Roadha Mihaaru
އިމްޕޯޓް އިތުރު ވިޔަސް އާމްދަނީ މަދުވެއްޖެ

އިމްޕޯޓް އިތުރު ވިޔަސް އާމްދަނީ މަދުވެއްޖެ، އެކަމަކު މަސް އެކްސްޕޯޓް މައްޗަށް

25 ސެޕްޓެމްބަރ 2016

މިދިޔަ މަހު ރާއްޖެ އެތެރެ ކުރި މުދަލުގެ އަގު އަށް ޕަސެންޓް އިތުރުވި ނަމަވެސް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ހަތް ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މިދިޔަ މަހު ރާއްޖެ އެތެރެ ކުރި މުދަލުގެ އަގު އަށް ޕަސެންޓް އިތުރުވި ނަމަވެސް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ހަތް ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމުން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އޮގަސްޓް މަހު ރާއްޖެ އަށް 2.9 ބިލިއަން ރުފިޔާގެ މުދާ އެރެކޮށްފައި ވާއިރު، އޭގެ ކުރީ އަހަރުގެ އޮގަސްޓް މަހު އެތެރެ ކުރީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ އަށް ޕަސެންޓުގެ ކުރިއެރުމަކަށް ވިޔަސް، ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު ލިބުނު އާމްދަނީ ވަނީ އޮގަސްޓް 2015 އަށް ވުރެ ހަތް ޕަސެންޓް ދަށްވެފަ އެވެ. އެ ގޮތުން، މިދިޔަ މަހު ޑިއުޓީގެ ގޮތުގައި 209.8 މިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ކުރީ އަހަރުގެ އޮގަސްޓް މަހު ލިބިފައި ވަނީ 224.4 މިލިއަން ރުފިޔާ އެވެ.

"ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައި ވަނީ ޑިއުޓީ ނަގާ މުދާ އިމްޕޯޓް ކުރި މިންވަރު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށްވެފައި ވާތީ އެވެ،" ތަފާސްހިސާބުތަކާ އެކު އާއްމުކުރި ބަޔާނުގައިވެ އެވެ.

އޮގަސްޓް އިމްޕޯޓު އަދި އެކްސްޕޯޓު:

- އިމްޕޯޓު: 8 ޕަސެންޓް އިތުރު

- އެކްސްޕޯޓު: 18 ޕަސެންޓް ދަށް

- އިމްޕޯޓު ޑިއުޓީ: 7 ޕަސެންޓް ދަށް

މިދިޔަ އޮގަސްޓް މަހު ރާއްޖެ އެތެރެ ކުރި މުދަލުގެ އަދަދު އިތުރުވިޔަސް، އޭގެ ކުރީ މަހު އެތެރެކުރި ވަރު ވަނީ ދަށްވެފަ އެވެ. އެކަމަކު، މިދިޔަ މަހާ ހިލާފަށް، އެތެރެ ކުރި މުދަލުން ޖުލައި މަހު ލިބުނު އާމްދަނީ ހަ ޕަސެންޓް އިތުރުވި އެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރު ކުރި މުދަލުގެ އަދަދު ވަނީ މިދިޔަ މަހު ވެސް ދަށަށް ގޮސްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު 210 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކޮށްފައި ވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 172 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. އެކަމަކު، މިދިޔަ ޖޫން އަދި ޖުލައި މަހާ އަޅާބަލާއިރު ރާއްޖޭން މަހުގެ ބާވަތްތައް ބޭރު ކުރި ވަރު މިދިޔަ މަހު ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފަ އެވެ.

ރާއްޖޭން ބޭރު ކުރާ މުދަލުގެ ނިސްބަތް މަހުން މަހަށް ދަށަށް ދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ގޮތުން، މިދިޔަ ޖުލައި މަހު އެ އަދަދު 143 މިލިއަން ރުފިޔާ އަށް ވެއްޓުނު އިރު، އޭގެ ކުރީ މަހު އެ އަދަދު ހުރީ 218 މިލިއަން ރުފިޔާގަ އެވެ.