Roadha Mihaaru
އިއްޒުއްދީންގެ ޕްރިންސިޕަލް ނާދިރާ ދަރުމަވަންތައަށް

ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލަކަށް ނާދިރާ ހަމަޖައްސައިފި

02 ސެޕްޓެމްބަރ 2024

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަން، ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަން، ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފި އެވެ.

މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން އެޑިއުކޭޝަން ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން އިން މާސްޓާސް ހައްދަވާފައިވާ ނާދިރާ ވަނީ ހިރިޔާ ސްކޫލްގައި ވެސް 11 އަހަރު، ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވައިފަ އެވެ. އިއްޒުއްދީނަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށެވެ.

ނާދިރާ އިއްޒުއްދީން ސްކޫލާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 23، 2021 ގަ އެވެ.

ތިން އަހަރެއްހާ ދުވަހު އެ ސްކޫލްގައި ހޭދަކުރެއްވުމަށް ފަހު، ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި ނާދިރާ ވަޑައިގަތުމުން އެ ސްކޫލުގެ މެނޭޖްމެންޓާއި ދަރިވަރުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ނާދިރާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިއްޒުންދީންގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދަރުމަވަންތަ ސްކޫލަކީ އޭނާއަށް އާ ފެށުމެއް ކަމަށް ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ނާދިރާ ހަސަން ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް ކަމަށް ވަޑައިގަތުމުން އެ ސްކޫލުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ދަރުމަވަންތަ ސްކޫލު

އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ނާދިރާ ހަސަން ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް ކަމަށް ވަޑައިގަތުމުން އެ ސްކޫލުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ދަރުމަވަންތަ ސްކޫލު

ނާދިރާ އެ ސްކޫލުގެ ޕްރިންސިޕަލް ކަމަށް ބަދަލުވީ އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވެ، އެ ތަން ބަންދު ކުރުމަށް ނިންމާފައިވާތީ އާއި ދަރުމަވަންތަ ސްކޫލުގައި ހުރި ޕްރިންސިޕަލް އަބްދުﷲ ދީދީ މާލޭގައި އަލަށް ހުޅުވި އޭލެވެލް ސްކޫލަށް ބަދަލުވުމުންނެވެ.

އިއްޒުއްދީންގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބޭނުންވަނީ އިއްޒުއްދީން ސްކޫލްގައި ކިޔަވާ ހުރިހާ ކުދިން، އެ ސްކޫލްގެ ކުރިމަތީގައި ހުންނަ ދަރުމަވަންތަ ސްކޫލްގެ އެކި ކްލާސްތަކަށް ބަދަލުކުރާށެވެ. އެއީ މި ވަގުތަށް ބޭނުންވާ ވަރަށް ދަރުމަވަންތަ ސްކޫލުން ޖާގަ ވެސް ހަމަޖެހޭތީ އެވެ.

ނަމަވެސް، ދަރުމަވަންތަ ފިޔަވައި އެހެން ސްކޫލަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ވެސް ދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ނާދިރާ ދަރުމަވަންތަ ސްކޫލްގެ އެސެމްބްލީއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ | ދަރުމަވަންތަ ސްކޫލް

އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ނާދިރާ ދަރުމަވަންތަ ސްކޫލްގެ އެސެމްބްލީއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ | ދަރުމަވަންތަ ސްކޫލް

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. ފަހުން އެ ތަނުގައި މަންދު ކޮލެޖާއި އެމްއެންޔޫގެ ކެމްޕަސްއެއް ވެސް ހިންގި އެވެ. އެތަނުގައި އިއްޒުއްދީން ސްކޫލް ހިންގަން ފެށީ 2021 ވަނަ އަހަރު އެވެ. އޭރު ވެސް އެ އިމާރާތަށް ގެއްލުން ވާން ފަށާފައިވާ ކަމަށް މައުލޫމާތު އެނގޭ މީހުން ބުނެފައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެންމެ ފަހުން ވިދާޅުވެފައި ވަނީ އިއްޒުއްދީން ސްކޫލު މިހާރު ހިންގާ އިމާރާތުގައި އެހެން ސްކޫލެއް ނުހިންގާނެ ކަމަށެވެ. އަދި އެ ތަން އެހެން ބަޔަކަށް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.