Roadha Mihaaru
މާދަމާއިން ފެށިގެން އެމްއެފްޑީއޭއަށް ބޮޑެތި ބާރުތަކެއް

ނުތާހިރު ކާނާ ވިއްކާ ތަންތަން ބަންދުކުރުމުގެ ބާރު އެމްއެފްޑީއޭއަށް

22 އޯގަސްޓް 2024

ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނަށް މާދަމާ އަމަލުކުރަން ފަށާއިރު، ނުތާހިރުކޮށް ހަދާފައި ހުންނަ ކާބޯތަކެތި ވިއްކާ ފިހާރަތައް ބަންދުކުރުމުގެ ބާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލިބި އެ އިދާރާގެ މަސައްކަތް ފުޅާވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނަށް މާދަމާ އަމަލުކުރަން ފަށާއިރު، ނުތާހިރުކޮށް ހަދާފައި ހުންނަ ކާބޯތަކެތި ވިއްކާ ފިހާރަތައް ބަންދުކުރުމުގެ ބާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލިބި އެ އިދާރާގެ މަސައްކަތް ފުޅާވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ މިހާތަނަށް އެމްއެފްޑީއޭ އިން މަސައްކަތްކުރަމުންދިޔައީ ގާނޫނީ މާ ބޮޑު ބާރެއް އޮވެގެން ނޫން ކަމަށެވެ. އެކަމަކު އާ ގާނޫނުގައި ކާބޯތަކެތީގެ މިންގަނޑާއި ކާބޯތަކެތި ތައްޔާރުކުރާ ތަނެއްގައި ހުންނަން ޖެހޭ ސައިޒާއި އިތުރު މިންގަނޑުތައް ވެސް ބަޔާންކުރެ އެވެ. މިފަދަ ކަންކަން ކުރިން ކަނޑައަޅާފައިވަނީ ގަވައިދަކުންނެވެ.

ކާބޯތަކެތި ހަދާ ތަންތަން މިހާރު ބަލަނީ ޕަބްލިކް ހެލްތު ގާނޫނުގެ ދަށުންނެވެ. އަދި ހޮޓާތަކާއި ރެސްޓޯރަންޓުތައް އިންސްޕެކްޓްކުރުމުގެ ބާރު ދީފައި އޮތަސް، ގޭގައި ހަދައިގެން ފިހާރަތަކުގައި ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބެލުމުގެ ބާރު ހެލްތު މިނިސްޓްރީގެ ދަށުން އޮންނަ އެއްވެސް އިދާރާއަކަށް ނޯވެ އެވެ.

ހަލީލް ވިދާޅުވީ އެހެންވެ، އެ ބާވަތްތައް ތައްޔާރުކުރަނީ ކާކު ކަމެއް ނުވަތަ ކޮން ތަނެއްގައި ކަމެއް ވެސް ނޭނގޭ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކަށް މިހާރު ވެސް މި ދިމާވަނީ ކަންމަތީގައި މި ހުންނަ ފިހާރާގައި މި ހުންނަ ގުޅަ ޕެކެޓް، ނޫނީ މި ހުންނަ ހެދިކާ އާއި ކޭކު، މި އުފެއްދީ ކޮންތާކުންކަމެއް ނޭނގޭތީ ޓްރެކް ކުރަން އުނދަގޫވުން. އެއީ ކާކު އުފެއްދި ކޯއްޗެއްކަން ނޭނގުމުގެ ނަތީޖާއަކީ އޭގައި ގޯހެއް ހުއްޓަސް ޒިންމާކުރާނެ ފަރާތެއް ފެންނަން ނޯވެ،" ހަލީލް ވިދާޅުވި އެވެ.

އެކަމަކު އާ ގާނޫނުގެ ދަށުން ހަދައި ގަވައިދުތަކާ އެކު އެ ވިއްކާ ތަކެތި ލޭބަލްކުރުން ލާޒިމުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގާނޫނުން ލާޒިމުކުރޭ އެގޮތަށް ބަހައްޓާ ކާނާ ވެސް ޓްރެކްކޮށް ޒިންމާކުރެވޭނެ. ހަމަ އެގޮތަށް ރައްކާތެރިކޮށް ނޫންކޮށް ފިހާރާގައި އެއްޗެހި ވިއްކަންޏާ އެތަންތަން ބަންދުކުރުމުގެ ބާރު ގާނޫނުން އެބަ މަތިކުރޭ އެމްއެފްޑީއޭއަށް،" ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބަލައި ފާސްކުރުމަށް މިހާރު ގާނޫނެއް ނެތަސް މާދަމާއިން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން ފެށިގެން ގޮސް ބަލައި ފާސްކޮށް ގޮސް އެތަން ބަންދުކުރުމާއި އަދި ރަނގަޅުކުރާ ހިސާބުން އެތަން ހުޅުވުމަށް ވެސް ބާރު އޮންނާނެ،"

ހަލީލް ވިދާޅުވީ މިހާރު ވެސް ރަޖިސްޓްރީކޮށްގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުންނަނީ ރަނގަޅަށް ކަމަށާއި މައްސަލަ ދިމާވަނީ ރަޖިސްޓްރީނުކޮށް ނުވަތަ ސިއްރުން އެކަން ކުރާ މީހުން ހިންގާ ތަންތަނުގައި ކަމަށެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން މިކަންކަން އާންމުކޮށް ފެންނަކަން ފާހަގަކުރައްވަމުން އޭނާ ވަނީ ނުތާހިރުކޮށް ކާބޯތަކެތީގެ ވިޔަފާރިކުރަނިކޮށް ފެނިއްޖެ ނަމަ ރިޕޯޓުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ރިޕޯޓުކުރުމަށް ފަސޭހަ އިންތިޒާމެއް ހަދައި މިއަދުގެ ވަގުތެއްގައި އެކަމަށް ވަކި ނަމްބަރެއް ހާއްސަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް ހިންގި އިންސްޕެކްޝަންތަކުގައި 1،579 ތަނެއް ބަލައިފާސްކުރި އެވެ. އޭގެ ތެރެއިން 14 ތަނެއް ބަންދުކުރިއިރު 13 ތަނެއް، ރަނގަޅުކޮށް މިހާރު އަންނަނީ އަލުން ހިދުމަތްދެމުންނެވެ.

އަލަށް އަމަލުކުރަން ފަށާ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާ ހިލާފުވެއްޖެ ނަަމަ، ޖިނާއީ ދައުވާކުރުމާއި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އޮވެ އެވެ. މިހާރު އެ ކަންކަން ބަލަމުން އަންނަ އާންމު ސިއްހަތުގެ ގާނޫނުގައި އޮންނަނީ އެންމެ ބޮޑުވެގެން ވެސް 10،000ރ. ގެ ޖޫރިމަނާއެކެވެ.