Roadha Mihaaru
ޓެކްސް ޓްރައިބިއުނަލަށް ކުރިމަތިލާން ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

29 އޯގަސްޓް 2024

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. ރައްޔިތުންގެ މަޖިލީހުން ލަފާދީގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު ހަތަރު މެމްބަރަކު މަގާމުން ވަކި ކުރައްވައިފަ އެވެ.

ޓްރައިބިއުނަލް އަށް ކުރިމަތިލާ އެއް މެމްބަރުން ވާންޖެހޭނީ ރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި ޓެކްސްއާ ބެހޭ ގާނޫނީ ތަޖުރިބާ ހާސިލުކޮށްފައިވާ ނުވަތަ ޓެކްސް އެކައުންޓެންސީގެ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށްފައިވާ މީހަކަށެވެ.

ރާއްޖޭގައި ގާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލުކޮށްފައިވާ ދެ މެމްބަރަކު ވެސް ހިމެނެން ޖެހެ އެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި އެ މަގާމަށް ކުރިމަތިލާ މީހުންނަކީ މާލީ ދާއިރާ އާއި ޓެކްސް ނުވަތަ ވިޔަފާރި އާއި އިގްތިސާދާއި ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާ ބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭވަރުގެ ގާބިލު ބޭފުޅުންނަށް ވާންޖެހޭނެ އެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކަށް ނުވުން އޮވެ އެވެ. އަދި ބޭންކްރަޕްސީ ވެފައިވާ މީހަކަށް ނުވުމާއި ސިވިލް ސާވިސް މުވައްޒަކަށް ނުވުން ވެސް ހިމެނެ އެވެ.

އިއުލާނުގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު، އަންނަ މަހުގެ 17 ގައި ރައީސް އޮފީހުން ބަލައިގަންނަން ފަށާނެ ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަތަކެއް ބެލުމަށް ފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރައީސަށް ލަފާ އެރުވީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި ބާކީ ތިއްބެވި ހަތަރު މެމްބަރުން މަގާމުން ވަކިކުރާށެވެ. އޭނާ ވަކި ނުކުރީ އެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެނައުމުގައި އޭނާގެ ހެޔޮ ނިޔަތް އޮތް ބެލެވޭތީ އެވެ.