Roadha Mihaaru
އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ނާދިރާ

އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ނާދިރާ

24 ސެޕްޓެމްބަރ 2021

މާލޭގެ ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގައި ހުންނެވި ނާދިރާ ހަސަން، އިއްޒުއްދީން ސްކޫލުގެ އާ ޕްރިންސިޕަލަކަށް އިއްޔެ ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގައި ހުންނެވި ނާދިރާ ހަސަން، އިއްޒުއްދީން ސްކޫލުގެ އާ ޕްރިންސިޕަލަކަށް އިއްޔެ ހަމަޖައްސައިފި އެވެ.

މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން އެޑިއުކޭޝަން ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން އިން މާސްޓާސް ހައްދަވާފައިވާ ނާދިރާ ވަނީ މިދިޔަ 11 އަހަރު ހިރިޔާ ސްކޫލްގެ އިސް މަގާމުތައް އަދާކުރައްވައިފަ އެވެ.

ހިރިޔާގައި އަދާކުރައްވަމުން އައި ވަޒީފާ ދޫކޮށްލެއްވުމަށް ފަހު، ނާދިރާ އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެ ސްކޫލަށް އަލްވަދާއު ވިދާޅުވާން ޖެހިވަޑައިގަތީ ވަރަށް ބަރު ހިތަކާ އެކު ކަމަށެވެ. އަދި އެ ސްކޫލުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި، މިއީ އޭނާ އަށް އާ ފެށުމެއް ކަމަށް ވިދާޅުވި އެވެ.

މާލޭގައި މިދިޔަ އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ކުރިން ހުންނެވި އިސްމާއިލް ނަސީރު އެ މަގާމުން ވަކިކޮށްފައި ވަނީ އޭނާއާ މެދު އެ ސްކޫލުގެ ބައެއް ލީޑިން ޓީޗަރުން ހިތްހަމަނުޖެހި، އެއް ފަހަރާ އިސްތިއުފާ ދެއްވުމުންނެވެ. އެ މައްސަލަ ބަލަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިސްމާއިލް އެހެން ސްކޫލަށް ބަދަލުކޮށްފަ އެވެ.

އިއްޒުއްދީން ސްކޫލުގެ ބައެއް މުވައްޒަފުންނަށް އިސްމާއިލް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. އިސްމާއިލް އެހެން ސްކޫލަކަށް ބަދަލުކުރުމާއި އޭނާގެ މައްޗަށް ތުހުމަތުވާ ޖިންސީ ފުރައްސާރައިގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ވަކި މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.