Roadha Mihaaru
ލަންކާގެ ރައީސްކަމަށް ނަމާލް ވާދަކުރައްވަނީ

ލަންކާގެ ރައީސްކަމަށް ނަމާލް ވާދަކުރައްވަނީ

06 އޯގަސްޓް 2024

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލްގެ ނަން ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) ޕާޓީގެ ފަރާތުން ހުށަހަޅަން ނިންމައިފި އެވެ.

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލްގެ ނަން ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) ޕާޓީގެ ފަރާތުން ހުށަހަޅަން ނިންމައިފި އެވެ.

އެސްއެލްޕީޕީ އިން ރިޔާސީ ޓިކެޓް ހޯދުމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ބިލިއަނަރު ދަމިނިކަ ޕެރޭރާ ވެސް މަސައްކަތްކުރެއްވި އެވެ. އެކަމަކު އޭނާ ވާދަ ނުކުރައްވަން ނިންމެވުމާ އެކު ނަމާލް އަކީ އެސްއެލްޕީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިއުލާނުކުރަން މިއަދު ވަނީ ނިންމާފައި ކަމަށް ލަންކާގެ ބައެއް ނޫސްތަކަށް އެ ޕާޓީގެ ވެރިން ކަށަވަރުކޮށްދީފައިވެ އެވެ.

އުމުރުން 38 އަހަރުގެ ނަމާލް ވާނީ މިފަހަރު ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓަށެވެ. އަދި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވާނީ ލަންކާގެ އެންމެ ޒުވާން ރައީސަށެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ނަމާލް ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވީ 2010 ވަނަ އަހަރު ހަމްބަންޓޯޓާ ޑިސްޓްރިކްޓަށް ވާދަކޮށެވެ. އޭނާގެ ބައްޕާފުޅު ރައީސްކަމަށް ވަޑައިގަތީ ހަމްބަންޓޯޓާގެ މެންބަރުކަން 16 އަހަރު ކުރެއްވުމަށް ފަހު 2005 ވަނަ އަހަރު އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 21 އަށެވެ.

ލަންކާގެ ބޭރުގެ ދަރަނި އަދާނުކުރެވި 2022 ވަނަ އަހަރު ބަނގުރޫޓުވުމާ އެކު އުފެދުނު ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް، ނަމާލްގެ ބޮޑުބޭބޭފުޅު ގޮޓާބެ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން މަޖުބޫރުވި އެވެ. އޭގެ ފަހުން، ރައީސްކަމުގެ ދައުރު ފުރިހަމަކުރައްވަން ރައީސްކަމުގެ މަގާމަށް ގާނޫނު ހަދާ މަޖިލީހުން ކަނޑައެޅި ރަނިލް ވިކްރެމަސިންހާ މިފަހަރު އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ކަމަށް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ.

ރަނިލްގެ އެއް ވާދަވެރިޔަކަށް ވާނީ ކުރިން ޕާޓީގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަޖިތު ޕްރެމަދާސަ، 57، އެވެ. ދެން ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައި ވަނީ ލަންކާއަށް އެހީވުމުގައި އައިއެމްއެފުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާ އަނޫރާ ކުމާރާ ޑިސަނަޔަކަ، 55، އެވެ.

އިދިކޮޅު ހުރިހާ ކެންޑިޑޭޓުން ވެސް، ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އައިއެމްއެފްގެ އެހޯ ހޯދި ގޮތާއި އައިއެމްއެފުން ކުރިމަތިކޮށްފައިވާ ޝަރުތުތަކާ ދެކޮޅަށް ގެންދަނީ ވާހަކަ ދައްކަމުންނެވެ.