Roadha Mihaaru
ފަލަސްތީނުގެ ދެ ސަރުކާރު އެއްބައިވަނީ

ފަލަސްތީނުގެ ދެ ސަރުކާރު އެއްބައިވަނީ

31 ޖުލައި 2023

ފަލަސްތީނުގައި ދާޚިލީ ސުލްހަވެރިކަން ގާއިމުކުރުމުގެ ގޮތުން، ދެ ސަރުކާރު ބައިވެރިވާ އެއްބައިވަންތަކަމުގެ ކޮމިޓީއެއް އެކުލަވައިލުމަށް، ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތަހް ޖަމާއަތާއި ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ.

ފަލަސްތީނުގައި ދާޚިލީ ސުލްހަވެރިކަން ގާއިމުކުރުމުގެ ގޮތުން، ދެ ސަރުކާރު ބައިވެރިވާ އެއްބައިވަންތަކަމުގެ ކޮމިޓީއެއް އެކުލަވައިލުމަށް، ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތަހް ޖަމާއަތާއި ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ.

މި ކަމަށް އެއްބަސްވީ، ހުޅަނގު އައްސޭރީގައި އޮތް ފަތަހް ޖަމާއަތުގެ ސަރުކާރުގެ ރައީސް މަހްމޫދު އައްބާސް އާއި ގާޒާގައި އޮތް ހަމާސް ޖަމާއަތުގެ ސަރުކާރުގެ އެންމެ އިސް ވެރިޔާ އިސްމާއީލް ހަނިއްޔާ، އިއްޔެ މިސްރުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. މިސްރުގެ އައްސޭރި ފަށުގެ ސަހަރެއް ކަމަށްވާ އަލް އަލަމައިންގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި، ފަލަސްތީނުގެ ސިޔާސީ އެހެން ޕާޓީތަކުގެ މަންދޫބުން ވެސް ބައިވެރިވި އެވެ.

ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ފަލަސްތީނުގެ ދެ ސަރަހައްދުގައި އޮތް ދެ ސަރުކާރުގެ މެދުގައި އުފެދިފައިވާ ދުރުކަން ނައްތާލައި ގާތްކަން އެފެއްދުމެވެ.

"މިއީ އަހަރެމެންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު އަދި އެންމެ ފުރަތަމަ ފިޔަވަޅު. މި ފިޔަވަޅަށް ފަހުގައި، އަހަރެމެން ހާސިލުކުރަން ބޭނުންވާ އަމާޒަށް ވަރަށް އަވަހަށް ވާސިލުވެވޭނެ ކަމަށް އުންމީދު ކުރަން،" ހަނިއްޔާއާ އެކުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ނެރުނު ބަޔާނެއްގައި، ރައީސް މަހްމޫދު އައްބާސް ވިދާޅުވި އެވެ.

"މަޝްވަރާތައް ކުރިއަށް ގެންގޮސް، ބައިބައިވުންތައް ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމަށް ކޮމިޓީއެއް އެކުލަވައިލަން ނިންމައިފިން. ގާނޫނީ ހައިސިއްޔަތު ލިބިގެންވާ އެއް ލަޝްކަރެއް އޮންނަ، އެއް ގާނޫނީ ނިޒާމެއް އަދި ވެރިކަމުގެ އެއް ނިޒާމު އޮންނަ އެއް ދައުލަތަކަށް އަހަރެމެން އެނބުރި ދާން އެބަޖެހޭ."

މި ބައްދަލުކުރެއްވުމުގައި ހަނިއްޔާ ވަނީ، ސަލާމަތީ ކަންކަމުގައި ފަލަސްތީނު ސަރުކާރުން އިޒްރޭލު ސަރުކާރަށް އެއްބާރުލުން ދިނުން ހުއްޓައިލުމަށާއި، ފަލަސްތީނުގެ ސިޔާސީ ލީޑަރުން ހައްޔަރުކުރުން ހުއްޓައިލުމަށް މަހްމޫދު އައްބާސްއަށް ދަންނަވައިފަ އެވެ. އޭގެ އިތުރުން ހަނިއްޔާ ވިދާޅުވީ ފަލަސްތީނުގެ ސިޔާސީ ހުރިހާ ޕާޓީތައް ވާދަކުރާ މިނިވަން އިންތިޚާބެއް ބާއްވައިގެން، ގާނޫނު ހަދާ މަޖިލިސް އަލުން އެކުލަވައިލަންޖެހޭނެ ކަމަށެވެ.

ގައުމީ އެއްބައިވަންތަކަމުގެ ބައްދަލުވުމަށް ފަހު ރައީސް މަހުމޫދު އައްބާސް ވިދާޅުވީ ދެން އެންމެ އަވަހަށް މިސްރުގައި ބާއްވާ މިފަދަ ބައްދަލުވުމެއްގައި، ފަލަސްތީނުގެ ވެރިކަމުގެ 17 އަހަރުވީ ބައިބައިވުން ނިމުމަކަށް އައިކަން އިއުލާންކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން ފަލަސްތީނުގައި 2006 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރީ ހަމާސް ޖަމާއަތުންނެވެ. ނަމަވެސް ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތާއި ހަމާސް ޖަމާއަތާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު، ހުޅަނގު އައްސޭރީގައި ފަތަހްގެ ބާރު ގަދަވެ، ގާޒާގައި ހަމާސްގެ ވަކި ވެރިކަމެއް އިއުލާންކުރި އެވެ.

އޭގެ ފަހުން މިހާތަނަށް ވެސް ހުޅަނގު އައްސޭރީގަ އާއި ގާޒާގައި ކުރަމުން އަންނަނީ މުޅިން ވަކި ވެރިކަމެކެވެ. އަދި ގާޒާގައި ހަމާސްގެ ވެރިކަމެއް ގާއިމުކުރުމާ ވިދިގެން އިޒްރޭލުން ގާޒާ ހިސޯރުކޮށްފައި އޮންނަތާ ވެސް މިހާރު 17 އަހަރުވީ އެވެ.