަޔަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ؛ އެ ދެމަފިރިންގެ ހުރިހާ ދަރިން ގުރުއާން ހިތުދަސްކުރީ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މުހައްމަދު ރިކްޒާން އާއި އައިމިނަތު އަބްދުﷲ އެ މީހުންގެ ދޮށީ އަންހެން ދަރިފުޅަށް ގުރުއާން ހިތުދަސްކޮށްދޭން ނިޔަތްގަތީ އެކަމުގެ ދަރުމައިގެ ބޮޑުކަމުންނެވެ. އެކަމަކު އެ ދަރިފުޅުގެ ފަހަތުން އެހެން ދަރިން ވެސް މިކަމަށް ޝައުގުވެރިކަން އުފެދި ދެމަފިރިންނަށް މިހާރު ލިބިފައިވަނީ ދުނިޔެމަތީގައި ބަޔަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ؛ އެ ދެމަފިރިންގެ ހުރިހާ ދަރިން ގުރުއާން ހިތުދަސްކުރީ އެވެ.

ޅ. ނައިފަރުގެ މި އާއިލާގެ ދޮށީ އަންހެން ދަރިފުޅު، އާއިޝަތު ސާއިބާ މުހައްމަދު ރިކްޒާން މީގެ ދެ އަހަރު ކުރިން ހިފްޒް ކްލާސް ފަށައި އުމުރުން 16 އަހަރުގައި މިހާރު އޭނާ އަކީ ރަށުގެ ފުރަތަމަ ހާފިޒާ އެވެ.

ފުރަތަމަ ދަރިފުޅު ހިފްޒުކޮށް ނިންމުމުން ދެވަނަ ދަރިފުޅު ޒަކުވާން މުހައްމަދު ރިކްޒާން، 13، ވެސް ހިފްޒް ކުރަން ޝައުގު އުފެދި ދަސްކުރަން ފެށި އެވެ. ޒަކުވާން ވެސް ދެ އަހަރުން ދަސްކޮށް ނިންމައިފި އެވެ. އެކަމަކު ގުރުއާނާ ބެހޭ މަރުކަޒުގެ ޓެސްޓުގައި ބައިވެރި ނުވާތީ އަދި ސަނަދެއް ނުލިބެ އެވެ.

އެ ކުދިންގެ މަންމަ އާއި ބައްޕަ "މިހާރު" އަށް ބުނި ގޮތުގައި، މަރުކަޒަށް ކިޔައިދިނުމުގެ ކުރިން ހާފިޒަކަށް ކިޔައިދޭން ޖެހޭތީ މިހާރު ކުރިއަށްދަނީ އެކަމެވެ. ހުރިހާ ލިޔުންތަކެއްގައި ހާފިޒް ސޮއިކޮށް މަރުކަޒަށް ހުށަހަޅަން ޖެހެ އެވެ.

އެ ދެމަފިރިންގެ ދޮށީ ދެ ކުދިން ގުރުއާން ހިފްޒުކުރުމުން އެކަން ނަމޫނާއަކަށް ބަލައި ހަގު ދަރިފުޅު، އުމުރުން އެންމެ ނުވަ އަހަރުގެ ސާރިމަތު މުހައްމަދު ރިކްޒާން ވެސް ބޭނުންވީ ދައްތަ އާއި ބޭބެ ގޮތަށް ގުރުއާން ހިތުދަސްކުރާށެވެ. ސާރިމަތު މިހާރު ގުރުއާނުގެ ތިންބައިކުޅަ އެއްބައި ހިތުދަސް ކޮށްފި އެވެ.

ޢާއިޝަތު ސޮއިބާ މުހައްމަދު ރިކްޒާން  (މ) ބޭބެ ޒަކުވާން މުހައްމަދު ރިކްޒާން (ކ) އާއި ކޮއްކޮ ސާރިމަތު މުހައްމަދު ރިކްޒާންއާ އެކު.

ޢާއިޝަތު ސޮއިބާ މުހައްމަދު ރިކްޒާން (މ) ބޭބެ ޒަކުވާން މުހައްމަދު ރިކްޒާން (ކ) އާއި ކޮއްކޮ ސާރިމަތު މުހައްމަދު ރިކްޒާންއާ އެކު.

ދަސްކޮށްދިނުމުގައި ދެމަފިރިންނާއި ހާފިޒުގެ ހިތްވަރު

ކުދިންގެ ބައްޕަ ރިކްޒާން ބުނީ އޭނާ އަކީ ވަޒީފާ އަދާކުރާ މީހަކަށް ވާތީ، ގޭގައި ކުދިން ކައިރީ ހުންނަ މަންމަ އަކީ ކުދިންނަށް ގުރުއާން ދަސްކޮށްދިނުމަށް އެންމެ ބޮޑު އެއް ހިއްސާ ކަމަށެވެ.

"އަޅުގަނޑަށް ގިނަ ފަހަރަށް މި އާދެވެނީ ގެއަށް އިރުއޮއްސޭފަހުން. ގެއަށް އަންނައިރު ކޮންމެ ދުވަހަކު ދަސްކުރަން އެ ޓާގެޓުކޮށްފައި އެ އޮންނަ އެއް ސަފުހާ ނުވަތަ ބައި ސަފުހާ މި އޮންނަނީ މަންމަ ދަސްކޮށްދީ ނިންމާފައި،" ބައްޕަ ބުންޏެވެ.

"އެކަމަކު އެއްވަނަ ދަރަޖައިގައި ކިޔަވައިދިނުމަކީ އެގޮތަށް ފާސް ވެފައި ހުރި ބޭފުޅަކަށް (ހާފިޒަކަށް) ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ކުދިން ދާނެ ގުރުއާން ކުލާހަކަށް. މި ރަށުގައި އަމިއްލަ ބަޔަކު ހިންގާ ކްލާހަކަށް."

