Roadha Mihaaru
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް

25 ޖުލައި 2022

މިިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖޫން މަހު ރާއްޖެ އަށް 5.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 78 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ 60 ޕަސެންޓް ކުރިއެރުމަކާ އެކު ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓުކޮށްގެން 247 މިލިއަން ރުފިޔާ މިދިޔަ މަހު ލިބުނެވެ.

ކަސްޓަމްސް މެދުވެރިކޮށް ސަރުކާރަށް 394 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ އިރު، އެއީ 44 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއިން އެންމެ ގިނައިން އިމްޕޯޓުކޮށްފައި ވަނީ ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި ކާބޯތަކެއްޗެވެ. އަދި އެންމެ ގިނައިން އެކްސްޕޯޓު ކުރީ ގަނޑުކުރި ކަޅުބިލަ މަހެވެ. އެއިން އެކަނި 140 މިލިއަން ރުފިޔާ ލިބުނެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ގައުމަކީ އޮމާނެވެ. އެގޮތުން، އިމްޕޯޓުގެ 22 ޕަސެންޓާ އެކު 1.1 ބިލިއަން ރުފިޔާގެ މުދާ ވަނީ އޮމާނުން އެތެރެކޮށްފަ އެވެ. އިމްޕޯޓުގެ 12 ޕަސެންޓާ އެކު ދެވަނަ އަށް އެންމެ ގަނައިން މުދާ އެތެރެކުރީ އިންޑިއާއިންނެވެ. ތިންވަނައިގަ އުޅެނީ ޗައިނާ އެވެ.

މުދާ އެކްސްޕޯޓު ކުރި ގައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ތައިލެންޑެވެ. މިދިޔަ ޖޫން މަހު ރާއްޖެއިން ތައިލެންޑަށް ވަނީ 148 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފަ އެވެ. އެއީ އެކްސްޕޯޓުގެ 60 ޕަސެންޓެވެ. ދެވަނައިގައި ޖަރުމަނު ހިމެނޭއިރު ތިންވަނަޔަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރީ ޔޫކޭ އަށެވެ.