Roadha Mihaaru
ޓެކްސް ޓްރައިބިއުނަލްގެ މެންބަރުންތަކެއް ވަކިކުރަން ލަފާ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ލަފާދޭން ކޮމެޓީން ފާސްކޮށްފި

13 އޯގަސްޓް 2024

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށާއި އެ މެމްބަރުންގެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށާއި އެ މެމްބަރުންގެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިިއަދު ފާސްކޮށްފި އެވެ.

ޖުޑީޝަރީ ކޮމިޓީން ބޭއްވި މިއަދުގެ ބައްދަލުވުމުގައި މި ގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކި ކުރަން ހުށަހަޅާ މެންބަރުން:

1. މުހައްމަދު މުނައްވަރު އަލީ - ރައީސް

2. ހުސައިން ޒައިދާން ޖަލީލް - ނައިބު ރައީސް

3. އަހުމަދު އަޝްރަފް - މެންބަރު

4. ހަދީޖާ ނައީމް - މެންބަރު

މަގާމުން ވަކިކުރަން ހުށަނާޅަނީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު އެކަންޏެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ ސާޖިދު ވަކިކުރަން ނުފެންނަނީ އެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެނައުމުގައި އޭނާގެ ހެޔޮ ނިޔަތް އޮތް ކަމަށް ބެލެވޭތީ ކަމަށެވެ.

"މިކަހަލަ މުއައްސަސާއެއްގައި ހުރި މައްސަލަތައް ހިފައިގެން އަންނަން ކެރޭނީ ވެސް ރަނގަޅު ނިޔަތެއް ހުރީމާ. އަޅުގަނޑުމެންގެ ނިންމުން އަންނަ ގޮތުން މިފަދަ މައްސަލަތައް އަޅުގަނޑުމެންނާ ހަމައަށް އައުން ވެސް ހުއްޓިގެން ގޮސްދާނެ،" އޭނާ ވިދާޅުވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅިގެން ކޮމިޓީން މިހާތަނަށް މައްސަލަ ބަލަމުން ގެންދިޔައީ ބައްދަލުވުންތައް ސިއްރުކޮށްގެންނެވެ. ކޮމިޓީން ވަނީ އެ މައްސަލަތަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލް އޮފީހުގެ ވަކިވަކި މެންބަރުންނާއި ރެޖިސްޓްރާ އަބްދުﷲ ހިލްމީއާއި ބައްދަލު ކުރައްވައި އަދި އެތަނަށް ކޮމެޓީގެ މެމްބަރުން ޒިޔާރަތްކޮށް، ހާލަތު ބައްލަވައިފަ އެވެ.

މެންބަރު ސައްތާރު ވިދާޅުވި ގޮތުގައި ކޮމިޓީން ބެލި ބެލުމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި ވަކި ގޮތްތަކެއް ގެންގުޅޭ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމިޓީން އިތުރަށް ފާހަގަކުރި ކަންކަން:

- ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭތީ، ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހެޅުން.

- ޓްރައިބިއުނަލް އޮފީސް ހިންގަމުންދަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޖާގައިގެ އޮފީހަކަށް ވާތީ ދައުލަތަށް މާލީ ބުރަ ކުޑަކުރަން ހުށަހެޅުން.

- ޓްރައިބިއުނަލުގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތްއޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް.

ކޮމިޓީގެ މި ތިން ރިކަމެންޑޭޝަން ވެސް ވަނީ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފަ އެވެ.