Roadha Mihaaru
ހަމާސްގެ އާ ވެރިޔަކަށް ސިންވާރް

ހަމާސްގެ އާ ވެރިޔަކަށް ސިންވާރް

07 އޯގަސްޓް 2024

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އެ މަގާމަށް ޔަހްޔާ ސިންވާރް ހަމަޖައްސައިފި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އެ މަގާމަށް ޔަހްޔާ ސިންވާރް ހަމަޖައްސައިފި އެވެ.

އޭނާ އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ މޭސްތިރިޔާ ކަމަށް އިޒްރޭލުން ބުނާ މީހާ އެވެ.

ހަމާސް އަށް އާ ވެރިޔަކު އައްޔަންކޮށްފައި މި ވަނީ އީރާނަށް ވަޑައިގެން އުުޅުއްވަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ހަނިއްޔާ އަވަހާރަކޮށްލުމާ އެކު އީރާނާއި ހަމާސް އައި ހިޒްބުﷲ އިން އިޒްރޭލުގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރާ އެކު މެދުއިރުމަތީގެ ނާމާންކަން އިތުުރުވެފައި ވަނިކޮށެވެ.

ހަމާސްގެ ވެރިޔަކަށް 2017 ވަނަ އަހަރުން ފެށިގެން ސިންވާރް ހަަމަޖައްސައި އޭނާ އެތަނުގައި އުޅުއްވަމުން ގެންދެވި އިރު ހަނިއްޔާ އުޅުއްވީ ގަތަރުގަ އެވެ. އިޒްރޭލުގެ ހާހަކަށްވުރެ ގިނަ މީހުން މަރާލި އޮކްޓޫބަރު 7 ގެ ހަމަލާ އަށް ފަހު ސިންވާރް އާންމުންގެ ތެރެއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.

ހަމާސްގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަމާސް ދެމިއޮތުމަށް ގޮވާލައްވައި ސިންވާރްގެ ހާއްސަ މެސެޖެއް ލިބިފައިވާ ކަމަށެވެ.

ސިންވާރް އަށް މަގާމު ދިނުމާ އެކު އެކަމަށް މަރުހަބާ ކިޔައި، ލުބްނާންގެ ހިޒްބުﷲ އިން ބުނީ ހަމާސްގެ ވެރިން ނައްތާލައިގެން ދުޝްމަނުންނަށް ލިބުނު ކާމިޔާބީއެއް ނެތްކަން މި ނިންމުމުން ހާމަވާ ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ވަނީ މި ނިންމުމުމަކީ ވީ އެންމެ އަވަހަކަށް ސިންވާރް އާއި މުޅި ހަމާސް ވެސް ނެތިކޮށްލަން ޖެހިފައިވާކަން ހާމަކޮށްދޭ ނިންމުމެއް ކަމަށެވެ.

ދިރާސާކުރާ މީހުން ބުނާ ގޮތުގައި އިޒްރޭލާއި ހަމާސްގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި ސިންވާރް ވާނީ އެއްބަސްކުރުވަން އުނދަގޫ ބޭފުޅަކަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިއްޔެ ވިދާޅުވި ގޮތުގައި، މިހާރު އެއްބަސްވުމަކާ މެދު ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ސިންވާރްގެ އަތްމަތީގައި ކަމަށެވެ. -- އޭއެފްޕީ