Roadha Mihaaru
މާޗު މަހު ޔާމީން މިނިވަންވާނެ ކަމަށް ބެލެވޭ: ޖަމީލް

ޖަމީލް ލަފާ ކުރައްވަނީ މާޗު މަހު ޔާމީން މިނިވަން ވާނެ ކަމަށް!

31 ޖެނުއަރީ 2023

ވ. އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުން އަންނަ މާޗު މަހު އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ލަފާކުރައްވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ވ. އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުން އަންނަ މާޗު މަހު އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ލަފާކުރައްވައިފި އެވެ.

ވ. އާރަށް ދޫކުރުމަށް ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރި މައްސަލައިގައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މީގެ ކުރިން ވަނީ އަންނަ ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކީ ޔާމީން ކަން އިއުލާނު ކުރައްވައިފަ އެވެ. އެކަމަކު، އެ ފަހުން އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމާ އެކު، އިންތިހާބުގައި ވާދަ ކުރުމުގެ ދޮރު މިހާރު ވަނީ ބަންދުވެފަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ހައި ކޯޓުގައި ޔާމީންގެ ހުކުމް އިސްތިއުނާފުކޮށް، އެ މައްސަލަ ބަލައި، މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަން، ވަރަށް ތެދަށް ދަންނަވާ ކަމަށް ވަންޏާ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ،" ޖަމީލް ވިދާޅުވި އެވެ.

އިސްތިއުނާފު މަރުހަލާ އާއި ދަށު ކޯޓު މަރުހަލާ ތަފާތުކަން ފާހަގަކުރައްވައި، ޖަމީލް ވިދާޅުވީ، އިސްތިއުނާފު މަރުހަލާ ހިނގާލެއް އަވަސްވާނެ ކަމަށެވެ. ހައި ކޯޓުގައި ވެސް އާންމުކޮށް އިސްތިއުނާފު މަރުހަލާތަކުގައި ބާއްވަނީ ދޭއް ނުވަތަ ތިން އަޑުއެހުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ވާހަކަ ތަފްސީލުކޮށްދެއްވަމުން ވަކީލު އާދަމް ޝަމީމް ވިދާޅުވީ، އާންމު އުސޫލުން ހައި ކޯޓުގައި މައްސަލަ ކުރިއަށްދާއިރު، އެއްވެސް އިތުރު ނުފޫޒެއް ނުވަދެ މައްސަލަ ކުރިއަށްދާ ނަމަ މާޗު މަހުގެ ތެރޭގައި ހައި ކޯޓުގައި އޮތް މައްސަލަ ނިމިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އިންތިހާބުގައި ވާދަ ކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23، އިން އޮގަސްޓު 3 އެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ނަމަ އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ޔާމީން ހުކުމުން މިނިވަންވާން ޖެހެ އެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އެކަމުގައި، ޕާާޓީގެ މެމްބަރުންނާއި ލީޑާޝިޕުން ވެސް ސުވާލު ކުރާ ކަމަށާއި ވީހާ ވެސް އަވަހަށް އިސްތިއުނާފު ކުރެވޭތޯ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން މައްސަލައިގެ ޝަރީއަތް ލިބުނު ގޮތުގެ ރިޕޯޓު ދޫނުކުރާތީ އިސްތިއުނާފު ކުރުން ލަސްވާ ކަމަށް މީގެ ކުރިން ޔާމީންގެ ވަކީލުން ބުނެފައިވެ އެވެ. އެ ރިޕޯޓު ކޯޓުން ދޫކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މީގެ ކުރިން ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019ގައި ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން އޭރު އިސްތިއުނާފު ކުރީ ދެ ދުވަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ހައި ކޯޓުން އެމަނިކުފާނަށް ކާމިޔާބު ނުލިބުނު ނަމަވެސް، ސުޕްރީމް ކޯޓުން ހުކުމް ބާތިލު ކުރި އެވެ.