Roadha Mihaaru
އިމްޕޯޓް އިތުރުވެ އެކްސްޕޯޓު އަށް ޕަސެންޓަށް ދަށަށް

އިމްޕޯޓް އިތުރުވެ އެކްސްޕޯޓު އަށް ޕަސެންޓަށް ދަށަށް

31 އޯގަސްޓް 2024

ވޭތުވެދިޔަ ހަތް މަސް ތެރޭ ރާއްޖޭއިން އެކްސްޕޯޓު ކުރި އަދަދު އަށް ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ ހަތް މަސް ތެރޭ ރާއްޖޭއިން އެކްސްޕޯޓު ކުރި އަދަދު އަށް ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ހަތް މަސް ތެރޭ އެކްސްޕޯޓުކޮށްފައިވަނީ 237 މިލިއަން ޑޮލަރުގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 257 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓު ކުރި އެވެ.

އެ މުއްދަތުގައި ޑޮމެސްޓިކް އެކްސްޕޯޓުގެ އަދަދު ވަނީ 44 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިދިޔަ ހަތް މަހު ޑޮމެސްޓިކް އެކްސްޕޯޓުގެ ގޮތުގައި 61 މިލިއަން ޑޮލަރުގެ މުދާ ބޭރަށް ފޮނުވާފައިވެ އެވެ. މިދިޔަ އަހަރުގެ ހަތް މަހު އެ އަދަދު ހުރީ 110 މިލިއަން ޑޮލަރުގަ އެވެ.

މަރުކަޒީ ބޭންކްގެ ހިސާބުތަކުން އެނގޭ ގޮތުން މަހުގެ ބާވަތްތަކުގެ އެކްސްޕޯޓު ވަނީ 46 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ހަތް މަސްތެރޭ މަހުގެ ބާވަތްތައް އެކްސްޕޯޓުކޮށްގެން ލިބުނީ 55 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 103 މިލިއަން ޑޮލަރުގަ އެވެ.

އެކްސްޕޯޓު ކުރާ ބާވަތްތަކުގެ އާމްދަނީއަށް ހަމައެކަނި އިތުރުވީ ރީއެކްސްޕޯޓެވެ. ރީ އެކްސްޕޯޓު ކުރި އަދަދު ވަނީ 19 ޕަސެންޓަށް އިތުރުވެފަ އެވެ. ރީއެކްސްޕޯޓުކޮށްގެން 175 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެކްސްޕޯޓު އެހާ ބޮޑަށް ދަށަށް ދިޔަ އިރު އިމްޕޯޓު ކުރި އަދަދު ވަނީ ހަތަރު ޕަސެންޓަށް އިތުރުވެފަ އެވެ. ހަތް މަސްތެރޭ ދެ ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ.