Roadha Mihaaru
އެމްއޭސީއެލް އާއި އާރްސީއެލް އެއްކޮށްލަން ނިންމައިފި

އާރްއޭސީއެލް އެމްއޭސީއެލް އެއްކޮށްލައި، އެޗްޑީސީގެ ދަށުން ފަހިދިރިއުޅުން ހިންގަން ނިންމައިފި

01 ސެޕްޓެމްބަރ 2024

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، ގިނަ ކުންފުނިތަކެއް އެއްކޮށްލަން ކެބިނެޓްގެ މިއަދުގެ ބައްދަލުވުމުގައި ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، ގިނަ ކުންފުނިތަކެއް އެއްކޮށްލަން ކެބިނެޓްގެ މިއަދުގެ ބައްދަލުވުމުގައި ނިންމައިފި އެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމި އެއް ނިންމުމަކީ އެމްއޭސީއެލް އާއި އާރްސީއެލް އެއްކޮށްލުމަށާއި އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން ގެނައުން ކަމަށެވެ.

ދެ ކުންފުންޏެއް އެއްކޮށްލުން ނުވަތަ މާޖުކުރުމުން އެމްއޭސީއެލް އާއި އާރްސީއެލް ހިންގާނީ އެއް މެނޭޖްމެންޓެއްގެ ދަށުންނެވެ. އެހެންވެ، އެ ކުންފުނީގައި ހުންނާނީ އެއް މެނޭޖިން ޑިރެކްޓަރެކެވެ.

"މި މާޖާގެ ސަބަބުން ދެ ކުންފުންޏަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ވެސް އަންނާނެ. މިގޮތުން ހަނިމާދޫ ވެސް ހިމެނޭ ގޮތަށް އަށް އެއާޕޯޓެއް މި މަސައްކަތުގެ ތެރޭގައި މާޖު ކުރެވިގެންދާނެ ކަމުގެ ވާހަކަ ފާހަގަކޮށްލަން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީގެ 31 އިން ފެށިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) މާޖު ކުރުމަށް ނުވަތަ އެއްކޮށްލައިގެން ހިންގޭނެ ގޮތްތައް ހޯދަން ވެސް ނިންމާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މި ބަދަލުތަކުގެ ސަބަބުން، ކުންފުނިތަކުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ކުންފުންޏަށް ބޮޑެތި ކުލީގައި ދެ އޮފީސްވެސް ހުރޭ. ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން މާލޭގައި ކުއްޔަށް ހިފާފައި ހުންނަ އިމާރާތްތައް ވެސް އެބަހުރި،" ސައީދު ވިދާޅުވި އެވެ.

އޮފީސް ހިންގަން ކުލީގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި ފަންނީ އަދި މާލީ ގޮތުން ވެސް ގާބިލުކަން އިތުރު އެމްއޭސީއެލްގެ ދަށަށް އާރުސީއެލް ގެނައުމުގެ ގިނަ ފައިދާތައް ކުރާނެ އެވެ.

މި ބަދަލުތައް ގެންނަނީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ނިންމާފައިވާ ރިފޯމު އެޖެންޑާގެ ދަށުން ކަމަށެވެ.

މިދިޔަ ހަފްތާގައި އެސްޓީއޯގެ ދަށަށް ފެނަކަ ގެންނަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ. ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނީ، ކުރިއަށް އޮތްތަނުގައި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަ ކުރުމަށް ފަހިކުރުމަށް ކުންފުނިތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނާނެ ކަމަށެވެ.