Roadha Mihaaru
45 އަހަރަށްފަހު ފޮރިން އިންވެސްޓްމަންޓުގެ އާ ގާނޫނެއް

ރާއްޖޭގައި 45 އަހަރު ފަހުން ފޮރިން އިންވެސްޓްމަންޓުގެ އާ ގާނޫނެއް

03 ސެޕްޓެމްބަރ 2024

ރާއްޖޭގައި އިންވެސްޓް ކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް އާ ފޮރިން އިންވެސްޓްމެންޓް ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އިންވެސްޓް ކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް އާ ފޮރިން އިންވެސްޓްމެންޓް ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ އެވެ.

މިއީ 45 އަހަރުވެފައި އޮތް ފޮރިން އިންވެސްޓްމެންޓް ގާނޫނު އާކޮށްގެން، އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުސަތުތަކެއް ގާނޫނީ ގޮތުން ލިބޭނެ ގޮތަށް އެކުލަވައިލާފައިވާ ގާނޫނެކެވެ.

އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އެކި ދާއިރާތަކުން ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން ބޭނުންވާ އިންވެސްޓްމެންޓްތައް ދެނެގަނެ، ދިރާސާކުރުމާއި ފީޒިބިލިޓީ ރިޕޯޓުތައް ހަދާނެ އެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ ގާނޫނުގައި ކަނޑައަޅާ ދާއިރާތަކުގަ އެވެ. އަދި އެކަން ކުރުމަށް ހުއްދަ ހޯދަން ޖެހޭނެ އެވެ. އެގޮތުން ހުޅުވާލާފައިވާ ދާއިރާތަކާއި ޝަރުތުތަކާ އެކު އިންވެސްޓްކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެ އެވެ.

އިންވެސްޓަރުން އިންވެސްޓް ކުރާނެ ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު އެވެ. އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ލައިސެންސް ހޯދަން ޖެހޭނެ އެވެ. އަދި އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނާ އެންމެހާ ކަންކަން ފުރިހަމަވެފައިވާ ނަމަ އެ ހުށަހެޅުން އިކޮނޮމިކް މިނިސްޓްރީއަށް ލިބޭ ހިސާބުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ވާނެ އެވެ.

ހުއްދަ ދީފައިވާ ވިޔަފާރިއެއް ނޫން އެހެން ވިޔަފާރިއެއް ކުރާ ނަމަ މުޅި ވިޔަފާރީގެ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ. ފޮރިން އިންވެސްޓްމެންޓް ލައިސެންސް ހޯދުމުގައި ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައިވާ ކަން ސާބިތުވެއްޖެ ނަމަ އެއް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.