Roadha Mihaaru
ހަމާސްގެ ލީޑަރަކަށް އަނެއްކާވެސް ހަނިއްޔާ

ހަމާސްގެ ލީޑަރަކަށް އަނެއްކާވެސް ހަނިއްޔާ

02 އޯގަސްޓް 2021

ގުދުސް (އޮގަސްޓް 1) - ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ވެރިޔާގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އިސްމާއީލް ހަނިއްޔާ އިންތިހާބުކޮށްފައިވާ ކަމަށް، އެ ޖަމާއަތުން އިއްޔެ ބުނެފި އެވެ.

ގުދުސް (އޮގަސްޓް 1) - ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ވެރިޔާގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އިސްމާއީލް ހަނިއްޔާ އިންތިހާބުކޮށްފައިވާ ކަމަށް، އެ ޖަމާއަތުން އިއްޔެ ބުނެފި އެވެ.

ފަލަސްތީނުގެ ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ ވެރިޔާގެ މަގާމަށް، އިސްމާއީލް ހަނިއްޔާ އެންމެ ފުރަތަމަ އިންތިހާބު ކުރީ 2017 ވަނަ އަހަރު އެވެ. އޭގެ އިތުރުން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް، ހަމާސް ޖަމާއަތުގެ ހަރަކާތްތައް ވިލަރެސް ކުރައްވަމުން ގެންދަވަނީ، މީގެ ދެ އަހަރު ކުރިން ފެށިގެން، ތުރުކީ ވިލާތާއި ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ހަނިއްޔާ އެވެ.

"އަހަރެމެންގެ އަޚް އިސްމާއީލް ހަނިއްޔާ ވަނީ، މި ހަރަކާތުގެ ސިޔާސީ އޮފީހުގެ އެންމެ އިސް ވެރިޔާގެ މަގާމަށް ދެ ވަނަ ފަހަރަށް އިންތިހާބުވެފައި،" ހަމާސް ޖަމާއަތުގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އޭޖެންސީ އަށް ބުންޏެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި އިސްމާއީލް ހަނިއްޔާ އިންތިހާބު ކުރީ ހަތަރު އަހަރުގެ ދައުރަކަށެވެ. ހަމާސް ޖަމާއަތުގެ މެންބަރުންގެ މެދުގައި ބޭއްވި ވޯޓުލުމެއްގައި، އޭނާ އެ މަގާމަށް އިންތިހާބުވީ އިތުރު އެހެން ބޭފުޅަކާ ވާދަ ކުރެއްވުމެއް ނެތި އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އިޒްރޭލް ސިފައިންނާއި ހަމާސް ޖަމާއަތާ ދެމެދު ހިނގި 11 ދުވަހުގެ ހަނގުރާމައިގައި ވެސް، ހަމާސް ޖަމާއަތުގެ ހަމަލާތައް ކުރިއަށް ގެންދިޔައީ އޭނާގެ މޭސްތިރި ކަމުގެ ދަށުންނެވެ. އެ ހަނގުރާމައިގައި ގާޒާ އިން 250 އަށް ވުރެ ގިނަ މީހުން އަދި އިޒްރޭލުން 13 މީހުން މަރުވި އެވެ. ހަނގުރާމަ ހުއްޓުނީ މިސްރު މެދުވެރިވެގެން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ދެކެވުނު ވާހަކަތަކަށް ފަހު އެވެ.

އިސްމާއީލް ހަނިއްޔާ އަކީ ހަމާސް ޖަމާއަތުގެ ކުރީގެ ވެރިޔާ އަދި އެ ޖަމާއަތުގެ ބާނީ ޝައިޚް އަހްމަދު ޔާސީންގެ އެންމެ އަރިސް ބޭފުޅާ އެވެ. ޝައިޚް ޔާސީން އަވަހާރަކޮށްލީ، އިޒްރޭލު ސިފައިން ދިން މިސައިލް ހަމަލާތަކެއްގައި، 2004 ވަނަ އަހަރު އެވެ.

ކުރިން މުޅިން ވެސް އަސްކަރީ ހަރަކާތްތައް ހިންގަމުން އައި ހަމާސް ޖަމާއަތް، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ފެށީ، އިސްމާއީލް ހަނިއްޔާގެ ވެރިކަމުގައި 2006 ވަނަ އަހަރު އެވެ. އެ އަހަރު ފަލަސްތީނުގައި ބޭއްވި އާންމު އިންތިހާބުގައި، އޭރުގެ ވެރިކަން ކުރި ޕާޓީ ފަތަހް ޖަމާއަތުގެ މައްޗަށް، ހަމާސް ޖަމާއަތް ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯދައިގެން، ފަލަސްތީނުގެ ބޮޑުވަޒީރުގެ މަގާމަށް، އިސްމާއީލް ހަނިއްޔާ އިސްކުރެވުނެވެ.

ނަމަވެސް އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުން، އިސްމާއީލް ހަނިއްޔާގެ ސަރުކާރު ގަބޫލެއް ނުކުރެ އެވެ. އިންތިހާބުގެ ކާމިޔާބަށް ފަހު، ހުޅަނގު އައްސޭރި އާއި ގާޒާގައި، ހަމާސް ޖަމާއަތާއި ފަތަހް ޖަމާއަތުގެ މެދުގައި އުފެދުނު ދާހިލީ ހަނގުރާމައިގައި، ފަތަހް ޖަމާއަތުގެ މައްޗަށް ހަމާސް ޖަމާއަތް ކުރި ހޯދައި، ގާޒާގައި ހަމާސްގެ އަމިއްލަ ވެރިކަމެއް، 2007 ވަނަ އަހަރު ގާއިމު ކުރި އެވެ.

ގާޒާ އަށް ހަމާސް ޖަމާއަތް ވެރިވުމާ އެކު، އިޒްރޭލުން ގާޒާ ހިސާރުކުރި އެވެ. އޭގެ ފަހުން، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މިހާތަނަށް ބޮޑު ހަތަރު ހަނގުރާމަ ހިނގާފައިވެ އެވެ. އޭގެ ތެރޭގައި މިދިޔަ މެއި މަހުގެ ތެރޭގައި 11 ދުވަސް ވަންދެން ކުރި ހަނގުރާމަ ހިމެނެ އެވެ.