Roadha Mihaaru
ޓްރައިބިއުނަލްގެ މެމްބަރުންތަކެއް ވަކިކުރަން ލަފާ ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ލަފާ ދޭން މަޖިލީހުން ފާސްކޮށްފި

19 އޯގަސްޓް 2024

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްއާ ގުޅޭގޮތުން ޖުޑިޝަރީ ކޮމިޓީއިން ބެލި މައްސަލާގައި، ކޮމެޓީން ނިންމި ގޮތަށް ޓްރައިބިއުނަލް ހަތަރު މެމްބަރަކު ވަކިކުރަން ރައީސަށް ލަފާ އަރުވަން 63 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އޮންނަ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ލަފާދޭން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރަން ހުށަހަޅާ މެންބަރުން:

1. މުހައްމަދު މުނައްވަރު އަލީ - ރައީސް

2. ހުސައިން ޒައިދާން ޖަލީލް - ނައިބު ރައީސް

3. އަހުމަދު އަޝްރަފް - މެންބަރު

4. ހަދީޖާ ނައީމް - މެންބަރު

މަގާމުން ވަކިކުރަން ހުށަނާޅަނީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު އެކަންޏެވެ. ކޮމިޓީގެ ނިންމާފައިވަނީ އޭނާ ވަކިކުރަން ނުފެންނަނީ އެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެނައުމުގައި އޭނާގެ ހެޔޮ ނިޔަތް އޮތް ކަމަށް ބެލެވޭތީ ކަމަށެވެ.

"މިކަހަލަ މުއައްސަސާއެއްގައި ހުރި މައްސަލަތައް ހިފައިގެން އަންނަން ކެރޭނީ ވެސް ރަނގަޅު ނިޔަތެއް ހުރީމާ. އަޅުގަނޑުމެންގެ ނިންމުން އަންނަ ގޮތުން މިފަދަ މައްސަލަތައް އަޅުގަނޑުމެންނާ ހަމައަށް އައުން ވެސް ހުއްޓިގެން ގޮސްދާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅިގެން ކޮމިޓީން މައްސަލަ ބެލީ ބައްދަލުވުންތައް ސިއްރުކޮށްގެންނެވެ. ކޮމިޓީން ވަނީ އެ މައްސަލަތަކާ ގުޅިގެން އެ ޓްރައިބިއުނަލްގެ ވަކިވަކި މެންބަރުންނާއި ރެޖިސްޓްރާ އަބްދުﷲ ހިލްމީއާއި ބައްދަލު ކުރައްވައި އަދި އެތަނަށް ކޮމެޓީގެ މެމްބަރުން ޒިޔާރަތްކޮށް، ހާލަތު ބައްލަވައިފަ އެވެ.

ކޮމިޓީން ނިންމާފައިވަނީ އެ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި ވަކި ގޮތްތަކެއް ގެންގުޅޭ ކަމަށެވެ.

ކޮމިޓީން އިތުރަށް ފާހަގަކުރި ކަންކަން:

- ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭތީ، ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހެޅުން.

- ޓްރައިބިއުނަލް އޮފީސް ހިންގަމުންދަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޖާގައިގެ އޮފީހަކަށް ވާތީ ދައުލަތަށް މާލީ ބުރަ ކުޑަކުރަން ހުށަހެޅުން.

- ޓްރައިބިއުނަލުގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތްއޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް.