Roadha Mihaaru
ކާން ހެޔޮނުވާނެ، މުޑުދާރު ކަމުގެ އިންތިހާ!

ކާން ހެޔޮނުވާނެ، މުޑުދާރު ކަމުގެ އިންތިހާ!

15 އޯގަސްޓް 2024

ގަވާއިދާ ޚިލާފު ބިދޭސީން ހުއްޓުވުމުގެ އޮޕަރޭޝަނުގައި އިމިގްރޭޝަނުން މި ފަހުން އާއްމު ކުރި ފޮޓޯއަކުން އެތައް ބަޔަކު މޭ ނުބައި ކުރި އެވެ؛ އާއްމުކޮށް ފިހާރަތަކުން ގަނެގެން ކައި އުޅޭ ބާވަތްތައް ތައްޔާރުކުރި މުޑުދާރު ކަން ފެނިފަ އެވެ. ތެލުލި ފަތް ޕެކެޓާއި ކުދި ގުޅަ އާއި ހެނލެނބެލި ހުތާއި ކުދި ފޯއް ޕެކެޓް ވިއްކަން ތައްޔާރުކޮށްފައި ހުރީ ދިވެހި ބަހުން ލޭބަލް ޖަހައިގެންނެވެ. އެކަމަކު ދިރިއުޅޭ ކުޑަ ތަންކޮޅުގައި، މި ތަކެތި ތައްޔާރު ކުރަމުން އައީ ކާން ހެޔޮނުވާހާ މުޑުދާރުކޮށެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަވާއިދާ ޚިލާފު ބިދޭސީން ހުއްޓުވުމުގެ އޮޕަރޭޝަނުގައި އިމިގްރޭޝަނުން މި ފަހުން އާއްމު ކުރި ފޮޓޯއަކުން އެތައް ބަޔަކު މޭ ނުބައި ކުރި އެވެ؛ އާއްމުކޮށް ފިހާރަތަކުން ގަނެގެން ކައި އުޅޭ ބާވަތްތައް ތައްޔާރުކުރި މުޑުދާރު ކަން ފެނިފަ އެވެ. ތެލުލި ފަތް ޕެކެޓާއި ކުދި ގުޅަ އާއި ހެނލެނބެލި ހުތާއި ކުދި ފޯއް ޕެކެޓް ވިއްކަން ތައްޔާރުކޮށްފައި ހުރީ ދިވެހި ބަހުން ލޭބަލް ޖަހައިގެންނެވެ. އެކަމަކު ދިރިއުޅޭ ކުޑަ ތަންކޮޅުގައި، މި ތަކެތި ތައްޔާރު ކުރަމުން އައީ ކާން ހެޔޮނުވާހާ މުޑުދާރުކޮށެވެ.

ދިވެހި ލޭބަލްގައި ވިއްކާތީ ދިވެއްސަކު ވިއްކަން ލާފައި ހުރި އެއްޗެއް ކަމަށް ހީކޮށް، ގަނެގެން ކެޔަސް އެއީ ދިވެހި ރަހަ ގަޑުބަޑުކޮށްގެން ބިދޭސީން ވިއްކާ އެއްޗިއްސެވެ.

އެ އޮޕަރޭޝަނުގައި ބައިވެރިވި އިމިގްރޭޝަންގެ ސީނިއާ އޮފިސަރު އިސްމާއިލް ޝަރީފް "މިހާރު" އަށް ވިދާޅުވީ އެތަން އޮތް ގޮތް ހަމަ ލޮލުން ފެނިއްޖެ ނަމަ، ދެން މި ތަކެތި ދުވަހަކު ވެސް ނުކާނަމޭ ބުނެވޭހާ އެތަން މުޑުދާރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެންވޭރުގައި އެ ތަކެތި ތައްޔާރުކުރަމުން ދިޔަ ތަނަކީ އިންޑިއާގެ އާއިލާއެއް ދިރިއުޅެމުންދިޔަ ތަނެކެވެ. އެ މީހުން އެ މަސައްކަތް ކުރުމަށް ބަންގްލަދޭޝް މީހަކު ވެސް ގެންގުޅެ އެވެ.

އިރ"މިއީ ހެންވޭރު ގެއެއްގެ ތިން ވަނަ ފިލާގައި އުޅޭ އިންޑިއާ އާއިލާއެއް. މަންމަ އާއި ބައްޕަ އާއި އެ މީހުންގެ ދައްތަ އާއި އެއް އަހަރު ނުވާ ކުއްޖަކާއި 8 ގައި ކިޔަވަމުން އަންނަ ކުއްޖަކު ވެސް އެ ތަނުގައި ދިރިއުޅޭ،" ޝަރީފް ވިދާޅުވި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބަލައިފާސްކުރި ކާބޯތަކެތީގެ ވިޔަފާރިކުރާ ގެއެއްގެ ހާލަތު-

މޯލްޑިވްސް އިމިގްރޭޝަނުން ބަލައިފާސްކުރި ކާބޯތަކެތީގެ ވިޔަފާރިކުރާ ގެއެއްގެ ހާލަތު-

އެތަނަށް ވަތް އިރު ފެނުނު މަންޒަރު ސިފަކޮށް ދެއްވަމުން ޝަރީފް ވިދާޅުވި ގޮތުގައި، ހުތް މޮޑެ، އެ ވެސް ވިއްކުމަށް ލާން ޕެކެޓްކޮށްފައި ހުރިއިރު ކޮށާފައި ހުރި ފޯއް، ފުރާޅު މަތީގައި އަވީލާފައި ހުއްޓެވެ.

"މިއަށް ބަލާއިރު އަހަރެމެންނަކީ އާންމު ދިރިއުޅުމުގައި ހުސް ދުފާ މީހުން. ކިއްލި ކާ މީހުން. މި އެއްޗެހި ފެނިއްޖެއްޔާ ހިތަށް އަރާނެ ދެން ހަމަ މި ނުކާނަމޭ،" އޭނާ ވިދާޅުވި އެވެ.

ނި

މޭޒުމަތީގައި އެކި ސާމާނުތައް ފުރިފައި: މިތަންކޮޅުގެ ތެރޭގައި ދިޔައީ ތަފާތު އެކި ކާބޯތަކެތި ހަަދައި ޕެކްކޮށް، އެ ވިއްކުމަށް ފިހާރަތަކަށް ލަމުން.

މޭޒުމަތީގައި އެކި ސާމާނުތައް ފުރިފައި: މިތަންކޮޅުގެ ތެރޭގައި ދިޔައީ ތަފާތު އެކި ކާބޯތަކެތި ހަަދައި ޕެކްކޮށް، އެ ވިއްކުމަށް ފިހާރަތަކަށް ލަމުން.

އޭނާ ވިދާޅުވީ އެ އެންމެން ނިދަނީ އެއް ކޮޓަރީގައި ތިން އެނދު ބަހައްޓައިގެން ކަމަށެވެ. އެއް ކޮޓަރި ހުރީ ފޯއް ކޮށުމާއި ގެންގުޅޭ އެކި ސާމާނުތައް ބަހައްޓަން ހާއްސަކޮށްފައި ކަމަށާއި ނިދަން ބޭނުންކުރާ ކޮޓަރީގެ ތެރޭގައި ވެސް ތަޅާފައި ހުންނަ ކިއްލިތައް ބަހައްޓާފައި ހުންނަ ކަމަށް ވިދާޅުވި އެވެ.

ފޮޓޯތަކުން ވެސް ފެނުނު ގޮތުގައި، އެ ގޭގެ ސިޓިންރޫމް ވެސް އޮތީ އެކި ސާމާނުން ފުރިފަ އެވެ.

"ކޮޓަރި ތެރޭގައި އަތު ޖެހުނު ހުރިހާ ދިމާލެއްގައި ހުންނަނީ އުކާފައި. ފޯއް ކޮށާފައި ފީ ފޯއްތައް ވެސް ހުންނަނީ ގޯނި ގޯނީގައި ގޭތެރެއަށް އުކާލާފައި. ކޮށާފައި ހުންނަ ފޯއް ހިއްކަން ލަނީ ފުރާޅު މައްޗަށް. އެވެސް ވަރަށް ހަނި، ދޮޅު ފޫޓުގެ ކުޑަ ދޮރުން ފުރާޅަށް އެރޭ ގޮތަށް ސިޑިއެއް ލާފައި އިންނަނީ،"ޝަރީފު ވިދާޅުވި އެވެ.

"މި ހުންނަ ހެލެނބެލި އެންމެ ބޮޑެތި ޕެކެޓް އެ މީހުން އިންޑިއާ އިން އެތެރެކޮށްގެން އޭތި ރޫޅައިގެން އެތަނުގައި ތައްޓެއްގެ ތެރެއަށް އަޅައިގެން އަތުން މޮޑެގެން، މި ޕެކެޓްކޮށްގެން ވިއްކަން ލަނީ. ފާހާނާ ވެސް ބޭނުންކުރޭ، ފާހަނައިން ދޮވެ ހުރިހާ ކަމެއް ކުރަނީ."

