Roadha Mihaaru
ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ކޯޓުގައި!

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރާ މައްސަލައެއް ފެންމަތިވެއްޖެ

18 ޖުލައި 2024

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

ޓެކްސްއާ ގުޅޭ މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން މީރާއާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކުންފުނި ތަމްސީލް ކުރައްވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މީރާގެ ވަކީލް ވަނީ އެކަން ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

ވަކީލް ވިދާޅުވީ، ކޯޓުގައި މީރާ ތަމްސީލް ކުރަނީ ދައުލަތް ކަމަށާއި އެހެންކަމުން ދައުލަތާ ދެކޮޅަށް ކޯޓުގައި ދައުލަތުގެ މިނިސްޓަރަކަށް ވަކާލާތު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މީރާގެ ވަކީލް އެކަން ފާހަގަކުރުމުން ޑެޕިއުޓީ މިނިސްޓަރު މުނައްވަރު ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނެވިޔަސް، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަސްމެއް ތަމްސީލް ކުރައްވަން ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

މީރާގެ މައްޗަށް މި ދައުވާ ކުރާއިރު، މުނައްވަރަކީ މީރާއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އިކޮނޮމިކް މިނިސްޓްރީއަކީ ވެސް މީރާ އިން ކުރާ މަސައްކަތްތަކާ އެއްވެސް ވަރަކަށް ގުޅޭ މަސައްކަތްތަކެއް ކުރާ ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން ފުށުއެރުމެއް އަރާ ފަދަ ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަދި އެފަދަ ކަމެއް މީރާގެ ފަރާތުން ވެސް ފާހަގައެއް ނުކުރައްވާ،" މުނައްވަރު ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި މުނައްވަރު ހުންނަވައި، މީރާއާ ދެކޮޅަށް ކުރާ ދައުވާއެއްގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް މީރާގެ ވަކީލުން ފާހަގަކުރާ ގާނޫނީ ހަމައާ ބެހޭ ގޮތުން މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. އެކަން މަނާކުރާ މާއްދާއެއް ގާނޫނީ ފަންނުގެ ގާނޫނުގައި އޮތްތޯ ވެސް ފަނޑިޔާރުން އެއްސެވި އެވެ.

ނަމަވެސް، އެފަދަ މާއްދާއެއް ގާނޫނުގައި އޮތް ކަމެއް ނުވަތަ ނެތް ކަމެއް ނޭނގޭ ކަމަށާއި އެކަމަކު، މިއީ މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް މީރާގެ ވަކީލް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވިގޮތުގައި، މަސްލަހަތު ފުށުއަރާ ފަދަ ކަމެއް އޮތް ކަމަށް އޭނާ އަށް ގަބޫލެއް ނުކުރެއްވެ އެވެ. ނަމަވެސް އެފަދަ ކަމެއް އޮތް ކަން ޝަރީއަތުން ފާހަގަކޮށްފި ނަމަ، މައްސަލައިން އޭނާ ތަނާޒުލްވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އެ މައްސަލައާ މެދު ފަނޑިޔާރުން ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި އެވެ. އެންމެ ފަހުން ފަނޑިޔާރުން ނިންމެވީ މީރާގެ ވަކީލް ފާހަގަކުރި މައްސަލައާ މެދު ގޮތެއް ނިންމުމަށް އަޑުއެހުން މެދުކަނޑާލައި، އެހެން ދުވަހަކުން އަޑުއެހުމެއ ބާއްވާށެވެ. މީރާގެ ވަކީލް ފާހަގަކުރި އިއުތިރާޒާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ނިންމުން އަންގަވާނެ ވިދާޅުވި އެވެ.