Roadha Mihaaru
އިއްޒުއްދީންގެ ކުދިން އެހެން ސްކޫލްތަކަށް ބަދަލުކުރަނީ

އިއްޒުއްދީން ސްކޫލް ދޫކޮށް، އެހެން ސްކޫލްތަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފި

28 ޖުލައި 2024

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވެ، އެ ތަން ބަންދު ކުރުމަށް ނިންމާފައިވާތީ، މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވެ، އެ ތަން ބަންދު ކުރުމަށް ނިންމާފައިވާތީ، މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބޭނުންވަނީ އިއްޒުއްދީން ސްކޫލްގައި ކިޔަވާ ހުރިހާ ކުދިން، އެ ސްކޫލްގެ ކުރިމަތީގައި ހުންނަ ދަރުމަވަންތަ ސްކޫލްގެ އެކި ކްލާސްތަކަށް ބަދަލުކުރާށެވެ. އެއީ މި ވަގުތަށް ބޭނުންވާ ވަރަށް ދަރުމަވަންތަ ސްކޫލުން ޖާގަ ވެސް ހަމަޖެހޭތީ އެވެ.

ނަމަވެސް، ދަރުމަވަންތަ ފިޔަވައި އެހެން ސްކޫލަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ދޭން އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އިއްޒުއްދީން ސްކޫލްގައި މިހާރު ކިޔަވަމުން އަންނަނީ 600 އެއްހާ ކުދިންނެވެ، އެ ސްކޫލްގައި ގްރޭޑް 10 ގައި ކިޔަވައިދޭން ފެށީ ވެސް މި އަހަރު އެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އިއްޒުއްދީން ސްކޫލްގެ ކުދިން އެހެން ސްކޫލުތަކަށް ބަދަލުކުރުމަށް މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ފޯމު "އެޑްމިޝަން ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިއްޒުއްދީން ސްކޫލްގެ މެނޭޖުމަންޓުން ބެލެނިވެރިން ގާތު ބުނެފައި ވަނީ އެހެން ސްކޫލަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު މިހާރު ވެސް އޮންނާނެ ކަމަށެވެ. އަދި މި ޓާމު ނިމި، އާ ޓާމާ އެކު ކުދިން ބަދަލުކުރަން ބޭނުން ނަމަ އެ ފުރުސަތު ވެސް ފަހިވާނެ ކަމަށް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލް ދޫކޮށް، އެހެން ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ކުދިންގެ ޔުނިފޯމްގެ ހަރަދު ސަރުކާރުން ދޭ ގޮތަށެވެ. އެހެންވެ، ކޮންމެ ކުއްޖަކަށް ޔުނިފޯމް ވައުޗާއެއް ދޫކުރާނެ އެވެ.

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަން ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކުރަން ނިންމާފައިވާއިރު، ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ) ބަދަލު ކުރަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރުގައި ފަށާ މާލޭގެ ސީއެޗްއެސްއީ އަށެވެ.

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތުގައި ލާފައިވާ ރެނދު: އިމާރާތުގެ މައްސަލަތަކާ ހެދި މި ސްކޫލްގެ ލައިބްރަރީ ބޭނުން ނުކުރާތާ ވެސް އަހަރުތަކެއް ވެއްޖެ.

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތުގައި ލާފައިވާ ރެނދު: އިމާރާތުގެ މައްސަލަތަކާ ހެދި މި ސްކޫލްގެ ލައިބްރަރީ ބޭނުން ނުކުރާތާ ވެސް އަހަރުތަކެއް ވެއްޖެ.

އިއްޒުއްދީން ސްކޫލްގެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބައެއްގައި ރެނދުލާފައި ހުރުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަން ރައްކާތެރިތޯ ބަލަން އިންސްފާރްސްޓްރަކްޗާ މިނިސްޓްރީގެ އިންޖިނިއަރުން މެދުވެރިކޮށް މިދިޔަ މަހު އެސެސްމަންޓެއް ހަދައިފަ އެވެ.

އެސެސްމަންޓް ރިޕޯޓުން ދެއްކީ އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށް ފަހު ކަމަށެވެ. އެއާ އެކު، އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލް ބަންދުކޮށް، އެ ކުދިން ދަރުމަވަންތަ ސްކޫލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިއްޒުއްދީންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. ފަހުން އެ ތަނުގައި މަންދު ކޮލެޖާއި އެމްއެންޔޫގެ ކެމްޕަސްއެއް ވެސް ހިންގި އެވެ. އެތަނުގައި އިއްޒުއްދީން ސްކޫލް ހިންގަން ފެށީ 2021 ވަނަ އަހަރު އެވެ. އޭރު ވެސް އެ އިމާރާތަށް ގެއްލުން ވާން ފަށާފައިވާ ކަމަށް މައުލޫމާތު އެނގޭ މީހުން ބުނެފައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެންމެ ފަހުން ވިދާޅުވެފައި ވަނީ އިއްޒުއްދީން ސްކޫލު މިހާރު ހިންގާ އިމާރާތުގައި އެހެން ސްކޫލެއް ނުހިންގާނެ ކަމަށެވެ. އަދި އެ ތަން އެހެން ބަޔަކަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.