ތައްޔާރުކުރާ ކާބޯތަކެތީގައި ދިވެހި ލޭބަލް ހަރުކުރަނީ ވެސް މި ތަނުގެ ތެރޭގަ އެވެ. ލޭބަލް ޕްރިންޓުކުރުމަށް އެ ތަނުގައި ޕްރިންޓަރެއް ވެސް ހުރެ އެވެ. ދިވެއްސެއްގެ ނަން މަތީގައި އޮންނަ ކުންފުންޏެއް ނިވާފަތްގަނޑަކަށް ހަދައިގެން މިކަން ކުރަމުންދާއިރު ކުންފުނީގެ އޮފީސް ކޮބައިތޯ ސުވާލުކުރުމުން އޮފީހުގެ ގޮތުގައި ދެއްކީ ވެސް އެތަނެވެ.

"ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް އިނދޭ. ދެން ކުންފުނީގެ އޮފީހަކީ ކޮބައިތޯ ކުންފުނީގެ މަސައްކަތް ކުރަނީ ކޮންތާކުތޯ އެހީމަ ބުނީ، އޮފީހެއް ނެނގެއޭ. އެ މީހުން ބުނަނީ އެ މީހުން ދިރިއުޅޭ ތަނޭ،" ޝަރީފް ވިދާޅުވި އެވެ.

އެ މީހުން ބުނާ ގޮތުގައި ތެލުލި ފަތާއި ގުޅަ ކަހަލަ، ކާބޯތަކެތި ރަށްރަށުން ގެނެސް އެ ތަކެތި ޕެކެޓްކުރަނީ އެވެ.

އެކަމަކު ޝަރީފު ވިދާޅުވީ ތަށީގައި ހުތް މޮޑެ، ކިއްލި ތަޅައި އެ މަސައްކަތް މިތަނުގެ ތެރޭގައި ކުރާ ކަމަށެވެ. މި ތަކެތި ފާހާނާގެ ތެރޭގައި ވެސް ބަހައްޓައިގެން އެކަން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާވެ ވީރާނާވެފައިވާ ތަނުގެ ތެރޭގައި ވިޔަފާރިކުރުމަށް ތައްޔާރުކޮށްފައިވާ އެކި ކަހަލަ ތަކެތި.

ބާވެ ވީރާނާވެފައިވާ ތަނުގެ ތެރޭގައި ވިޔަފާރިކުރުމަށް ތައްޔާރުކޮށްފައިވާ އެކި ކަހަލަ ތަކެތި.

އެ ގޭތެރޭގައި ވިއްކަމުން ދިޔަ ސާމާނުގެ ފޮޓޯތައް މިދިޔަ ހަފްތާގައި އިމިގްރޭޝަނުން އާއްމުކުރުމާ އެކު "މިހާރު" ގައި ލިޔެފައިވާ ޚަބަރަށް ކޮމެންޓްކުރި މީހުން ވެސް ވަނީ މި ތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

"އައްޗީޑި.. ދެން ތިކަހަލަ ފަތް ޕެކެޓު ކާން ވެސް ފަކުރު ގަނެއްޖެ. އަހަރެމެން ހެނދުނާ ރޭގަނޑާ މިކަނީ މި އެއްޗެހި،" މީހަކު ބުންޏެވެ.

ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރި ތަން އޮތް ހާލަތު.

ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރި ތަން އޮތް ހާލަތު.

ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭކަށް ނެތް!

ނިދާ، ކައިބޮއެ ހަދައި އެ ކުޑަ އަދި މުޑުދާރު ތަނުގެ ތެރޭގައި މިފަދަ ވިޔަފާރިކުރާ އެތައް ތަނެއް އެބަ ހުއްޓެވެ. ބޮޑެތި މާޓުތަކާއި ކަންމަތީ ފިހާރަތަކުން ވެސް އެންމެ ވިކޭ ބާވަތްތަކުގެ ތެރޭގައި މިތަކެތި ހިމެނެ އެވެ.

އެކަމަކު އިމިގްރޭޝަންގެ އޮޕަރޭޝަނުގައި މި ފެނުނީ، ހަމަ އެންމެ ތަނެއްގެ ހާލަތެވެ. ކާބޯތަކެތިން މަންފާއެއް ލިބޭ ގޮތަށް މި ތަކެތި އާންމު ފިހާރަތަކަށް ވިއްކަން މި ލަނީ އެއީ ކިހިނެއް ކޮން ގޮތަކަށް ހެދި އެއްޗެއްކަން ވެސް ނޭނގި އެވެ. ވަކިން ހާއްސަކޮށް، މިފަދަ ގޮތަކަށް ރައްކާތެރިކަން ކުޑަކޮށް ތައްޔާރުކޮށްފައި ހުރި ސާމާނު ބޮޑެތި މަޝްހޫރު މާޓުތަކުގައި ހުރެދާނެ ކަމަށް މީހަކަށް ގަބޫލުކުރަން ވެސް ދަތިވެދާނެ އެވެ.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ޕެކެޓުކުރި ކާނާ: މި ވިޔަފާރީގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ޕެކެޓުކުރި ކާނާ: މި ވިޔަފާރީގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ.

