Roadha Mihaaru
އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ 10 ޕަސެންޓް ދަށަށް

އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ 10 ޕަސެންޓް ދަށަށް

19 ޖޫން 2018

އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ 10 ޕަސެންޓް ދަށްވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ 10 ޕަސެންޓް ދަށްވެއްޖެ އެވެ.

ކަސްޓަމުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 215 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 240 މިލިއަން ރުފިޔާ އެވެ.

އާމްދަނީ ދަށްވި ނަމަވެސް، ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މެއި މަހު އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ތިން ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، މިދިޔަ މަހު އެ އަދަދު ވަނީ 3.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 19 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާ އިން އެތެރެކުރި މުދަލެވެ. އޭގެ އިތުރުން ޔޫއޭއީން 17 ޕަސެންޓް އަދި ސިންގަޕޫރުން 14 ޕަސެންޓް މުދާ އެތެރެކޮށްފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކަގޮތުން މިދިޔަ މަހު އެކްސްޕޯޓް ކުރި މިންވަރު ވެސް، މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 38 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 326 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ 201 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ.

ކަސްޓަމުން ބުނީ މެއި މަހު އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައިިވަނީ، މޫސުން ގޯސްވުމުން މަސްވެރިކަން ދަށްވުމުން ކަމަށް ބެލެވޭ ކަމަށެވެ. މައިގަނޑު ގޮތެއްގައި ރާއްޖޭން އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ.

އެކްސްޕޯޓް ކުރި މުދަލުގެ 38 ޕަސެންޓް ގެންދިޔައީ ތައިލޭންޑަށެވެ. އޭގެ އިތުރުން ޖަރުމަނަށް 14 ޕަސެންޓް ގެންދިޔައިރު، ތިން ވަނަ އަށް އެންމެ ގިނައިން މުދާ ގެންދިޔައީ ފްރާންސަށެވެ. އެ ގައުމަށް 11 ޕަސެންޓުގެ މުދާ ގެންދިޔަ އެވެ.