ނައިފަރުގައި ފުރަތަމަ ގުރުއާން ހިތުދަސްކުރި އަންހެން ކުއްޖާގެ ޝަރަފް ލިބުނު އާއިޝަތު ސޮއިބާ މުހައްމަދު ރިކްޒާން.

ނައިފަރުގައި ފުރަތަމަ ގުރުއާން ހިތުދަސްކުރި އަންހެން ކުއްޖާގެ ޝަރަފް ލިބުނު އާއިޝަތު ސޮއިބާ މުހައްމަދު ރިކްޒާން.

ހިތުދަސް ކުރުވަން ޝައުގުވެރި ކުރުވުމަކީ މައިންބަފައިންނަށް ކުރެވޭނެ ކަމެއްކަން ފާހަގަކޮށް ރިކްޒާން ބުނީ އެ ދުވަހަކަށް ނުވަތަ ހަފްތާއަކަށް ދަސްކުރަން ޖެހޭ ބައި ދަސްކުރުމުން ކުދިން ބޭނުންވާ ކަންކަން ކޮށްދޭ ކަމަށެވެ.

"އޭގައި މޯޓިވޭޝަނެއް އިންނާނީ މަންމަ ނޫނީ ބައްޕަގެ ފަރާތުން. މިސާލަކަށް، ތިން ސަފުހާ ނުވަތަ ހަ ސަފުހާ ދަސްކޮށްފިއްޔާ އެ ހަފްތާއަކަށް އެ ހަމަވީ. އެ ހިސާބުން އެ ކުއްޖަކަށް ލިބޭނޭ އެ ހަފްތާއަކަށް ލެޕް ވެސް، ގޭމް ކުޅެން ވެސް. އެކަހަލަ ލީނިއެންސީތައް ދެން،" ބައްޕަ ރިކްޒާން ބުންޏެވެ.

ހިފްޒު ކުރުމަށް ކުދިންގެ ހުންނަ ޝައުގުވެރިކަމުގެ ވާހަކަ އެ ދެމަފިރިން ދެއްކީ ފަހުރުވެރިކަމާ އެކު އެވެ.

"ވަރަށް ބިޒީ ވާނެ ގްރޭޑް 10 ގައި. ހަމަ އަބަދު ކުލާހަށް، ޓިއުޝަންތަކަށް ގޮސް. ޓެސްޓު ހަދަން މާލެ ދިޔައީ ވެސް މިކޮޅުގެ ހާފިޒަށް ކިޔައިދީފައި މާލެ ގޮސް ވެސް އެ ކިޔައިދިނީ. ފިރިހެން ދަރިފުޅު މިހާރު އެ ކިޔައިދެނީ ހާފިޒަށް، އޭނާގެ ވެސް ޓެސްޓު ދުވަސްވަރު މިއީ،" ރިކްޒާން ބުންޏެވެ.

އޭނާ ބުނީ ކޮންމެ ކުއްޖަކަށް ވެސް ސްކޫލްގައި ކިޔަވަމުން ވެސް ހިފްޒުކުރެވޭނެ ކަމަށާއި އެކަމަށް ބޭނުންވަނީ ޝައުގުވެރިކަމާއި ނުގުޑާ އަޒުމެއް ކަމަށެވެ.

ޒަކުވާން މުހައްމަދު ރިކްޒާން.

ޒަކުވާން މުހައްމަދު ރިކްޒާން.

ކުދިންގެ ބައްޕަ އާއި މަންމަ ބުނީ ގުރުއާން ހިތުދަސްކުރި ފަހުން ކުދިންގެ ހަނދާނުގައި ހުރިތޯ އަބަދުވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ހާފިޒަކަށް ވިޔަސް އެ ކުދިން ބޭނުން ދާއިރާއަކުން ކުރިއަށް ދާންވީ ކަމަށް ބުންޏެވެ.

"ހަމަ އެކަނި ދީނީ އިލްމެއް ނޫން. ދުނިޔަވީ އިލްމު ވެސް އޮންނާނެތާ. އަޅުގަނޑުމެން މަޖުބޫރެއް ނުކުރާނަން ވަކި އިމާމަކަށް ވާކަށް. ނޫނީ ގުރުއާން ޓީޗަރަކަށް ވާކަށް. ކުދިން ނިންމާނީ ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާއަކުންކަމެއް،" ބައްޕަ ރިކްޒާން ބުންޏެވެ.

އެ ދެމަފިރިންގެ ވިސްނުން ހުރީ ގާރީ ކޯހެއްގައި ދަރިން ބައިވެރިކުރުވުމަށެވެ. ތަފާތު ރާގުތަކަށް ގުރުއާން ކިޔަވަން ދަސްކޮށްދޭން އެ މީހުން ބޭނުންވެ އެވެ.

ގުރުއާން ހިފްޒް ކުރުމަކީ އެ މީހަކަށް ވީ ވަރަކުން ކުރަންޖެހޭ ކަމަކަށް ވިޔަސް އެކަން މާބޮޑަށް އިހުތިޔާރީ ކަމަކަށް ދޫކޮށްލެވިފައި އޮންނަކަން ރިކްޒާން ފާހަގަކުރި އެވެ. ރިކްޒާން ބުނީ ކުދިންނަށް ގުރުއާން ދަސްކޮށްދޭން އެންމެ ބޮޑު "މޯޓިވޭޝަނަކީ" އެކަމުން ލިބޭ ދަރުމަ ކަމަށެވެ.