މި ނޫނަސް ވަރަށް ހެނދުނާ، ފިހާރަތަކަށް ރޮއްޓާއި މަސްހުންޏާއި ސޭންޑްވިޗާއި ސްކޫލް ކުދިން އިންޓަވަލަށް ގެންދާ ކަހަލަ ފޮނި ކާއެއްޗެހި ވެސް ލާފައި ހުރެ އެވެ.

އެކަމަކު މައްސަލައަކީ މިތަންތަން އިންސްޕެކްޓް ނުކުރެވުމެވެ. ހޮޓާތަކާއި ރެސްޓޯރެންޓުތައް ދޭތެރެ ދޭތެރެއިން އިންސްޕެކްޓް ކުރިޔަސް މިގޮތަށް ވިއްކާ ސާމާނުތައް ހުންނަ ފިހާރަތައް ބަލައި އެ ގެންނަނީ ކޮންތާކުންތޯ ވެސް ނުބަލަ އެވެ.

"މިފަދަ ހާލުގައި ތައްޔާރު ކުރާ ތަކެތި ދަރިންނަށް ކާން މިދެނީ. ބަނަސް ބުރިބުރި އާއި ސޭންޑުވިޗާއި އޭތިމީތި މި މީހުން ތައްޔާރު ކުރާ ގޮތާއި އެ މަސައްކަތްކުރާ ތަނާއި ކުރާމީހުންގެ ހާލަތު އެނގޭ ބަޔަކު ނަމަ މި ތަކެތީގައި އަތް ވެސް ނުލާނެ،" މީހަކު ބުންޏެވެ.

ރާއްޖެއަށް ގެންނަ ކާބޯތަކެތީގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކަމުންދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަން ޖެހެނީ ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އަށެވެ. މީގެ ކުރިން ކެފޭ/ ރެސްޓޯރަންޓުތައް އިންސްޕެކްޓުކުރުމަށް އެމްއެފްޑީއޭ އިން ކުރާ މަސައްކަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ބައިވެރިވާ ތަން ފެނެ އެވެ.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ޕެކެޓުކުރި ކާނާ: މިތަކެތި ތައްޔާރުކުރާ ސާފުތާހިރުކަމުގެ މިންގަނޑު ބެލޭނެ ގޮތެއް ނެތް.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ޕެކެޓުކުރި ކާނާ: މިތަކެތި ތައްޔާރުކުރާ ސާފުތާހިރުކަމުގެ މިންގަނޑު ބެލޭނެ ގޮތެއް ނެތް.

ކެފޭތަކާއި ރެސްޓޯރެންޓްތައް ދޭތެރެއަކުން ބަލައި ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަން ފިޔަވަޅު އެޅި ނަމަވެސް ފިހާރަތަކަށް ލާ ކާބޯތަކެތި އެގޮތަށް އިންސްޕެކްޓެއް ނުކުރެ އެވެ.

"ފިހާރައަށް ގެންގޮސް ވިއްކަން ބަހައްޓާފައި ހުންނަ ކާބޯތަކެއްޗަކީ ކޮންތާކުން ގެންނަ ކޮން ފެންވަރެއްްގައި ހާދާފައި ހުންނަ އެއްޗެއްކަން އެނގެން އެބަޖެހޭ. ގައިމު ނުބެލޭވަރުގެ ބޮޑު ތަނެއް ނޫން ދޯ މި މާލެ މީ،" މީހަކު ކަންބޮޑުވުން ފާޅުކޮށް، ލިޔެފައިވެ އެވެ.

އިމިގްރޭޝަނަށް ވަދެވުނު އެންމެ ތަނަކުން ވެސް އެ ފެނުނީ، ކާން ހެޔޮނުވާހާ މުޑުދާރުކޮށް ކާބޯތަކެތި ވިއްކަަން ތައްޔާރުކުރަމުން ދިޔަ ތަނެވެ. މިފަދަ އެތައް ތަނެއް އަދި ހުންނާނެ ކަން ޔަގީނެވެ.

އާންމުންގެ ކަންބޮޑުވުމަކީ ރާއްޖޭގައި ތަފާތު ބަލިތައް ފެތުރެމުންދާއިރު އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ އިދާރާއެއް ނެތުމެވެ. ބިދޭސީން އެހާ މުޑުދާރުކޮށް މި ވިޔަފާރިތައް ކުރަމުންދާއިރު ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމެވެ.